ފޯރިގަދަ ކެމްޕެއިނަކަށް ފަހު، ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ހޮނިހިރުގައި

ފޯރިގަދަ ކެމްޕެއިން ހަރަކާތްތަކަކަށް ފަހު، އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އަންނަ ހޮނިހިރު ދުވަހު ބާއްވަން ތައްޔާރުވެއްޖެ އެވެ. 
ވާދަވެރި ބައި އިލެކްޝަނަށް ކުރިމަތިލެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. 
ދެ ޕާޓީން ވެސް ވަރަށް ވާދަވެރި ކްމެޕެއިން ހަރަކާތްތަކެއް އެ ދާއިރާގައި ދަނީ ހިންގަމުންނެވެ. 
ލޯނެއްގެ މައްސަލާގައި ޕީއެންސީގެ މެމްބަރު އަހުމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ އެކު، ބާއްވާ އެ ބައި އިލެކްޝަން ކާމިޔާބުކޮށް ގޮނޑި ދިފާއު ކުރުމަކީ މިވަގުތު ސަރުކާރުން އެންމެ ބޮޑު ފޯކަސް ކަމަށް ޕީއެންސީން ބުނެފައިވެ އެވެ. 
އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ސަރުކާރުގެ އެކި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ބައެއް މެމްބަރުން އެކި ފަހަރުގެ މަތިން އައްޑު އަށް ވަޑައިގެން ހިތަދޫ އުތުރު ދާއިރާގެ ގެތަކަށް ދޮރުންދޮރަށްގެ ހަރަކާތް ވަނީ ހިންގައިފަ އެވެ. ސައީދުގެ ކެމްޕެއިން މެނޭޖަރު ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް އެކި ފަހަރުމަތިން ހިތަދޫ އުތުރު ދާއިރާ އަށް ވަޑައިގެން ސައީދަށް ވޯޓު ހޯއްދަވަން ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފަ އެވެ. މިނިސްޓަރު ރާފިއު މިވަގުތު ވެސް ހުންނެވީ އެ ކެމްޕެއިނަށް އައްޑޫގަ އެވެ.
ސޯބެ ކެމްޕެއިނު ހަރަކާތްތައް ވެސް ވަރަށް ފޯރީގައި ކުރިއަށް އެބަދެ އެވެ. ސޯބެ އަށް ތާއީދު ހޯއްދެވުމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ އާއި އެ ޕާޓީގެ ލީޑަޝިޕްގެ އިސްވެރިން ވެސް މިވަގުތު ތިއްބެވީ އައްޑޫގަ އެވެ. އަދި މިއަދުގެ ވަގުތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގަތުމަށް އައްޑޫއަށް ވަޑައިގަންނަވާ އެވެ. 
ކުރީގެ ރައީސް ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ޖަލްސާއެއް ހިތަދޫ ސްކޫލްގައި މިރޭ ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.
ޕީއެންސީ އާއި އެމްޑީޕީގެ އަައްޑޫ ޓީމުގެ އިސްބޭފުޅުން ހިތަދޫ އުތުރު ދާއިރާގައި "ދޮރުންދޮރަށް" ގެ ހަރަކާތުގެ އިތުރުން ކަންމަތީ ޖަލްސާތައް ވެސް ފޯރިއާ އެކު ދަނީ ހިންގަމުންނެވެ. 
ހޮނިހިރު ދުވަހު 8 ޖަހާއިރު ފަށާ އެ ބައި އިލެކްޝަނުގައި ވޯޓުލުމަށް ހަތް ވޯޓު ފޮށި ބަހައްޓަ އެވެ. އީސީން އާންމުކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައިވާ ގޮތުން އެ ދާއިރާ އަށް ވޯޓުލުމުގެ ހައްގު 4،120 މީހަކަށް ލިބެ އެވެ. 
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ މެމްބަރު ސިނާން އެވެ. އެކަމަކު ސިނާންގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޯބަރު 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލައިގަ އެވެ.
ޕީއެންސީން ބުނާ ގޮތުގައި މި އިންތިހާބުގައި ސިނާން ބައިވެރިވި ނުވީ އާއިލާއަށް ވަގުތު ދިނުމަށެވެ. އެ ޕާޓީގެ ޕްރައިމަރީ ޓިކެޓު ކާމިޔާބުކުރީ ސިނާން ނަމަވެސް އޭނާ ވަނީ ސޮޑާއަށް ޓިކެޓު ދޫކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ