އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ހައި ކޮމިޝަނަރާއި އެ ގައުމުގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ޔުނިޓުގެ އިސް މެމްބަރަކު ޕޮލިސް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) އާ ބައްދަލުކުރައްވައިފި އެވެ.
ޑެޕިއުޓީ ހައި ކޮމިޝަނަރު ޓޮފް ވަހާބް އާއި އިނގިރޭސިވިލާތުގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ޔުނިޓުގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ޕްރޮޖެކްޓް އެންޑް ޕްރިޕެއާޑްނަސް އޮފިސަރު މެތިއު ޕޮޓްސްއާ އެކު މި ބައްދަލުވުން އޮތީ އިއްޔެ އެވެ.
"މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ތަމްރީނު ދިނުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން މުއައްސަސާ ތަރައްގީކުރުމުގެ ދާއިރާއިން އިނގިރޭސިވިލާތުން ދިވެހި ފުލުހުންނަށް ދެމުންގެންދާ އެހީތެރިކަން ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން، ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޓެރަރިސްޓު ހަމަލާއެއް ރާއްޖެއަށް ދީފި ނަމަ ހުޝިޔާރުވެ ތިބުމަށާއި ފާރަވެރިކަމާއެކު އެފަދަ ހަމަލާއަކަށް ރެސްޕޮންޑު ކުރުމުގެ ހުނަރުތައް އެ ޕްރޮގްރާމުގައި ދަސްކޮށްދީފައިވާ ކަމަށެވެ.
އޭގެ އިތުރުން ފުލުހުންގެ ފަންނީ ހުނަރުތައް ކުރިއެރުވުމާއި، އޮޕަރޭޝަނަލް ތައްޔާރީތައް ވަރުގަދަކުރުމާއި، ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭ މަޝްވަރާ ކުރެއްވި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ ކުރިން ވެސް އިނގިރޭސިވިލާތުން ވަނީ ފުލުހުންގެ ގާބިލްކަން އިތުރުކުރަން އެހީތެރިވެފަ އެވެ. އެގޮތުން ޓެރަރިޒަމް ހުއްޓުވުމާ ގުޅޭ ހާއްސަ ތަމްރީނެއް މިދިޔަ އަހަރު ދިވެހި ފުލުހުންނަށް އަމާޒުކޮށް ހިންގީ އިނގިރޭސި ސަރުކާރުގެ "އިންޓަނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއާ" ޕްރޮގްރާމްގެ ދަށުންނެވެ.
ރާއްޖޭގައި ފާހަގަކޮށްލެވޭ ޓެރަރިޒަމްގެ ދެ ހަމަލާއެއް ދީފައިވެ އެވެ. އެއީ ސެޕްޓެމްބަރު، 2007، ގައި ސަލްޓަންޕާކުގައި ކުޑަ ބޮމެއް ގޮއްވާލައިގެން ދިން ހަމަލާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6، 2021، ގައި ދިން ބޮމުގެ ހަމަލާ އެވެ.
ޔޫކޭ ޑެޕިއުޓީ ހައި ކޮމިޝަނަރާއި އެންޓި ޓެރަރިޒަމް އިސް އޮފިޝަލެއް ޕޮލިސް ކޮމިޝަނަރާ ބައްދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ