ވިޔަފާރިވެރިޔާ ޖަނާހު އެމެރިކާ ކުންފުންޏަކާ ގުޅިގެން ރާއްޖޭގައި ލަގްޒަރީ ފެރީ ނެޓްވޯކެއް ގާއިމްކުރުމުގެ މަޝްރޫއެއް ފަށަނީ

އެމެރިކާގެ މެރިން ޓެކްނޮލޮޖީ ކުންފުނި ނޭވިއާ އާއި ދިވެހި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހްގެ ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން ރާއްޖޭގައި 100 އުޅަނދުގެ އެންމެ ޒަމާނީ ފެރީ ނެޓްވޯކެއް ގާއިމުކުރުމަށް ނިންމައިފި އެވެ.
ލަގްޒަރީ ހޮސްޕިޓާލިޓީ އަދި އިންފްރާސްޓްރަކްޗާގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާ ޖޭއައިއެޗް އާއި ނޭވިއާ ގުޅިގެން ފަށާ މި މަޝްރޫއުގެ ދަށުން، ރާއްޖޭގެ ރަށްތައް ގުޅާލުމަށް ކުރާ މަސައްކަތް ވާނީ ދުނިޔޭގެ ފެންވަރުގެ މިފަދަ ފުރަތަމަ ނިޒާމަށް ކަމަށް ދެ ކުންފުނިން ބުންޏެވެ. 
މި ޕާޓްނަޝިޕްގެ ދަށުން ރާއްޖޭގައި "ނޭވިއާ ނެޓްވޯކް" ގާއިމުކުރާނެ އެވެ. މިއީ ސޮފްޓްވެއާގެ އެހީގައި ހިންގާ، ތިމާވެއްޓާ ރައްޓެހި ކަނޑުދަތުރުފަތުރުގެ ނިޒާމެކެވެ. މި ނިޒާމުގެ ތެރެއިން އެއާޕޯޓްތަކާއި، ރިސޯޓްތަކާއި، މީހުން ދިރިއުޅޭ ރަށްތައް، ފެންވަރު މަތީ ހައިޑްރޯފޮއިލް އުޅަނދުތަކުން ގުޅާލެވޭނެ އެވެ. މިއީ ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ. 
މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި 2026 ވަނަ އަހަރު ނޭވިއާ އެން30 މޮޑެލްގެ ފަސް އުޅަނދު ރާއްޖެ ގެންނާނެ އެވެ. މި ޕައިލެޓް ޕްރޮގްރާމަށް ފަހު، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އިތުރު 95 އުޅަނދު ނޭވިއާ އާއި ޖޭއައިއެޗް ގުޅިގެން ރާއްޖެއަށް ތައާރަފުކުރާނެ އެވެ.
މި މަޝްރޫއުގެ މައި އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ޖޭއައިއެޗް އިން މަސައްކަތް ކުރާއިރު، ރާއްޖޭގައި މި މަސައްކަތް އަމަލީ ގޮތުން ހިންގާނީ އެ ކުންފުނީގެ ސަބްސިޑިއަރީއެއް ކަމަށްވާ ހާރިމް ކުންފުނިންނެވެ.
މީގެ ތެރޭގައި އުޅަނދުތައް ޗާޖުކުރުމާއި އޮޕަރޭޓްކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމާއި، ދަތުރުކުރާނެ މަގުތައް ކަނޑައެޅުމާއި، ރިސޯޓްތަކާއެކު އެއްބަސްވުންތައް ގާއިމުކުރުމުގެ އިތުރުން ދުވަހުން ދުވަހަށް ނެޓްވޯކް ހިންގުމުގެ މަސައްކަތް ހިމެނެ އެވެ.
"ދިވެހިރާއްޖެއަކީ ދުނިޔޭގައި ވެސް ކަނޑުދަތުރުފަތުރުގެ އެންމެ މުހިންމު އެއް މާކެޓް،" ނޭވިއާގެ ބާނީ އަދި ސީއީއޯ ސަމްޕްރިތީ ބަޓަޗާރިޔާ ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކާއި، މަސައްކަތްތެރިންނާއި، ރިސޯޓްތަކާއި ރަށްތައް ބަރޯސާވަނީ ލޯންޗް ފަދަ އުޅަނދުތަކަށް ނުވަތަ ސީޕްލޭނަށެވެ. އެހެންކަމުން، ކަނޑުދަތުރުފަތުރަކީ ތިމާވެއްޓާ ރައްޓެހި، އަޑު މަޑު، ސޮފްޓްވެއާގެ އެހީގައި ހިންގާ އަދި ފަތުރުވެރިންނަށް ފުރިހަމަ ތަޖުރިބާއެއް ލިބޭނެ ނިޒާމަކަށް ހެދޭނެކަން ސާބިތުކޮށްދޭން ރާއްޖެއަކީ އެންމެ އެކަށީގެންވާ ތަނެވެ.
"އަޅުގަނޑުމެން މި ކުރަނީ ހަމައެކަނި އުޅަނދުތަކެއް ތައާރަފުކުރުމުގެ މަސައްކަތެއް ނޫން. އަޅުގަނޑުމެން މި ބިނާކުރަނީ ކަނޑުމަތީގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާނެ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ދަތުރުފަތުރުގެ ނެޓްވޯކް،" އޭނާ ވިދާޅުވި އެވެ.
ޖޭއައިއެޗް ގްލޯބަލް އިންވެސްޓްމަންޓްގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް ލަގްޒަރީ ޓޫރިޒަމްގައި ކުރިއަރާފައިވާ ގައުމެއް ނަމަވެސް، މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް ގައުމަކަށް ވުމާއެކު، ކުރިމަގުގައި ކަނޑުދަތުރުފަތުރު ހުންނާނެ ގޮތް ކަނޑައެޅުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށެވެ.
"ނޭވިއާ އާއެކު އަޅުގަނޑުމެންނަށް ފެންނަނީ އެއާޕޯޓްތަކާއި، ރިސޯޓްތަކާއި، ވިލާތަކާއި ރަށްތައް ގުޅާލަދޭ ތިމާވެއްޓާ ރައްޓެހި ނެޓްވޯކެއް އެކަންޏެއް ނޫން. މިއީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ޖަޒީރާ ގައުމުތަކާއި އައްސޭރިފަށުގެ ސިޓީތަކުގައި ވެސް ބޭނުންކުރެވޭނެ، ދެމެހެއްޓެނިވި ކަނޑުދަތުރުފަތުރުގެ ނަމޫނާއެއް،" ޖަނާހު ވިދާޅުވި އެވެ.
 މި އުޅަނދުތަކަކީ ހަމައެކަނި ކަރަންޓުން ދުވާނަމަ 75 ނޯޓިކަލް މޭލަށް، އަދި ހައިބްރިޑްކޮށް ދުވާނަމަ 150 ނޯޓިކަލް މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ. އޭސީ ކޮށްފައިވާ ކެބިންތަކާއި، އަރާމު ސީޓުތަކުގެ އިތުރުން ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް މި އުޅަނދުތަކުގައި ހުންނާނެ އެވެ.
ހައިޑްރޯފޮއިލް ޓެކްނޮލޮޖީގެ އެހީގައި، ދަތުރުކުރާއިރު އުޅަނދު އޮންނާނީ ލޮނުގަނޑުން މައްޗަށް އުފުލިފައި ކަމުން، ދަތުރުވެރިންނަށް އެއްވެސް ލޮޅުމެއް ނެތް، އޮމާން އަދި އަޑުމަޑު ދަތުރެއް ކުރެވޭނެ އެވެ. މި މުޅި ނިޒާމު ހިންގާނީ ނޭވިއާގެ ސޮފްޓްވެއާ ޕްލެޓްފޯމެއްގެ ދަށުން ކަމަށްވާތީ، ބުކިން ހެދުމާއި، ދަތުރުތައް މެނޭޖުކުރުމާއި، އުޅަނދުތައް ބެލެހެއްޓުމުގެ ކަންކަން އެއް ނިޒާމެއްގެ ތެރެއިން ފަސޭހަކަމާއެކު ކުރެވޭނެ އެވެ.
ރާއްޖޭގެ ލަގްޒަރީ ރިސޯޓްތަކަކީ ވަކިވަކި ރަށްތަކުގައި ހުންނަ ތަންތަނަށް ވުމުން، ރާއްޖެއަކީ ދުނިޔޭގައި ވެސް ކަނޑުދަތުރުފަތުރަށް އެންމެ ބޮޑަށް ބަރޯސާވާ އެއް އިގްތިސާދެވެ. މި މަޝްރޫއު ހިންގާ ދެ ކުންފުނިން ބުނީ ނޭވިއާ ނެޓްވޯކްގެ މަގްސަދަކީ މިހާރު އޮތް ވަކިވަކި ދަތުރުފަތުރުގެ ނިޒާމުތަކުގެ ބަދަލުގައި، ސޮފްޓްވެއާގެ އެހީގައި ހިންގާ އެއްވިއުގައަކުން ރާއްޖޭގެ މުހިންމު ސަރަހައްދުތައް ގުޅާލުމެވެ.
މީގެ ސަބަބުން ފަތުރުވެރިންނަށް ތެލުގެ ވަހާއި، އަޑުގަދަވުމާއި، ލޮޅުންތަކުން ސަލާމަތްވެފައިވާ އޮމާން ދަތުރެއް ކުރެވޭނެ އެވެ. އަދި އޮޕަރޭޓަރުންނަށް ވެސް، އާދައިގެ ލޯންޗުތަކާ އަޅާބަލާއިރު މި އުޅަނދުތައް ހިންގުމުގެ ހަރަދު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް ބުނެފައިވެ އެވެ. 
ނޭވިއާގެ ހައިޑްރޯފޮއިލް އުޅަނދުތަކަކީ ލޮނުގަނޑުން މައްޗަށް އުފުލިގެން ދަތުރުކުރާ އުޅަނދުތަކަކަށް ވުމުން، އާދައިގެ އުޅަނދުތަކާ އަޅާބަލާއިރު ހަކަތަ ބޭނުންކުރާ މިންވަރާއި، ހިންގުމުގެ ހަރަދާއި، އަޑާއި، ޖައްވަށް ބޭރުކުރާ ވިހަ ގޭސް ވަރަށް ބޮޑަށް ކުޑަކޮށްދެ އެވެ. 
ނޭވިއާގެ މިފަދަ ނެޓްވޯކެއް ފުރަތަމަ ގާއިމުކުރަން ނިންމީ ރާއްޖޭގައި ނަމަވެސް، ނޭވިއާ އިން ވަނީ މީގެ ކުރިން ވެސް އެ ކުންފުނީގެ އުޅަނދުތައް ކާމިޔާބުކަމާއެކު ޓެސްޓުކޮށްފަ އެވެ. އޭގެ ތެރޭގައި ކެމްބޯޑިއާގެ ފޯ ސީޒަންސް އާއި ވޯލްޑްބްރިޖް ގްރޫޕްގެ އިތުރުން އެމެރިކާގެ ނޭވީއާ ގުޅިގެން ކުރިއަށްގެންދިޔަ މަޝްރޫއުތައް ހިމެނެ އެވެ. ރާއްޖޭގައި ގާއިމުކުރާ މި ނިޒާމު ވެގެންދާނީ ދުނިޔޭގެ އެހެން ޖަޒީރާ ގައުމުތަކާއި އައްސޭރިފަށުގެ މުހިންމު މާކެޓްތަކަށް މިފަދަ ހިދުމަތްތައް ފުޅާކުރުމުގައި ބޭނުންކުރާނެ މައިގަނޑު ނަމޫނާއަކަށް ކަމަށް ނޭވިއާއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ