24 އަހަރަށް ފަހު ވޯލްޑް ކަޕެއްގައި ދިވެއްސެއްގެ ބޮޑު ބައިވެރިވުމެއް

މީގެ 24 އަހަރު ކުރިން، ދެކުނު ކޮރެއާ އާއި ޖަޕާންގައި، 2002 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި، ރާއްޖޭގެ ރެފްރީ، މުހައްމަދު ސައީދު ވަނީ ހަތަރު މެޗެއްގައި ލައިންސްމަނެއްގެ ގޮތުގައި ރޮނގުބަލަހައްޓައިފަ އެވެ.
އޭގެ އެތަކެއް އަހަރު ފަހުން، ރާއްޖެ އަށް ނިސްބަތްވާ އެހެން ފަރުދަކު މި ވަނީ، މި މަހު 11 ވަނަ ދުވަހު، އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި، ހޮސްޕިޓަލިޓީ ޕާޓްނަރަކާ އެކު އައިޓީގެ އިސް މަގާމެއް ފުރަން ތައްޔާރުވެފަ އެވެ. އެއީ، އައިޓީގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަަދު ޝާހީން އެވެ. 
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް، 23 ވަނަ ފަހަރަށް މި އަހަރު ކުރިއަށްދާނެ އެވެ. ތަފާތު 18 ގައުމެއްގައި ވޯލްޑް ކަޕް އެކި ފަހަރު މަތިން ހޯސްޓްކޮށްފައިވާއިރު، ވޯލްޑް ކަޕްގައި ކުޅެން ނޫނީ ހޯސްޓްކުރަން ފުރުސަތު ނުލިބޭ އެތައް ގައުމެއް އެބައޮތެވެ. އެހެން ނަމަވެސް އެ ގައުމުތަކުގައި ވޯލްޑް ކަޕް ފޯރި ކުޑައެއް ނޫނެވެ. އޭގެ ތެެރެއިން އެއް ގައުމަކީ ރާއްޖެ އެވެ. 
ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ވޯލްޑް ކަޕްގައި ރާއްޖެ އަށް ނިސްބަތްވާ ފަރާތެއް ދަނޑު މަތިން ފެނުނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އެއީ، ކުޅަދާނަ ރެފްރީ ސައީދު އެވެ. ސައީދު ވަނީ ހަތަރު މެޗެއްގަައި ރޮނގު ބަަލަހައްޓައިފައެވެ. 
އެ މެޗުތަކަކީ، މުބާރާތުގެ ފުރަތަމަ ބުރުގައި ގްރޫޕް އެފްގައި އާޖެންޓީނާ އާއި އިންގްލެންޑް ކުޅުނު މެޗާއި، ގްރޫޕް އީގައި ޖަރުމަނާއި ކެމަރޫން ކުޅުނު މެޗާއި ދެ ވަނަ ބުރުގައި ބްރެޒިލް އާއި ބެލްޖިއަމް ބައްދަލުކުރި މެޗާއި، މުބާރާތުގެ ކުއާޓާ ފައިނަލުގައި ބްރެޒިލް އާއި އިންގްލެންޑް ބައްދަލުކުރި މެޗެވެ. އެ ފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅުނު ދެ ޓީމު ކަމަށްވާ ބްރެޒިލް އާއި ޖަރުމަނުގެ މެޗުތަކުގައި ސައީދުގެ ހިއްސާ އެބައޮތެވެ. މިއީ، ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ވެސް ހިމެނޭނެ ކަންތައްތަަކެވެ. 
މި ފަހަރުގެ ފީފާ ވޯލްޑް ކަޕުގެ ހޮސްޕިޓަލިޓީ ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ އޮން ލޮކޭޝަނުގެ އައިޓީ އިސް ރޯލެއް އެމެރިކާގައި ދިރިއުޅޭ ރާއްޖޭގެ ޝާހީން އަށް ލިބިގެންދިއުމަކީ ފަހުރެކެވެ.
އެ ގޮތުން، އޮން ލޮކޭޝަނަކީ، އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ކުުރިއަށްދާ ވޯލްޑް ކަޕުގެ މެޗުތަކުގެ ހާއްސަ ޒިންމާއެއް އޮތް ޕާޓްނަރެކެެވެ. އެ ގޮތުން، ވޯލްޑް ކަޕްގެ ކުރިން ވަރުގަދަ އެތައް މުބާރާތެއްގައި މަސައްކަތްކޮށްފައިވާ އޮން ލޮކޭޝަނުން މިދިޔަ އޭޕްރިލް މަހު، ޝާހީން ހަމަޖައްސާފައިވަނީ، މުބާރާތުގެ މެޗުތައް ކުޅޭ ސްޓޭޑިއަމްތަކުގެ ޕްރޮޖެކްޓެއްގަ އެވެ. އެއީ، ލީޑް ވެނިއު ޓެކްނޮލޮޖީގެ އައިޓީ ރޯލެއްގަ އެވެ.  ހަވާލުވެ ހުރީ ބޮޑު ޒިންމާއަކާ އެވެ. 
އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ދާއިރާގައި 25 އަހަރުގެ މަސައްކަތްކޮށްފައިވާ ޝާހީން އަކީ އެހެން ދިވެހިންނެކޭ އެއްގޮތަށް ފުޓްބޯޅަ އަށް ޝައުގުވެރިކަން ހުންނަ ފަރާތެކެވެ. ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، 32 އަހަރަށް ފަހު، ޝާހީން މިހާރު ދިރިއުޅޭ އެމެރިކާ އަށް އައިއިރު، އޭނާ އަށް މި އޮތީ އުފަން ގައުމު ފަހުރުވެރިވާ ވަރުގެ ޒިންމާއެއް ލިބިފަ އެވެ.
އެ ގޮތުން، ޝާހީން، އޭނާގެ ޕްރޮފެޝަނަލް ދާއިރާއެއްގެ ގޮތުގައި، ހާއްސަވެފައިވާ ސިސްޓަމް އެޑްމިނިސްޓްރޭޝަން، ޓެކްނިކަލް އެހީތެރިކަން ފޮރުކޮށްދިނުމުގެ އިތުރުން ނެޓްވޯކް މެނޭޖްމަންޓްގެ ކަންކަމުގައި އެމެރިކާގެ އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާއިރު، ވޯލްޑް ކަޕްގައި މި ލިބިފައި އޮތީ ވަރަށް ވެސް ބޮޑު މަސައްކަތެކެވެ.
ވޯލްޑް ކަޕްގެ ފުރިހަމަކަން ޓެކްނޮލޮޖީ މެދުވެރިކޮށް މި ފަހަރު އެކި ބަދަލުތަކާ އެކު ގެންނަން ނިންމާފައިވާއިރު، އެ ކަމުގައި ސީދާ ޝާމިލުވެ އުޅުމުގެ ނަސީބު، ޝާހީން އަށް ލިބިފައި އޮތުމަކީ، އޭނާ ދެކޭ ގޮތުގައި، ކޮންމެ ދާއިރާ އަކުން ވެސް ކުރިއަށްދާން މަސައްކަތް ކުރާ ފަރާތްތަކަށް އެންމެ ބޮޑެތި ޕްރޮޖެކްޓްތަކުގައި ވެސް ފުރުސަތު ލިބިދާނެ ކަމުގެ ހެއްކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ