ފަނޑިޔާރުންގެ ބެންޗުން ޚަސްމުންގެ ބެންޗަށް: ސުއޫދު އަލުން ސުޕްރީމް ކޯޓަށް
ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، އިހުތިޖާޖު ކުރުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު، އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ވަކީލެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ވަޑައިގެންފިއެވެ. ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ސަސްޕެންޑްކޮށް، ސަރުކާރުން ފަނޑިޔާރުންނަށް ބިރު ދައްކަމުން ގެންދާ ކަމަށް ވިދާޅުވެ، ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ މާރިޗު މަހެވެ. ސުއޫދު ހިމެނޭހެން އެ ސަސްޕެންޝަން އައީ، މަޖިލީހުގެ މެންބަރުން ވަކި ކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރެއް ނެރެދިނުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ. އޭގެ ފަހުން އެނގިފައިވާ ގޮތުގައި ދަށު ކޯޓުތަކުގައި ހިނގި ބައެއް މައްސަލަތަކުގައި ސުއޫދު ކޯޓަށް ވަޑައިގެންނެވި ނަމަވެސް، ސުޕްރީމް ކޯޓަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ. ސުއޫދު ސުޕްރީމް ކޯޓަށް މިއަދު ވަޑައިގެންނެވީ، އެ ކޯޓުން ބަލަމުންދާ އިންތިޚާބާ ބެހޭ މައްސަލައެއްގައެވެ. އެއީ، މިދިޔަ ކައުންސިލް އިންތިޚާބުގެ މ. ވޭވަށު ކައުންސިލް މެންބަރު ގޮނޑިއަށް ވޯޓުލީ ތިން ކަރުދާހެއްގައި ތިކިތަކެއް ހުރުމުން އެ ތިން ވޯޓު ކަރުދާސް ބާތިލުކޮށް ހައިކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު މަޖިލީހަށެވެ. ސުއޫދު ތަމުސީލުކުރެއްވީ މައްސަލަ ހުށަހެޅި އެމްޑީޕީ ކެންޑީޑޭޓެވެ. އަލްއުސްތާޛު ޙުސްނުއްސުޢޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރީ ޑިސެންބަރު 8، 2019 ގައެވެ. އެއީ އެމްޑީޕީގެ ވެރިކަމުގައެވެ. ސުއޫދަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއީންސްލޭންޑުން މާސްޓާ އޮފް ލޯސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލަރ އޮފް ލޯސް ހާސިލުކުރެއްވިއެވެ. ސުއޫދު އަދާކުރެއްވި މުހިންމު މަގާމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ބަންޑާރަނައިބުކަން، ރިޔާސީ ކޮމިޝަން އޮން މާޑާ އެންޑް އެންފޯސްޑް ޑިސަޕިއަރެންސަސްގެ ރައީސްކަން އަދި ސިވިލް ކޯޓުގެ ފަނޑިޔާރުކަން ހިމެނެއެވެ. ސުޢޫދަކީ ރާއްޖޭގެ ގާނޫނީ ދާއިރާގައި ވަރަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޚާއްޞަކޮށް ގާނޫނީ ދާއިރާއިން ގިނަ ފޮތްތަކެއް އޭނާ ވަނީ ލިޔުއްވާފައެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނު، އާއިލާއާބެހޭ ގާނޫނު، އަދި އިސްލާމީ ޝަރީޢާގެ އުސޫލުތަކާ ގުޅޭ ފޮތްތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ