ދެ ރައީސުން ހިމެނޭހެން އެމްޑީޕީ ލީޑާޝިޕް އެކުގައި ބައި-އިލެކްޝަން ކެމްޕެއިން ނިންމާ ޖަލްސާ މިރޭ އައްޑޫގައި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީ ކެމްޕެއިނާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހިމެނޭހެން އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ގުޅިވަޑައިގެން، ކެމްޕެއިން ނިންމާ ޖަލްސާ މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ވީ ކިހިނެއް؟ -  ޕީއެންސީގެ މެންބަރު މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮވެގެން ހުސްވި އެ ގޮނޑީގެ ބައި-އިލެކްޝަން އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ވޯޓަށް މިހާރު ދެ ދުވަހަށް ކުޑަތަންވެފައިވާއިރު، އެމްޑީޕީގެ ލީޑާޝިޕު ޓީމުތައް މިހާރު އައްޑުއަށް ދަނީ ދަތުރުކުރަމުންނެވެ.
ތަފްސީލު - އެ ކެމްޕެއިންނަށް ސޯލިހް ރޭ ވަނީ އައްޑުއަށް ވަޑައިގެންފަ އެވެ. އަދި މިއަދު ހެނދުނު ކޭމްޕެއިން ޓީމާ އެކު ސޯލިހު ވަނީ ގޭގެއަށް ޒިޔާރަތް ކުރައްވައިފަ އެވެ. މި ހަރަކާތުގައި ސޯލިހާ އެކު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފޫރު މުސާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމައު އަސްލަމް އަދި މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ ވަގުތެއްގައި ނަޝީދު އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް މި ކެމްޕެއިންނާ ގުޅުމަށް އައްޑުއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން:
ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު އިރުއޮއްސި 6:10ގައި
ޝާހިދު މިއަދު މެންދުރު 1:40ގައި
"ވަރަށް ރަނގަޅަށް މި ދަނީ. މި ކެމްޕެއިން ނިންމާލުމުގެ ގޮތުން ޕާޓީގެ ހުރިހާ ލީޑަރުން ބައިވެރިވެޑައިގަތުމަކީ ވަރަށް އުފާވެރިކަމެއް،" އެމްޑީޕީގެ ފަރާތުން މި ގޮނޑިއަށް ވާދަ ކުރައްވާ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިއަދު ދެއްވި ކުރު ވީޑިއޯ އިންޓަވިއުގައި ވިދާޅުވި އެވެ.
ސޯދިގު ވިދާޅުވި ގޮތުގައި މިރޭ ބާއްވާ ކެމްޕެއިން ނިންމާ ޖަލްސާގައި ނަޝީދާއި ސޯލިހް ހިމެނޭހެން ޕާޓީގެ ލީޑާޝިޕް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެ ޖަލްސާ އޮތީ މިރޭ 8:30ގައި ހިތަދޫ ސްކޫލްގަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ނަޝީދާއި ސޯލިހް މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ކައުންސިލް އިންތިހާބުގެ ކެމްޕެއިން ނިންމި ހިނގާލުމަށް ފަހު، ދެ ރައީސް އެކުގައި ފެންނާނެ ފުރަތަމަ ހަރަކާތެވެ. 
ގުޅުން ހުރި - ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މި ގޮނޑިއަށް ވާދަ ކުރައްވަނީ އަހްމަދު ސައީދެވެ. ސައީދުގެ ކެމްޕެއިންނަށް ބަައެއް މިނިސްޓަރުން ހިމެނޭހެން އެ ޕާޓީގެ ބައެއް ލީޑާޝިޕް ބޭފުޅުން އައްޑޫގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ކެމްޕެއިން ހަރަކާތްތަކުގައި ސީދާ ގޮތުން އަދި ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ތަނެއް ނުފެނެ އެވެ. އަދި އެމަނިކުފާނު ކެމްޕެއިންނަށް އައްޑުއަށް ކުރިއަށް އޮތް ދެ ދުވަސް ތެރޭ ވަޑައިގަންނަވާނެ ކަމެއް ކަށަވަރެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ