ބީއެމްއެލްގެ ކަސްޓަމަރުންގެ ފަރާތުން ބޭންކުގެ ހިދުމަތްތަކާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ލިބެމުންދާތީ، އެކަމާ ގުޅިގެން ސުވާލުކުރުމަށް އެ ކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ހާޒިރުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ އެދިވަޑައިގަތީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތުވަމުންދާ ސަަބަބުތައް ދެނެގަތުމަށާއި އެ މައްސަލަ ހައްލުކުރުމަށް ބާރު އެޅުމުގެ ގޮތުން އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއް އިންތިޒާމުކޮށްދެއްވުމަށެވެ. އަދި އެ މައްސަލަ ކުރިއަށް ދާއިރު، ބީއެމްއެލްގެ އިސްވެރިން ކޮމިޓީއަށް ހާޒިރުކޮށްދިނުމަށެވެ.
އެ ސިޓީގައި ކުޑޫ ވިދާޅުވެފައިވަނީ، ޓޫރިޒަމް ވިޔަފާރިކުރާ ތަންތަނަށް ލިބޭ ޑޮލަރު ބީއެމްއެލްއަށް މާރުކުރަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސް އެއަށް އަމަލުކުރަން ފެށިނަމަވެސް، ޑޮލަރު ލިބުން ފަސޭހައެއް ނުވި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޑޮލަރުގެ ދަތިކަން ވީ ކުރިއަށް ވުރެ ބޮޑު ކަމަށާއި، އެކަމުގެ މަންފާއެއް ވެސް އެންމެނަކަށް ނުލިބޭ ކަމަށެވެ.
އޭގެ އިތުރުން، އީކޮމާސް ވެބްސައިޓުތަކާއި އޮންލައިންކޮށް ހިދުމަތްދޭ އެހެނިހެން ވެބްސައިޓުތަކަށް ބީއެމްއެލް ގޭޓްވޭ ނުވަތަ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމަށް ބޭނުންވާ ޑޮލަރު ކޮންމެ ދުވަހަކު ލިމިޓި ހަމަވެގެން ޕްރޮސެސް ނުކުރެވޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ފައިސާ ދައްކާ ހާލަތުގައި ވެސް ބައެއް ފަހަރު ފައިސާ ލިބެންވީ ފަރާތުގެ އެކައުންޓަށް ފައިސާ ނުލިބޭ ކަމަށާއި އެކަމުގެ ސަބަބުން ތަކެތި ގަތުމަށާއި ހިދުމަތްތައް ހޯދުމަށް އާންމުންނަށް ދަތިވާ ކަމަށް ވިދާޅުވިއެވެ.
”އޮންލައިންކޮށް ފައިސާ ދައްކައިގެން ބޭހާއި އިންޖެކްޝަނާއި ބޭބީ ފޯމިއުލާއާއި ސަޕްލިމެންޓް ފަދަ ތަކެތި ރާއްޖެއިން ބޭރުން އެތެރެކޮށްގެން ބޭނުންކުރަން ޖެހިފައިވާ އެތަކެއް ފަރާތްތަކުން ދަނީ މިކަމުގެ އުނދަގޫ ތަހައްމަލުކުރަމުންނެވެ.“
އޭގެ އިތުރުން، ގިނަ އަދަދެއްގެ ބަޔަކު ބޭނުންކުރަމުންދާ ވެބްސައިޓުތަކާއި ޕްރޮގްރާމްތަކާއި ސޮފްޓްވެއާތަކާއި އެޕްލިކޭޝަންތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓް ބޭންކުން ޕްރޮސެސްނުކޮށްދޭތީ ހިދުމަތް ކެނޑުމުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކިޔަވާ ކުދިންނަށާއި ކުދި ވިޔަފާރިތަކަށް ގެއްލުންވަމުންދާ ކަމަށް ވިދާޅުވިއެވެ.
މިކަންކަމުގެ ހަގީގަތް ހޯދައި މައްސަލަތައް ދިމާވުމުގެ ސަބަބުތަކާއި ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ކުޑޫ އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މިިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، މި މަހުގެ ފަހުކޮޅު ޑޮލަރު ލިމިޓުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމުގެ މައުލޫމާތު ބޭންކުން އެމަނިކުފާނަށް ދީފައިވާ ކަމަށެވެ.
ޑޮލަރު ލިމިޓުގެ މައްސަލައާ ގުޅިގެން ބީއެމްއެލްގެ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ