ހުމާއި ރޯގާ އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް އިލްތިމާސްކޮށްފި

އެޗްޕީއޭއިން ބުނިގޮތުގައި، ޢީދު ބަންދާ ދިމާކޮށް ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރުމުގެ ސަބަބުން މިދުވަސްވަރު އާންމު ބަލިތައް ފެތުރޭ މިންވަރު ވަނީ އިތުރުވެފައެވެ.
ހުމާއި ރޯގާގެ އިތުރުން އިންފުލުއެންޒާގެ ކޭސްތައްވެސް އިތުރުވަމުންދާތީ، ބައްޔެއްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވަގުތުން ސިއްޙީ އެހީތެރިކަން ހޯދުމަށާއި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. އަދި ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުމަށްވެސް އެ އިދާރާއިން ބާރުއަޅުއްވައެވެ.
މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ޚާއްޞަކޮށް ކުޑަކުދިންގެ ކިބައިން ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ސްކޫލަށް ނުފޮނުވުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. ސިއްޙީ މާހިރުން ބުނިގޮތުގައި، ޗުއްޓީ ދުވަސްވަރު ދަތުރުފަތުރު އިތުރުވުމަކީ ބަލި ފެތުރުމަށް މަގުފަހިވާ ކަމަކަށްވާތީ، މި ދުވަސްވަރު ސިއްޙީ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ