ބަހްރެއިނާއި ކުވައިތަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ބަހްރެއިނާއި ކުވައިތުގެ މަދަނީ ވައިގެ ސަރަހައްދުތަކަށާއި މުހިންމު ތަންތަނަށް އަމާޒުކޮށް ދީފައިވާ ޑްރޯން އަދި މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން މިއަދު ކުށްވެރިކޮށްފި އެވެ. 
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ހަމަލާތަކަކީ ބަހްރެއިންގެ ރަސްކަމާއި ކުވައިތުގެ ދައުލަތުގެ އިސްތިގުލާލަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ. އަދި އެ ހަމަލާތަކަކީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވެސް ރާއްޖެއިން ދެކޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ބަހްރެއިނާއި ކުވައިތުގެ ސަރުކާރާއި ރައްޔިތުންނާއެކު ރާއްޖެ އޮތްކަން ހާމަކުރާ ހާލު، އެ ގައުމުތަކުގެ އިސްތިގުލާލާއި ސަލާމަތާއި ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށް އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް ރާއްޖެއިން ތާއީދުކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، މަސްރަހު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށް، ސަރަހައްދުގެ ނުތަނަވަސްކަން ކުޑަކުރުމަށާއި ހަމަޖެހުން ގާއިމް ކުރުމަށް މަޝްވަރާ އާއި ހާރިޖީ މަސައްކަތްތައް ކުރުމަށް ރާއްޖެއިން ވަނީ ގޮވާލައިފަ އެވެ.
އީރާނާއި އެމެރިކާ އިން ހަމަލާތައް މެދުކަނޑާލަން އެއްބަސްވުމަށް ފަހު އަނެއްކާވެސް ހާލަތު ގޯސްވެފައި ވަނިކޮށް، އީރާނުން އިއްޔެ ދިން ކަމަށް ބުނާ ހަމަލާތަކުގައި ކުވައިތުގެ އެއާޕޯޓަށް ގެއްލުންވެ ދަތުރުތައް މެދުކަނޑާލަން ޖެހުނެވެ.
ނަމަވެސް، އީރާނުން ބުނެފައިވާ ގޮތުގައި އެއީ އެ ގައުމުން ދިން ހަމަލާތަކެއް ނޫނެވެ. 
ކުވައިތުން ބުނީ އީރާނުން މިސައިލާއި ޑްރޯނުން ދިން ހަމަލާތަކުގައި ފަސިންޖަރުންގެ ޓާމިނަލަށް ގެއްލުންވެ ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. އަދި އެމެރިކާ އާއި ބަހުރެއިނުން ވަނީ އީރާންގެ ހަމަލާތަކެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ