އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ފައިސާ ދެއްކުމަށް، އޮޓޮމެޓިކުން އެކައުންޓުން ފައިސާ ކެނޑޭ ނިޒާމެއް ތައާރަފްކޮށްފި

އެސްއެމްއީ ޑިޖިޓަލްއިން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅިގެން އޮޓޮމޭޓެޑް ރީޕޭމަންޓް އިންޓަގްރޭޝަނެއް ތައާރަފުކޮށް، އެ ކުންފުނީގެ ކަސްޓަމަރުންނަށް ފެސިލިޓީތަކަށް ފައިސާ ދެއްކުމުގައި ބޮޑެތި ލުއިތަކެއް ހަމަޖައްސައިދީފިއެވެ.
މި އައު ނިޒާމުގެ ދަށުން ކަސްޓަމަރުންގެ ބޭންކް އެކައުންޓުން އޮޓޮމެޓިކުން ފައިސާ ކެނޑޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހަރަކާތްތެރިވާ އެސްއެމްއީ ޑިޖިޓަލްއިން މި ގެނައި ބަދަލާއެކު، ފައިސާ ދައްކަންޖެހޭ ތާރީހުތަކުގައި ކަސްޓަމަރުންގެ ބީއެމްއެލް އެކައުންޓްތަކުން އޮޓެމެޓިކުން ފައިސާ ކެނޑޭނެއެވެ. މި އިންޓަގްރޭޝަންގެ މައިގަނޑު ބޭނުމަކީ ފެސިލިޓީތަކަށް ފައިސާ ދެއްކުމުގެ ކަންކަން ބެލެހެއްޓުމުގައި ކަސްޓަމަރުންނަށް މިހާރަށްވުރެ ބޮޑަށް ލުއިފަސޭހަކޮށްދިނުން ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވިއެވެ.
މި ނިޒާމުގެ ސަބަބުން އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް މަދުވެ، ގަޑިއަށް ފައިސާ ދެއްކޭކަން ކަށަވަރުވެގެންދާނެ ކަމަށާއި ގަވާއިދުން ފައިސާ ދެއްކުމުގެ ސަބަބުން ކަސްޓަމަރުންގެ ކްރެޑިޓް ހިސްޓްރީ ރަނގަޅުވެ، ކްރެޑިޓް ރޭޓިންގ މަތިވުމަށް މަގުފަހިވެގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ. މި ބަދަލާއެކު ފައިސާ ދެއްކުމުގެ ކަންކަމުގައި ހޭދަވާ ވަގުތު ސަލާމަތްވެ، ވިޔަފާރި ކުރިއެރުވުމަށް އިތުރު ވަގުތު ކަސްޓަމަރުންނަށް ލިބިގެންދާނެކަން އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރެއެވެ.
މި އައު ހިދުމަތާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޑިޖިޓަލް ހައްލުތަކުގެ އެހީގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ގެނެސްދިނުމަށް ކަމަށެވެ. މި އިންޓަގްރޭޝަންގެ ސަބަބުން ކަސްޓަމަރުން އަމިއްލައަށް ކުރަންޖެހޭ ކަންކަން މަދުވެ، ފައިސާ ދެއްކުމުގެ މަރުހަލާ ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ހިދުމަތް ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ މި ހިދުމަތް ލިބިގެންދާނީ އިސްލާމިކް ރީފައިނޭންސިން އިނީޝިއޭޓިވްގެ ދަށުން، ކުރިން ނަގާފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސިންއަށް ބަދަލުކޮށްފައިވާ ކަސްޓަމަރުންނަށެވެ. ނަމަވެސް ކުރިއަށް އޮތް މަރުހަލާތަކުގައި އެހެނިހެން ކަސްޓަމަރުންނަށްވެސް މި ހިދުމަތް ފުޅާކުރަމުންދާނެކަމަށް ކުންފުނިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ