ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގެ މި ފަހަރުގެ ސީޒަންގެ ކުޅުން ދ. ޒޯނުން ފެށިއިރު، އިއްޔެ ކުޅުނު މެޗުތަކުން، އަންގްސާނާ ވެލާވަރު އާއި ނިޔާމަ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އިން މޮޅެއް ހޯދައި، މި ޒޯނުގެ ފޯރި ގަދަކޮށްލައިފި އެވެ.
ދި، އެސްޓީ، ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓުން ވަނީ 2-1 އިން ނިޔާމަ ބަލިކޮށްފަ އެވެ. ދ. ޒޯނުގެ ފުރަތަމަ ދުވަހު ކުޅުނު އަނެއް މެޗުން، ވެލާވަރު އާއި ބަގްލިއޯނީ މޯލްޑިވްސްއާ 1-1 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުތައް އިއްޔެ ބޭއްވިއިރު، ވޮއްމުލި އަތުން ވެލާވަރު މޮޅުވީ، 4-2 އިންނެވެ. އަދި، ނިޔާމަ އިން ވަނީ ބަގްލިއޯނީ އަތުން 3-1 އިން މޮޅުވެފަ އެވެ. މި ނަތީޖާތަކާ އެކު ދ. ޒޯނުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.
މި ޒޯނުގެ ތާވަލަށް ބަލާއިރު ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެއް ވަނައިގައި އޮތީ ވެލާވަރު އެވެ. ދެ ވަނައިގައި އޮތް ނިޔާމަ އާއި ތިން ވަނައިގައި އޮތް ވޮއްމުލި އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ބަގްލިއޯނީ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ދ. ޒޯންގެ މެޗުތައް ރޭވިފައިވާ ގޮތުން، ލީގު ބުރެއް ކުޅުމަށް ފަހު، އެއް ވަނަ ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. އަދި، ދެ ވަނަ އާއި ތިން ވަނަ ހޯދާ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށް ފަހު، ފައިނަލުގެ ފަހު ޖާގަ ޔަގީންވެގެންދާނެ އެވެ. ސެމީ ފައިނަލް މެޗު މި މަހު ހަ ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ފައިނަލް މެޗު އޮތީ މި މަހު އަށް ވަނަ ދުވަހު އެެވެ.
ވެލާވަރުގައި މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު، ވެލާވަރު ޓީމުން އިއްޔެ ވޮއްމުލި ކޮޅަށް ލަނޑުތައް ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަލީ ޝާމިއު (މައިތޯ) ދެ ގޯލާއި މުހައްމަދު ޝާހު އަދި އަލީ ހައިޝަމް ހަސަން، ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ. ވޮއްމުލީގެ ލަނޑުތައް ޖެހީ އާމިލް އަލީ އާއި އިބްރާހިމް ނަސާތު އެވެ.
ނިޔާމަ އަށް އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، އާލިމް އަލީ ދެ ލަނޑު ޖަހައިދިންއިރު، އެ ޓީމުގެ އަނެއް ލަނޑު ޖެހީ، އަހުމަދު މުއާޒް އެވެ. މެޗުގައި، އެ ޓީމުގެ އަހުމަދު ވިސާމް އަށް ދެ ރީނދޫ ކާޑާ އެކު ރަތެއް ދެއްކިއިރު، ބަގްލިއޯނީގެ ލަނޑު ޖެހީ އަހުމަދު އިނަފް އަބްދުﷲ އެެވެ.
ލީގު ބުރުގެ ފަހު މެޗުތައް އޮންނާނީ، މާދަމާ އެވެ. ފުރަތަމަ މެޗުގައި ވެލާވަރު އާއި ނިޔާމަ ކުޅޭއިރު، ދެ ވަނަ މެޗުގައި ވޮއްމުލިން ކުޅޭނީ ބަގްލިއޯނީއާ އެވެ. މުބާރާތުގައި ކުރިއަށްދިއުމުގެ އަމިއްލަ ބާރު ވާދަކުރާ ހަތަރު ޓީމަށް ވެސް އެބައޮތެވެ.
ރިސޯޓްތަކުގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށް، ރިސޯޓް ލީގު ފެށިގެން ދިޔައީ، 2013 ވަނަ އަހަރު އެވެ. ފަނަރަ ވަރަކަށް އަހަރު ވަންދެން މި މުބާރާތް ކުރިއަށް ގޮސްފައިވާއިރު، މިއީ، ރިސޯޓްތަކުގެ މެދުގައި ކުޅެވޭ އެންމެ ފޯރިގަދަ އަދި އެންމެ އިތުބާރު ބޮޑު މުބާރާތެވެ. ރިސޯޓް ލީގަކީ މިހާރު ރިސޯޓްގެ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ މުބާރާތެކެވެ. އަދި، ހުރިހާ ރިސޯޓަކުން ވެސް ވަރަށް ދުރާލައި، މި މުބާރާތަށް ތައްޔާރުވާއިރު، ރިސޯޓްތަކުން ހަ މަސް ކުރިން މުބާރާތަށް ފޯކަސްކޮށްގެން ކަންކަން ރާވަން ފަށަ އެވެ.
ރިސޯޓް ލީގު: ވެލާވަރު އާއި ނިޔާމަ އިން މޮޅެއް ހޯދައި ފޯރިގަދަކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ