އީރާނާއެކު ކުރިއަށްދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދަނިކޮށް، ލުބުނާނަށް ހަމަލާދެމުން ދާތީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ވާހަކަދައްކަވަމުން، އޭނާއަކީ "މޮޔައެއް" ކަމަށް ވިދާޅުވެ ހުތުރު ބަހުން މުހާތަބު ކުރެއްވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުތިރާފުވެވަޑައިގެންފި އެވެ.
ބުދަ ދުވަހު ދެއްކި އިންޓަވިއުއެއްގައި، އިސްރާއީލުގެ ޒަމާންވީ ލީޑަރަކީ "މޮޔައެއް" ކަމަށް ވިދާޅުވެ، އޭނާއަކީ ޝުކުރުވެރި ނުވާ މީހެއްގެ ގޮތުގައި ސިފަކުރެއްވިތޯ ސުވާލުކުރުމުން، ޓްރަމްޕް ވަނީ އެކްސިއޯސް ނޫހުން ރިޕޯޓުކޮށްފައިވާ އެ ވާހަކަތަކަކީ ތެދެއް ކަމަށް ވިދާޅުވެފަ އެވެ.
"ޕޮޑް ފޯސް ވަން" ޕޮޑްކާސްޓަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ އެއީ ތެދެއް ކަމަށެވެ. އަދި އެއީ ރުޅިއައިސްގެން ވިދާޅުވި ބަހެއް ނޫން ކަމަށާއި، ނަމަވެސް ނަތަންޔާހޫ މެދުނުކެނޑި ލުބުނާނާ ހަނގުރާމަކުރާތީ އެކަމާ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިވަޑައިގަތީ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެހެންނަމަވެސް، އޭނާ އާއި ނަތަންޔާހޫއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށް ޓްރަމްޕް ފަހުން ވިދާޅުވި އެވެ.
އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އެކްސިއޯސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު ކުރެއްވި ފޯނު ކޯލެއްގައި ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ނަތަންޔާހޫއަކީ "މޮޔައެއް" ކަމަށާއި، ޓްރަމްޕްގެ އެހީތެރިކަން ނެތްނަމަ އޭނާ ހުންނާނީ ޖަލުގައި ކަމަށް ވިދާޅުވި ކަމަށް ރިޕޯޓުގައިވެ އެވެ. އަދި މިހާރު އެންމެން ވެސް ނަތަންޔާހޫ ދެކެ ފޫހިވާ ކަމަށާއި، މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެ އިސްރާއީލު ދެކެ ނަފުރަތު ކުރާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި ކަމަށް އެ ރިޕޯޓުގައިވެ އެވެ.
އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ، "ބީބީ (ނަތަންޔާހޫ)، އަހަރެމެން މިކަން ހުއްޓާލަން އެބަޖެހޭ" ކަމަށް އޭނާ ވިދާޅުވި ކަމަށެވެ.
ބުދަ ދުވަހު ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ، ދެ ގައުމުގެ އަމާޒުތައް ހުރީ އެއްގޮތަކަށް ކަމަށާއި، އެންމެ ގާތް އާއިލާތަކުގެ ތެރޭގައި ވެސް ޚިޔާލުތަފާތުވުންތައް ހުންނަ ފަދައިން، ބައެއް ކަންކަމުގައި ދެބަސްވުންތައް ހުރެދާނެ ކަމަށެވެ.
އަދި ޓްރަމްޕަކީ ވައިޓް ހައުސްގައި މިހާތަނަށް ހުންނެވި އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި، ދެ ބޭފުޅުންގެ މެދުގައި އޮތީ އިހުތިރާމް ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އަދި ޚިޔާލުތަފާތުވާ ކަންކަމުގައި އަބަދުވެސް ހައްލެއް ހޯއްދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުން ބުނެފައިވަނީ، ފެބްރުއަރީ މަހުގެ ފަހުކޮޅު ޓްރަމްޕާއި ނަތަންޔާހޫ ފެއްޓެވި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއެކު އެއްބަސްވުމަކަށް އާދެވޭނީ، ލުބުނާނުގައި ކުރާ ހަނގުރާމަ ވެސް ހުއްޓާލުމުން ކަމަށެވެ.
މީގެ ކުރިން ވެސް ޓްރަމްޕް ވަނީ އިސްރާއީލާ މެދު ހުތުރު ބަސްތައް ބޭނުންކުރައްވާފަ އެވެ. އެގޮތުން މިދިޔަ އަހަރު އާންމުކޮށް ވާހަކަދައްކަވަމުން، އިސްރާއީލާއި އީރާނުން ކުރަނީ ކީއްކަން އެ ގައުމުތަކަށްވެސް "ނޭނގޭ" ކަމަށް ވިދާޅުވެ ހުތުރު ބަހުން ފާޑުވިދާޅުވެފައިވެ އެވެ.
ނަތަންޔާހޫއަކީ ޝުކުރުވެރި ނުވާ މޮޔައެއް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ