'ސަން ވޯލްޑްކަޕް 2026' ޕޭޖު ލޯންޗުކޮށްފި

މިމަހު ފެށުމަށް ތައްޔާރުވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރި ދިވެހިންނާ ހަމައަށް އެންމެ ފުރިހަމައަށް ގެނެސްދިނުމަށްޓަކައި، ސަން ސިޔާމް މީޑިއާގެ ސަން އޮންލައިނުން "ސަން ވޯލްޑްކަޕް 2026" ގެ ނަމުގައި ޚާއްޞަ ޕޭޖެއް ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ބިޔަ މުބާރާތުގެ ހުރިހާ ދިމާއެއް ކަވަރުކުރާ މި ޕޭޖުގައި މުބާރާތުގެ އެންމެ ފަހުގެ ޚަބަރުތަކާއި، ޓީމުތަކުގެ ޕްރޮފައިލްތަކާއި، މެޗުތަކުގެ ތާވަލުގެ އިތުރުން ޕޮއިންޓް ތާވަލު ފެންނަން ހުންނާނެއެވެ. މީގެ އިތުރުން، ކިޔުންތެރިންނަށް މެޗުތަކުގެ ސްކޯ، އެ މެޗު ކުޅެމުންދާއިރު ވަގުތުން ފެންނާނެއެވެ. އަދި ލައިވް އަޕްޑޭޓްތައް ފަސޭހަކަމާއެކު ބަލާލެވޭނެ އިންތިޒާމުވެސް މި ޕޭޖުގައި ވަނީ ހަމަޖައްސާފައެވެ. ބުރާސްފަތި ދުވަހު އެސްއެސްޓީވީގެ ސައިގަޑި ޕްރޮގްރާމުގައި މި ޚާއްޞަ ޕޭޖު ރަސްމީކޮށް ލޯންޗުކޮށްދެއްވީ ސަން އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ސާއިލް އަލީއެވެ. ޕޭޖު ލޯންޗުކުރުމަށް ބޭއްވި ކުޑަ ސެގްމެންޓުގެ ތެރެއިން-- ޕޭޖު ލޯންޗުކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ސާއިލު ވިދާޅުވީ، މިފަހަރުގެ ޕޭޖު ފަރުމާކޮށްފައިވަނީ ކިޔުންތެރިންނަށް މުބާރާތުގެ ފޯރީގައި އަމަލީގޮތުން ބައިވެރިވެވޭނެ ފަދަ މިންވަރަށް ގިނަ އިންޓަރެކްޓިވް ފީޗާސްތަކަކާއެކު ކަމަށެވެ. އަދި މި ޕޭޖުގައި ކުންފުނިތަކަށާއި ސްޕޮންސަރުންނަށް އެ ފަރާތްތަކުގެ ބްރޭންޑްތައް އިޝްތިހާރުކޮށް، ވިޔަފާރި ކުރިއެރުވުމަށް ފުރުސަތު ހުޅުވާލެފައިވާކަން ފާހަގަކޮށް ސާއިލު ވިދާޅުވީ މިއީ ސްޕޮންސަރުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށެވެ. ފުޓްބޯޅައިގެ ބޮޑެތި މުބާރާތްތައް ދިވެހިންނާ ހަމައަށް ގެނެސްދިނުމުގައި ސަން އޮންލައިނަކީ އަބަދުވެސް ފާހަގަކޮށްލެވޭ މުހިންމު ދައުރެއް އަދާކުރަމުން އަންނަ މީޑިއާއެކެވެ. އެގޮތުން މީގެ ކުރިން ބޭއްވި ކޮންމެ ވޯލްޑް ކަޕަކާއި ޔޫރޯ ފުޓްބޯޅަ މުބާރާތްތަކުގައި ވެސް ސަން އިން ވަނީ ކިޔުންތެރިން ބަލައިގަންނަ ފަދަ ތަފާތު އަދި ފުރިހަމަ ކަވަރޭޖްތަކެއް ގެނެސްދީފައެވެ. https://worldcup2026.sun.mv ޓެކްނޮލޮޖީގެ ގޮތުންނާއި ފެންވަރުގެ ގޮތުން މަތީ ފަންތިއެއްގައި ތައްޔާރުކުރި މި ޕޭޖަކީ ސަން ސިޔާމް މީޑިއާގެ ހުނަރުވެރި ޓެކްނިކަލް ޓީމުގެ ބުރަ މަސައްކަތެކެވެ. މި ޕޭޖު ފަރުމާކޮށް ޑިވެލޮޕްކުރުމުގައި އެންމެ އިސް އަދި ޚާއްޞަ ދައުރެއް އަދާކުރެއްވީ ސަން ސިޔާމް މީޑިއާގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު (ސީޓީއޯ) އަހުމަދު ހަސަނާއި ސީނިއާ ސިސްޓަމް އިންޖީނިއާ އަބްދުالله އަޒްމާންއެވެ. މި ޕޭޖުގެ ސަބަބުން، މިއަހަރުގެ ވޯލްޑް ކަޕްގެ ފޯރި އެއްވެސް މެދުކެނޑުމެއްނެތި ދިވެހި ސަޕޯޓަރުންނަށް ތަޖުރިބާކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ