އިސްލާމީ ދާއިރާތައް ނޫން އެހެން ދާއިރާތަކުގެ ސްކޮލަޝިޕްތަކަށް ކުރިމަތިލާން ޒަކާތު ހައުސްއިން ހުޅުވާލައިފި

މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާންކޮށްފައިވާ މަތީ ތަޢުލީމުގެ ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން، ކަނޑައެޅިފައިވާ އިސްލާމީ ދާއިރާތައް ނޫން ދާއިރާތަކުން ކިޔެވުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް ޒަކާތު ހައުސްއިން ހުޅުވާލައިފިއެވެ.
މި ސްކޮލަރޝިޕް ޕުރޮގުރާމުގެ ދަށުން މާސްޓާސް (ލެވެލް 9) އަދި ޕީ.އެޗް.ޑީ (ލެވެލް 10)އަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފައިވާ ދާއިރާތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ، ޤުރުއާނާ ބެހޭ ޢިލްމު، އިސްލާމީ ތަރުބިއްޔަތު، އިސްލާމީ ދިރާސާ އަދި ޕަބްލިކޭޝަން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު، އުޞޫލުލް ފިޤުހު، އަދި އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ހިމެނޭކަމަށް ޒަކާތު ހައުސްގެ އިއުލާނުގައިވެއެވެ.
ނަމަވެސް ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން ހަމައެކަނި ލިސްޓުކުރެވިފައިވާ ދާއިރާތަކަށް ބަރޯސާވާކަށް ނުޖެހޭނެއެވެ. އެގޮތުން، ސޮކޮލަރޝިޕަށް އެދި ޕްރޮޕޯސަލް ހުށަހަޅާ ދާއިރާއަކީ ދިވެހި އިސްލާމީ މުޖުތަމަޢުގެ ކުރިއެރުމަށާއި ތަރައްޤީއަށް އެހީތެރިވެދޭނެ ދާއިރާއެއްކަން ބަޔާންކޮށްދެވޭނަމަ، އެހެނިހެން ދާއިރާތަކުން ކިޔެވުމަށް ވެސް ސްކޮލަރޝިޕަށް އެދި ހުށަހެޅޭނެކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.
މި ފުރުޞަތުގެ ދަށުން ޖުމްލަ 30 ސްކޮލަރޝިޕް ދޫކުރުމަށް ހަމަޖެހިފައިވާކަމަށާއި މީގެ ތެރެއިން 10 ފުރުޞަތު ރާއްޖޭގައި ކިޔެވުމަށް އަދި 20 ފުރުޞަތު ރާއްޖޭން ބޭރުގައި ކިޔެވުމަށް ޚާއްޞަކުރެވިފައިވެއެވެ.
މީގެ އިތުރުން، ޚާއްޞަ ސްކޮލަރޝިޕް ފުރުޞަތުތަކެއް ވެސް ތަޢާރަފުކޮށްފައިވާއިރު މީގެ ތެރޭގައި މިހާރު ސަޢުދީ ޢަރަބިއްޔާ އަދި މިޞްރުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދޭ ސްޓައިޕެންޑް ހިމެނޭ 5 ސްކޮލަރޝިޕާއި، އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް ދޭ 5 ސްކޮލަރޝިޕް ހިމެނެއެވެ.
އެޕްލިކޭޝަން އަދި ޕްރޮޕޯސަލް ހުށަހަޅާނީ scholarship@zakathouse.gov.mv އަށް އީމެއިލް މެދުވެރިކޮށްކަމަށާއި އަދި އެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑިއަކީ 16 ޖުލައި 2026 ގެ 14:00 ކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ