ލަންދޫގައި ހުމެއްގައި ގިނަ ބަޔަކު ބަލިވަނީ؛ އެޗްޕީއޭން ލަފާ ދިނީ ޓެސްޓުތައް ހެދުމަށް

ނ. ލަންދޫގައި ހުމެއް ފެތުރި، ގިނަ ބަޔަކު ބަލިވަމުންދާތި ކޮވިޑާއި އިންފްލުއެންޒާއަށް ޓެސްޓުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ލަފާދީފި އެވެ. 
ވީ ކިހިނެއް؟ - ލަންދޫ ސިއްހީ މަރުކަޒުން ބުނި ގޮތުގައި، އާއްމުކޮށް ގަދައަށް ހުން އައިސް، ކެއްސާ، ގައިގެ ވަރުދެރަކޮށްލާ އެ ބަލި ފެތުރެން ފެށީ މި ޗުއްޓީގެ ތެރޭގަ އެވެ. އެގޮތުން ހައްޖު ދުވަހުން ފެށިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ ތަނުން ބުންޏެވެ.
ތަފްސީލް - ލަންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި:
މިހާރު ކޮންމެ ދުވަހަކުހެން 30އަށް ވުރެ ގިނަ މީހުން ބަލިވެގެން ޑޮކްޓަރަށް ދައްކާ
ގިނަ ބަޔަކު އެޑްމިޓްކޮށްގެން ވެސް ފަރުވާ ހޯދަން ޖެހޭ
އޭނާ ވިދާޅުވި ގޮތުގައި، ބަލިވެގެން ސްކޫލަށް ނުދާ ކުދިންގެ އަދަދު ވެސް އެހާ ގިނަ އެވެ. އެކަމަކު ސްކޫލު އަދި ބަންދު ނުކުރާ ކަމަށާއި ފުރަތަމަ ބަލި ދެނަގަތުމަށް ޓެސްޓުތައް ހެދުމަށް ފަހު ވަކި ގޮތެއް ނިންމަން އެދިފައިވާ ކަމަށް ބުނެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މި ތައްޔާރުވަނީ ކޮވިޑާއި އިންފްލުއެންޒާގެ ސާމްޕަލްތައް ނެގުމަށް. މިއީ ކޮން ހުމެއްކަން ދެނެގަނެވޭނީ އޭރުން،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިއްމު - އިންފްލުއެންޒާ އާއެކު ހުމުގެ ރޯގާއެއް ފެތުރޭތީ ސަމާލުވުމަށް، މިދިޔަ މަހުގެ ތެރޭގައި އެޗްޕީއޭން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ބަލިތަކުން ރައްކާތެރިވެތިބުމަށްޓަކައި ސަމާލުކަން ދޭންވީ ކަންކަން ވެސް އެޗްޕީއޭން ފާހަގަކުރި އެވެ. އޭގެ ތެރޭގައި:
ހުން އައިސް ނުވަތަ ނޭވާލާ ނިޒާމުގެ ބައްޔެއްގެ އަލާމަތްތައް ފެންނަ ނަމަ ގޭގައި މަޑުކުރުމާއި އާންމު އެއްވުންތަކާއި ހަރަކާތްތަކުގައި ބައިވެރިނުވުން
ހާލަތު ގޯސްވާނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުމާއި ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން
އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން
ހިބަ ބިހަށް ޝައްކުވެގެން ޓެސްޓު ހަަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވުން
ދަތުރުފަތުރުކުރުމަށް ދާއިރާއި އާންމުކޮށް މީހުން ގިނައިން އެއްވެ އުޅޭ ބަންދު ތަންތަނުގައި މާސްކު އެޅުން
ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއެކު ބަލިން ރައްކާތެރިވުމަށް އަދި ބޮޑުވަރުވިޔަ ނުދިނުމަށް ވެކްސިން ފުރިހަމަކުރުން
މަދިރިން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުމާއެކު ނިވާކަން ބޮޑު ހެދުން އެޅުމާއި މަދިރިއަށް ވަދެވޭ ގޮތަށް ހުންނަ ތަންތަން ބަންދުކުރުން؛ މަދިރި އާލާވާ ތަންތަން ނައްތާލުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ