އައްޑޫ ސިޓީ ކައުންސިލުން ސިންގަޕޫރާއި މެލޭޝިއާ ތަޖުރިބާކޮށްލަން 1.2 މިލިއަން ރުފިޔާ ހަރަދުކުރި

ހަރަދުތައް ކުރުމާއި ބޭރަށް ދަތުރުތައް ކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ތިން ސާކިއުލާއެއްގައިވާ އެންގުންތާ ހިލާފަށް އައްޑޫ ސިޓީ ކައުންސިލުން ސިންގަޕޫރާއި މެލޭޝިއާއަށް ދާން 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އައްޑޫ ސިޓީ ކައުންސިލުގެ 2022  އަދި 2023 ގެ ކޮމްޕްލަޔަންސް އޮޑިޓާއި 2024 ގެ މާލީ ބަޔާންތަކުގެ އޮޑިޓުގައިވާ ގޮތުގައި، އައްޑޫ ސިޓި ކައުންސިލުން މި ދަތުރުތައް ކުރީ ތަޖުރިބާ ދަތުރުތަކެއް ކަމަށް ބުނެ އެވެ.
އޮޑިޓުގައި ފާހަގަކުރި ފުރަތަމަ ދަތުރަކީ 2023 ގައި އައްޑޫ ސިޓީ ކައުންސިލުގެ ބަޖެޓުން ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން މެލޭޝިއާ އާއި ސިންގަޕޫރަށް ކުރި އަށް ދުވަހުގެ ދަތުރެކެވެ. މި ދަތުރުގައި އަށް ކައުންސިލަރުންނާއި ކައުސިލުގެ އިދާރަގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ބައިވެރިވި އެވެ. 
މި ދަތުރުގެ މަގުސަދެއް ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ބަޔާންކޮށްފަ އޮތީ، އާބަން ޑިވެލޮޕްމަންޓް އަދި ގަވަނަންސްގެ ދާއިރާއިން ދެ ގައުމުގައި އަމަލުކުރާ ގޮތާ ގުޅޭ ގޮތުން ކައުންސިލަރުންގެ ހޭލުންތެރިކަން އިތުރުކުރަން ޓްރެއިންތަކުގެ ބައިވެރިވުމާއި މި ދާއިރާތަކުން އެ ގައުމުތަކުގައި ކާމިޔާބުކަމާއެކު އަމަލުކުރާ ގޮތްތައް ދެނެގަނެ އައްޑޫގައި އެކަންކަން ތަންފީޒުކުރުމެވެ.
އެކަމަކު އެ ދަތުރުތަކުގައި ގޮސް މި މަގުސަދާ ނުގުޅޭ ކަންކަން ކުރި ކަމަށާއި ދަތުރު ނިންމުމަށްފަހު ދަތުރުން ހާސިލުކުރެވުނު ކަންކަން ބޭނުންކުރެވޭނެ  ގޮތުގެ ތަފުސީލުތައް ލިޔުމުން ބަލަހައްޓާފައިވާ ނުވާ ކަމަށް އޮޑިޓުގައި ބަޔާންކޮށްފައިވެ އެވެ. 
އައްޑޫ ކައުންސިލަރުންގެ ދަތުރުގައި، ދަތުރުގެ މަގުސަދާ ސީދާ ގުޅޭ ކަމަކަށް ކުރީ، މެލޭޝިއާއަށް ގޮސް އެ ގައުމުގެ ލޯކަލް ގަވަމަންޓް ޑިޕާޓުމަންޓާ ބޭއްވި ބައްދަލުވުމެކެވެ. މެލޭޝިއާއަށް ގޮސް ދެން ކުރި ކަމަކީ، މެލޭޝިއަން އިންސްޓިޓިއުޓް އޮފް މެނޭޖުމަންޓުގެ "ކްރިއޭޓިވް ތިންކިން އެންޑް ޕްރޮބްލަމް ސޯލްވިން ސްކިލްސް" ޓްރެއިނިންއެއްގައި ބައިވެރިވުމެވެ. 
ދެ ދުވަހުގެ މި ޓްރެއިނިން ޕްރޮގުރާމުގައި ބައިވެރިވާން އައްޑޫ ސިޓީ ކައުންސިލުން 65،381ރ. ހަރަދުކުރި އެވެ. ނަމަވެސް މިއީ ދަތުރުގެ މަގުސަދާ ގުޅުންހުރި ޓްރެއިނިންއެއް ނޫން ކަމަށް އޮޑިޓަރުން ބުނެފައިވެ އެވެ. 
މި ދަތުރުގެ ބައިވެރިން ސިންގަޕޫރަށް ގޮސް، ސިންގަޕޫރުގެ މެރިޓައިމް ގެލެރީ އާއި ސަސްޓެއިނަބަލް ސިންގަޕޫރު ގެލަރީ އާއި ސިންގަޕޫރު ރީޑިވެލޮޕްމަންޓް ގެލަރީއަށް ޒިޔާރާތްކޮށް، ސިންގަޕޫރުގެ މެނޭޖުމަންޓު ޔުނިވާސިޓީއާ ބައްދަލުކުރި އެވެ. މިއިން އެއްވެސް ކަމަކީ ވެސް، އޮޑިޓުގައި ބުނެފައިވާ ގޮތުގައި، ދަތުރުގެ މަގުސަދާ ސީދާ ގުޅޭ ޒިޔާރަތްތަކެއް ނޫނީ ބައްދަލުވުންތަކެއް ނޫނެވެ.
އޮޑިޓުގައި ފާހަގަކުރި ދެވަނަ ދަތުރުގަ ދިޔައީ އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ނުވަ މެންބަރުންނާއި ކައުންސިރަކާއި އައްޑޫ ސިޓީ ކައުންސިލުގެ ސެކެޓްރީ ޖެނެރަލް ހިމެނޭހެން 11 މީހުންނެވެ. މިއީ ވެސް މެލޭޝިއާ އާއި ސިންގަޕޫރަށް ކުރި އަށް ދުވަހުގެ ދަތުރެކެވެ. 
މި ދަތުރަށް ހަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރިއިރު، މި ދަތުރުގައި ގޮސް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތާ ގުޅޭ ތަޖުރިބާއެއް ނުހޯދާ ކަމަށް އޮޑިޓުގައި ވެ އެވެ. މި ދަތުރު ދިޔަ ކޮމިޓީ މެންބަރުންތައް ވަނީ ކައުންސިލަަރުން ހެދި ޓްރެއިނިން ހަދައި، އެ މީހުންގެ ޒިޔާރަތްކުރި ގެލަރީތަކަށް ޒިޔާރަތްކުރުމުގެ އިތުރުން ސިންގަޕޫރުގެ ސެންްތޯސާ ގާޑަން އާއި އޯކިން ގާޑަން އާއި ބޮޓެނިކަލް ގާޑަންއަށް ޒިޔާރަތްކޮށްފަ އެވެ. 
އޮޑިޓުގައި ބުނީ، މި ޒިޔާރަތްތަކުން ލިބުނު ތަޖުރިބާގެ ތަފުސީލެއް ދަތުރު ރިޕޯޓުގައި ހިމަނާފަ ނުވާ ކަމަށެވެ. އޭގެ އިތުރުން، މި ދަތުރުގައި ލިބުނު ތަޖުރިބާތަކުގެ އަލީގައި އައްޑޫގެ އަންހެނުންގެ ތަރައްގީއަށް ކުރެވޭނެ ކަންތައްތަކާއި އެ ކަންތައްތައް ތަންފީޒުކުރާނެ ގޮތެއް ވެސް އެ ރިޕޯޓުގައި ނެތް ކަމަށް އޮޑިޓުގައި ވެ އެވެ.
މި މައްސަލައިގައި އޮޑިޓު އޮފީހުން ވަނީ ފިނޭންސުންގެ ސާކިިއުލާތަކަށް އަމަލުކުރުމަށާއި ދަތުރުތަކުން ހާސިލުކުރަން ބޭނުންވާ ކަންކަމާއި ހާސިލުވީ ކަންކަން ލިޔެކިޔުމުން ބަލަހައްޓަން އައްޑޫ ސިޓީ ކައުންސިލުގައި ބުނެފަ އެވެ.
އޮޑިޓު އޮފީހުން ވަނީ، ކައުންސިލުތަކަށް ބޭނުންވާ ތަމްރީނުތަކާ ގުޅޭ ކަންކަމުގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ މެދުވެރުކޮށްގެން ކުރިއަށް ގެންދަން ވެސް ބުނެފަ އެވެ. އެ އޮފީހުން ލަފާ ދެނީ، ކައުންސިލުތަކަށް ޓްރެއިނިން އާއި ތަޖުރިބާ އެންމެ ބޮޑަށް ބޭނުންވާ ކަންކަން ދެނެގަންނަން ނީޑް އެސެސްމަންޓެއް ތައްޔާރުކޮށްގެން، ނިޒާމެއްގެ ތެރެއަށް ފަައްތައިގެން ޓްރެއިނިންތަކާއި ތަޖުރިބާ ހޯދުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށެވެ. 
އައްޑޫ ސިޓީ ކައުންސިލުގެ މި މައްސަލަ ފެންމަތިވީއިރު، ކައުންސިލުގެ ބަޖެޓު ބޭނުންކޮށްގެން މި ގޮތަށް ބޭރު ގައުމުތަކަށް ދަތުރުކުރާ މައްސަލަތައް މި ނޫނަސް އެބަހުއްޓެވެ. މި މައްސަލަތަކުގައި ކައުންސިލުތަކަށް އާންމުންގެ ނުރުހުން އަމާޒުވެފައިވާއިރު، އޮޑިޓުތަކުގައި ފާހަގަކުރާ ކަންކަމާ ގުޅިގެން ފިޔަވަޅު ނާޅާ މައްސަލަ ވެސް ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ