ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރުން ފާހަގަކުރަން ޒުވާން ހަތީބުންގެ މަހާސިންތާއެއް ބާއްވަނީ

ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރޭ ތާރީހާ ދިމާކޮށް، ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާއެއް ބާއްވަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އެ މަހާސިންތާ ބާއްވަން ނިންމާފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރާ ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހު އެވެ. މިއަހަރު އެ ދުވަސް ދިމާވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހާ އެވެ. 
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވަނީ އެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ މަހާސިންތާއަށް މައްކާގެ މަސްޖިދުލްހަރަމްގެ އިމާމެއް ކަމަށްވާ ޝައިހު ޑރ. ޔާސިރް އައްދައުސަރީ އަށް ދައުވަތު ފޮނުވާފައިވާ ކަމަށެވެ. 
އެ މަހާސިންތާގައި 1,000 ޒުވާން އިމާމުންނާއި ހަތީބުންގެ އިތުރުން ޒުވާން ހާފިޒުން ވެސް ބައިވެރިވާނެ ކަމަށާއި އަތޮޅުތަކުގައި ތިބި ޒުވާން ހަތީބުން މާލެ ގެނައުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޒުވާން ހަތީބުންގެ އަދަދު މިހާރު ހުރީ 532 ކަމަށާއި އަދި ހާފިޒުންގެ ދަފްތަރުގައި 307 ހާފިޒުން ރަޖިސްޓްރީވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން 1,000 ހަތީބުން ހަމަކުރުމަށް މިނިސްޓްރީން ވަނީ އަމާޒު ހިފައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ބައިވެރިންނަށް ފޯމް ހުށަހެޅުމަށް މިމަހު އިއުލާނުކުރާނެ ކަމަށެވެ. އޭގެ އިތުރުން ޒުވާން ހަތީބުން މިހާރުން ފެށިގެން ތައްޔާރުވުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ