ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ހުވަދު އަތޮޅަށް ޔެލޯ އެލާޓް

ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ހުވަދު އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.
މެޓުން މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު ފަހު 1:15 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.
މިއަދުގެ މޫސުން ލަފާކޮށްފައިވާގޮތަށް ބަލާއިރު މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވަރޭވެހުން އެކަށީގެންވާކަމަށްވެސް މެޓުން ބުނެފައިވެއެވެ.
އެ އިދާރާއިން ބުނީ ދެކުނާއި ހުޅަނގު ދެކުނުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މެލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައު ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
މެޓުން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.
ރާޅުގެ އުސްމިން ހުންނާނެވަރު ލަފާކޮށް އެ އޮފީހުން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދުގައިކަމަށެވެ. އަދި ދެކުނުގެ ކަނޑުތައް ހުންނާނީ ތިން ފޫޓާއި ހަފޫޓާއި ދެމުގައިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ