ހެކި ގަރީނާ ހުއްޓަސް ފެނަކަ އެމްޑީ އަފީފަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަ ފައިލްކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އަފީފް ހުސެއިންއަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލައެއްގައި ދައުވާ ނުކޮށް އެ މައްސަލަ ފައިލްކޮށްފި އެވެ.
އަފީފަށް ތުހުމަތުވާ މައްސަލައަކީ މީގެ ފަސް އަހަރު ކުރިން އޭސީސީއަށް ހުށަހަޅާފައި އޮތް މައްސަލައެކެވެ. މައްސަލަ ހުށަހަޅާފައި ވަނީ މާލެ ސިޓީގެ ކުރީގެ ކައުންސިލަރު، ސައިފް ފާތިހު އެވެ.
އޭނާ އޭސީސީއަށް ހުށަހެޅީ ޕަބްލިކް ވޯކްސްގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި އަފީފު ހުންނެވި އިރު، މިނިސްޓްރީއެއްގެ ގަރާޖަކަށް އަފީފްގެ ޕްރައިވެޓް ވެހިކަލެއް ރެޖިސްޓްރީ ކުރި ކަމަށް ތުހުމަތުވާ މައްސަލައެކެވެ.
ސައިފް އިއްޔެ ވަނީ އޭސީސީން އޭނާއަށް ފޮނުވި އެ މައްސަލަ ބަލައި ނިންމިކަމުގެ ލިޔުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެ ލިޔުމުގައިވާ ގޮތުން އެ މައްސަލައިގައި އަފީފްއާ ދެކޮޅަށް ހެކި ހުރި ނަމަވެސް، ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމައި މައްސަލަ ވަނީ ފައިލްކޮށްފަ އެވެ.
”ދެންނެވިފައިވާ މައްސަލަ މި ކޮމިޝަނުން ތަހުގީގުކޮށް ބެލި ބެލުމުން، ޖިނާއީ ކުށެއް ސާބިތުވާ މިންވަރަށް ތަހުގީގަށް ހެކި ގަރީނާ ލިބިފައި ވާތީ، މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ކޮރަޕްޝަންގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް، މި މައްސަލައަކީ އެ އޮފީހުން ދައުވާ ނުކުރުމަށް ނިންމާފައިވާ މައްސަލައެއް ކަމަށް ވާތީ، މި މައްސަލަ ފައިލް ކުރުމަށް ނިންމީ،“ އޭސީސީގެ ލިޔުމުގައި ބުނެފައިވެ އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ގާނޫނުން ލާޒިމުކޮށްފައި އޮންނަނީ އޭސީސީއަށެވެ. އެ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކުގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބުނި ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމާނީ ޕީޖީގެ އޮފީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ