ބެންގަލޫރު (ޖޫން 4) - ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން، ތަޖުރިބާކާރު ތަރި، ވިރާތު ކޯލީ، އިންޑިއާގެ ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) ކްރިކެޓް ޓީމުން ބާކީކުރަން ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 37 އަަހަރުގެ ވިރާތުގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވީ، ދާދި ފަހުން ކުރިއަށްދިޔަ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ފައިނަލް މެޗުގައި ގުޖުރާތު ޓައިޓަންސްއާ ދެކޮޅަށް ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އިން ކުރިހޯދައި، މުބާރާތުގެ ތަށި ދިފާއުކުރި މެޗުގަ އެވެ. އެ މެޗުގެ ފަހު އޯވަރުތަކުގައި ވިރާތު ކުޅެފައިވަނީ އަނިޔާގައި ހުރެ އެވެ.
އެއާ އެކު، ކުރިއަށް އޮތް އިންޑިއާ ޓީމުން އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ އޯޑީއައި ސީރީސްގެ މެޗުތަކުގައި ވާދަކުރަން ނެގި ސްކޮޑުން ވިރާތު ވަނީ ބާކީކުރަން ޖެހިފަ އެވެ. އަފްގާނިސްތާން ސީރީސް އަކީ، އަންނަ އަހަރުގެ އޯޑީއައި ވޯލްޑް ކަޕަށް ތައްޔާރުވާން ފެއްޓުމުގެ ގޮތުން، އިންޑިއާ އިން ކުޅޭ ފުރަތަމަ މެޗުތަކެވެ.
އެ ގޮތުން، އަފްގާނިސްތާނާ ދެކޮޅަށް އިންޑިއާ އިން ކުޅޭ އޯޑީއައި ސީރީސްގައި ޖުމްލަ ތިން މެޗު ހިމެނެ އެވެ. އެ ސީރީސްގެ މެޗުތައް ކުރިއަށްދާނީ ދަރަމްޝާލާގަ އެވެ. މެޗުތައް ފަށަން ހަމަޖެހިފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
އިންޑިއާގެ ޓީ20 ކްރިކެޓް ޓީމާއި ޓެސްޓް ކްރިކެޓް ޓީމުން ރިޓަޔާކޮށްފައިވާ ވިރާތު މިހާރު ހަމައެކަނި އިންޑިއާ ތަމްސީލުކުރަމުން އަންނަނީ އޯޑީއައި ޓީމުގަ އެވެ. މިދިޔަ ޖެނުއަރީ މަހު އިންޑިއާ އިން އިންދޯރުގައި ނިއު ޒީލެންޑާ ދެކޮޅަށް ކުޅުނު އޯޑީއައި ސީރީސްގައި ވިރާތު ވަނީ ކުޅެފަ އެވެ. އެކަމަކު، އޭގެ ފަހުން، ކުޅުނު އޯޑީއައި މެޗުތަކުގައި ވިރާތު ނުފެނެ އެވެ.
މި ފަހަރުގެ އައިޕީއެލްގައި ތަފާތު ފޯމެއްގައި ކުޅުނު ވިރާތު ވަނީ ފައިނަލް މެޗުގައި ނުބައިނުވެ، 42 ބޯޅައިން 75 ލަނޑު ހަދައިފަ އެވެ. އަދި، ވިރާތު ވަނީ ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގު ކަމަށްވާ އައިޕީއެލްގައި، ޖެހިޖެހިގެން ހަ ސީޒަނު 600 ލަނޑު ހަދައި، އެ މުބާރާތުގައި ހާއްސަ ރެކޯޑެއް ގާއިމްކޮށްފަ އެވެ.
އަނިޔާއާ ހެދި އިންޑިއާ ޓީމަށް ވިރާތުގެ އެނބުރި އައުން ލަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ