ރަން ބޫޓުގެ ވާހަކަ، ތާރީހަށް ބަލާއިރު މިފަހަރުގެ ތަރިއަކަށް ވާނީ ކާކު؟

އެންމެފަހުން 2022 ގައި ބޭއްވި ވޯލްޑްކަޕުގެ ގޯލްޑަން ބޫޓުގެ ތަށި ހިފައިގެން ދިޔައިރު ޒުވާން ތަރި ކީލިއަން އެމްބާޕޭގެ މޫނުމަތިން ހިނިތުންވުމެއް ނުފެނެ އެވެ.
އެމްބާޕޭގެ ހެޓްރިކެއް ފައިނަލުގައި ފެނިގެންދިޔަ ނަމަވެސް ފައިނަލުން ފްރާންސް ވީ ބައްޔެވެ. މީގެން އެނގިގެންދިޔައީ ހަމައެކަނި ލަނޑުތަކުން ތަށި ލިބޭނެކަމުގެ ޔަގީންކަން ނޯންނަކަމެވެ. އެހެންނަމަވެސް ފްރާންސްގެ ސްޓްރައިކަރު އޭނާގެ ޓީމަށް އެފުރުސަތު ހޯދައިދިނެވެ.
ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ އާ އޮނިގަނޑާއެކު މިމަހު މުބާރާތް ފެށުމަށް ތައްޔާރުވަމުން އަންނައިރު ކުރީގެ ގޯލްޑަން ބޫޓު ހޯދާފައިވާ ކުޅުންތެރިންނާ ހުރި އާންމު ފާހަގަކޮށްލެވޭ ކަންކަމާއި މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ލިސްޓުގައި ފާހަގަކޮށްލެވޭ ތަރިންނަށް ބަލާލާނަމެވެ.
އެގޮތުން ތާރީހަށް ބަލައިލައިފިނަމަ އިންގްލެންޑްގެ ތަޖުރިބާކާރު ފޯވާޑް ހެރީ ކޭންއަށް ލިބެނީ ދެރަ ހަބަރެކެވެ. ތާރީހު ދައްކާ ގޮތުގައި 30 އަހަރު ނުވަތަ އެއަށްވުރެ އުމުރުން ދޮށީ ކުޅުންތެރިޔަކަށް 2026 ވަނަ އަހަރުގެ ގޯލްޑަން ބޫޓު ލިބުމަކީ ދުރުކަމެކެވެ.
އެކަން އެގޮތަށް ހިނގާފައިވަނީ އެންމެ ފަހަރަކު އެވެ. އުމުރުން 30 އަހަރުގައި ފްރާންސްގައި 1998 ގައި އޮތް ވޯލްޑްކަޕުގައި 6 ލަނޑު ޖަހާ މިކާމިޔާބީ ހޯދި ކްރޮއޭޝިއާގެ ޑާވޯ ސުކާ އެވެ. އެފަހަރުގެ ވޯލްޑްކަޕުގައި ކްރޮއޭޝިއާއިން ވަނީ ތިންވަނަ މަގާމު ހޯދާފަ އެވެ. އެއީ އެގައުމު މިނިވަންކަން ހޯދުމަށްފަހު ކުޅުނު ފުރަތަމަ ވޯލްޑަކަޕެވެ.
މި "ގަވައިދު"ގެ ތެރޭގައި ފެނުނު ހަމައެކަނި ތަފާތަކީ ސުކާ އެވެ. އާންމުގޮތެއްގައި އެވްރެޖްކޮށް ގޯލްޑަން ބޫޓު ހޯދާ ކުޅުންތެރިންގެ އުމުރަކީ 24.7 އެކެވެ. 2022 ގައި އެމްބާޕޭ މި އަދަދު ތަންކޮޅެއް ދަށަށް ގެނައެވެ. އެފަހަރު 24 އަހަރުގެ އެމްބާޕޭ ގޯލްޑަން ބޫޓު ހޯދީ 35 އަހަރުގެ ލިއޮނަލް މެސީއަށް ވުރެ އެއް ގޯލު އިތުރަށް ޖަހައިގެންނެވެ.
ގޯލްޑަން ބޫޓު ހޯދި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހެދުމަށް، ހާއްސަކޮށް މިކާމިޔާބީއަށް 18 އަހަރުގެ ސްޕެއިން ތަރި ލަމީން ޔަމާލް ލޯ އަޅާނެކަމަށް ބެލެވޭއިރު، މިވަގުތު އަދި މި ރެކޯޑް އޮތީ ހަންގޭރީގެ ފްލޯރިއަން އަލްބާޓް އަތުގަ އެވެ. އެއީ އުމުރުން 20 އަހަރާއި 8 މަހުގައި 1962 ގައި ޗިލީގައި އޮތް ވޯލްޑްކަޕުގައި ހެދި ރެކޯޑެކެވެ. ވޯލްޑްކަޕުގެ މޮޑާން ދުވަސްވަރު މިރެކޯޑް ހެދީ 24 އަހަރުގެ އެމްބާޕޭ އެވެ.
މިކަން އެކަނި ހާސިލް ނުކުރެވޭނެ
ކާމިޔާބު ސްޓްރައިކަރަކަށް ދެކަމެއް ބޭނުންވެ އެވެ. ބޯޅަ ފޯރުކޮށްދޭނެ ރަނގަޅު ލައިނެއް، ކުޅުންތެރިންތަކެއް، ޓީމެއް އަދި އެ ކުޅުންތެރިޔެއްގެ ޓީމު މުބާރާތުގައި ވަރަށް ބޮޑަށް ކުރިއަށް ގޮސްގެންނެވެ. މިއީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެއީ 5 ފަހަރުގެ ޗެމްޕިއަން ބްރެޒިލުން ވަނީ މިމުބާރާތް ދުށް އެންމެ މޮޅު އަދި ގިނަ ލަނޑުޖެހި 6 ސްޓްރައިކަރުން އުފައްދާފަ އެވެ.
ބްރެޒިލުގެ އެންމެ ފުރަތަމަ ގޯލްޑަން ބޫޓު ހޯދީ 1938 ގައި ލިއޯނިޑާސް އެވެ. އަދި އެންމެފަހުން ހޯދާދިނީ 2002 ގެ ވޯލްޑްކަޕުގައި ރޮނާލްޑޯ ނަޒާރިއޯ އެވެ.
ގޯލްޑަން ބޫޓުގެ ހޯދުމުގެ އުއްމީދެއް އޮތްނަމަ އެންމެ ފުރަތަމަ ކަމަކީ ރަނގަޅު ނަތީޖާއެއް ގްރޫޕު ސްޓޭޖުން ނެރުމެވެ. މިއީ ފެށުމެވެ. އެހެންނަމަވެސް ނޮކްއައުޓް ބުރާ ހަމައަށް އެކުޅުންތެރިއެއްގެ ޓީމު ދަތުރުނުކުރަންޏާ ވަރަށް ބޮޑު ގެއްލުމެއް ދައްކަ އެވެ.
ރަޝިއާގައި 2018 ގައި އޮތް ވޯލްޑްކަޕުގައި މިގޮތަށް އެންމެ ބޮޑަށް ކަންދިމާވީ ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. ގަދަ 16 ގައި ޕޯޗުގަލް ކެޓުމުގެ ކުރިން ގްރޫޕް ބީގައި ރޮނާލްޑޯ ޕޯޗުގަލަށް 4 ގޯލު ޖަހައިދިނެވެ. އެހެންނަމަވެސް ކޭން ވަނީ އިންގްލެންޑް ސެމީއާ ހަމައަށް ދަތުރުކުރިއިރު 6 ގޯލު ޖަހާފަ އެވެ.
މި "ގަވައިދު"ގެ ބޭރުން ވެސް ކަންކަން ހިނގާފައި އެބަހުއްޓެވެ. ނަމަވެސް އެންމެ ފަހަރަކު އެވެ. 1994 ގައި އެމެރިކާގައި އޮތް ވޯލްޑްކަޕުގައި ރަޝިއާގެ އޮލެގް ސަލެންކޯ ވަނީ އެޓީމު ވާދަކުރި ގްރޫޕް ބީން ކެޓި ނަމަވެސް ގްރޫޕް ސްޓޭޖުގައި 6 ލަނޑު ޖަހާ ގޯލްޑަން ބޫޓް ހާސިލްކޮށްފަ އެވެ. އެއީ ކެމަރޫން އަތުން 6 - 1 ން ރަޝިއާ މޮޅުވި މެޗުގައި ސަލެންކޯ ވަނީ 5 ލަނޑު ޖަހާފަ އެވެ.
ކާމިޔާބީ ފަށަން ޖެހޭނީ ކުލަބާ ހިސާބުން
2010 ވަނަ އަހަރުގެ ވޯލްޑްކަޕަށް ސައުތު އެފްރިކާއަށް ދިޔައިރު ތޯމަސް މުލާއަށް ގައުމީ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދެވިފައެއް ނުވެ އެވެ.
"އަހަރެންގެ ނަސީބު ރަނގަޅުވީ ހަމަ، އެންމެ ރަނގަޅު ވަގުތުގައި ފޯމަށް އެޅުނީ" ގޯލްޑަން ބޫޓުގެ ތަށި ހިފައިގެން ދަމުން މުލާ ބުންޏެވެ.
2009-10 ގެ ބުންޑަސްލީގާ ސީޒަނުގައި ބެލެވިފައި އޮތީ ލޯނަށް ދޫކޮށްލުން ނުވަތަ ބަޔާނުން މުލާ ވިއްކާލާނެ ކަމަށެވެ. ނަމަވެސް ލުއިސް ވެން ގާލް ބަޔާނާއި ގުޅުމަށްފަހު ކުއްލިއަކަށް މުލާ ބަރާބަރަށް މެޗުތައް ކުޅެން ފެށި އެވެ. އެފަހަރުގެ ލީގު ބަޔާނުން ނެގިއިރު ހުރިހާ މެޗެއް ކުޅެ މުލާ ވަނީ 13 ލަނޑު ޖަހާ 11 އެސިސްޓްކޮށްދީފަ އެވެ. އެހެންކަމުން އޭނާ ވޯލްޑްކަޕަށް އައީ ކާމިޔާބު ކުލަބް ސީޒަނަކަށްފަހު އެންމެ މަތީ ފޯމުގަ އެވެ.
މުލާގެ ވާހަކައަކީ ގޯލްޑަން ބޫޓް ހޯދި ކުޅުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ ވާހަކަ އެކެވެ. މިހާތަނަށް އަމިއްލަ ލީގުގެ ގަދަ 4 އަކަށް ވުރެ ދަށުގައި އޮތް ކުލަބެއްގެ ކުޅުންތެރިޔަކު ވޯލްޑްކަޕްގެ ޓޮޕް ސްކޯރާކަން ހޯދާފައިވަނީ އެންމެ ދެފަހަރު އެވެ.
ހުރިހާ ދިމާލަކުން، ހުރިހާ ގޮތަކުން މޮޅު ކުޅުންތެރިޔަކަށް ވާންޖެހޭ
2010 ވަނަ އަހަރު މުލާ ގޯލްޑަން ބޫޓް ހޯދީ ތަޖުރިބާކާރު އެތައް ކުޅުންތެރިންނެއް ފަހަތަށް ޖައްސާލުމަށްފަހު އެވެ. އެފަހަރު 20 އަހަރުގެ މުލާއާއި އުރުގުއޭގެ ޑިއެގޯ ފޯލާން ވަނީ ތިންވަނަ ހޮވާ ޕްލޭއޮފްގައި 5 ވަނަ ލަނޑާއެކު ލަނޑު ލިސްޓުގައި ސްޕެއިންގެ ޑޭވިޑް ވިލާއާއި ނެދަލޭންޑްސްގެ ވެސްލީ ސްނެއިޑާއާ އެއްވަރުކޮށްފަ އެވެ.
ޖޮހަނެސްބާގުގައި ކުޅުނު ފައިނަލުގައި ވިލާ އަދި ސްނެއިޑާއަށް ވެސް ގޯލްޑަން ބޫޓު ހޯދުމުގެ ފުރުސަތު ލިބުނެވެ. އެހެންނަމަވެސް ދެކުޅުންތެރިން ކުޅެ އެއްވެސް ކުޅުންތެރިޔަކަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވި އެވެ. އެފަހަރު ލަނޑުގެ އަދަދުން ހުރިހާ ކުޅުންތެރިން އެއްވަރުވުމުން ބެލީ ކޮށްފައިވާ އެސިސްޓްގެ އަދަދަށެވެ. އަދި ކުރި ލިބުނީ 3 އެސިސްޓާއެކު މުލާ އަށެވެ.
ވޯލްޑްކަޕެއްގައި ގޯލްޑަން ބޫޓު ހޮވާއިރު ލަނޑުންނާއި އެސިސްޓުން ކުޅުންތެރިންތަކެއް އެއްވަރުވެއްޖެނަމަ ދެން ކަންތައް ހިނގާގޮތާމެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިދާނެ އެވެ. އޭރުން ފީފާއިން ގޯލްޑަން ބޫޓު ދެނީ އެންމެ މަދުން ކުޅެފައިވާ (އެންމެ މިނެޓް މަދު) ކުޅުންތެރިޔަކަށެވެ.
2026 ވަނަ އަހަރުގެ ގޯލްޑަން ބޫޓު ހޯދުމުގެ ފުރުސަތު އެންމެ ބޮޑީ ކޮން ކުޅުންތެރިޔަކަށް؟
ބީބީސީ ސްޕޯޓްސްއިން މިފަހަރުގެ ވޯލްޑްކަޕުގެ ގޯލްޑަން ބޫޓު ގެންދާނެ ކުޅުންތެރިންނަށް ބަލާފައި ހެދި ކުއިޒްއަކަށް ބަލާނަމަ އެލިސްޓުގައި ފާހަގަކޮށްލެވޭ ނަންތަކުގެ ތެރޭގައި ފްރާންސްގެ އެމްބާޕޭއާއި އިންގްލެންޑްގެ ހެރީ ކޭންގެ އިތުރުން ލިއޮނަލް މެސީ، ހާލަންޑް، ލަމީން ޔަމާލް، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބްރެޒިލްގެ ތަރި ވިނީޝިއުސް ޖޫނިއާއާއި އޮސްމާނޭ ޑެމްބެލޭއާއި ލައުޓާރޯ މާޓިނޭޒް ހިމެނެ އެވެ.
މިވަގުތުގެ ނަތީޖާތަކުން 40 ޕަސެންޓާއެކު ހެރީ ކޭން އެއްވަނައިގައި އޮތްއިރު ދެވަނައިގައި 19 ޕަސެންޓާއެކު އޮތީ އެމްބާޕޭ އެވެ. އަދި 3 ވަނައިގައި އޮތީ 10 ޕަސެންޓާއެކު ނޯވޭގެ ހާލަންޑެވެ.
މިވީހާތަނަށް އެއްފަހަރަށްވުރެ ގިނައިން ވޯލްޑްކަޕުގެ ގޯލްޑަން ބޫޓު އެއްވެސް ކުޅުންތެރިޔަކަށް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. އެހެންނަމަވެސް ވަރަށް ބޮޑު އުއްމީދާއެކު އެކާމިޔާބީ ހާސިލުކުރުމަށް ވަރަށް ރަނގަޅު ފުރުސަތެއް ދެކުޅުންތެރިޔަކަށް އެބަ އޮތެވެ.
ވޯލްޑްކަޕުގެ ކޮލިފައިންގައި މިފަހަރު އެމްބާޕޭ 4 ގޯލު ޖެހިއިރު ގިނަ ބައެއްގެ ނަޒަރުގައި މިފަހަރުގެ މުބާރާތުން ފެންނަ އެންމެ ވަރުގަދަ އެއް ސްކޮޑާއެކު ފްރާންސުން މުބާރާތާ ކުރިމަތިލާއިރު 2022 ގެ ފައިނަލުގައި ކުޅުނު ފްރާންސުން މިފަހަރުގެ މުބާރާތުގައި ވެސް ވަރަށް ދުރަށް ދާނެ ކަމަށް ބެލެވެ އެވެ. އަދި ތަށި ނެގުމަކީ ވެސް ވަރަށް ގާތްކަމެކެވެ.
ތާރީހީ ދެވަނަ ރަން ބޫޓަށް ވާދަކުރާ އަނެއް ތަރިއަކީ 32 އަހަރުގެ ހެރީ ކޭން އެވެ. އެވްރެޖްކޮށް ކާމިޔާބުކުރާ އުމުރަށްވުރެ ތަންކޮޅެއް ހެރީ ކޭން އުމުރުން ދޮށި ކަމުގައިވީ ނަމަވެސް މިފަހަރުގެ ކުލަބު ސީޒަނަށް ބަލާލިއަސް އޭނާ އަކީ އާދައިގެ ކުޅުންތެރިއެއް ނޫންކަން އެނގެ އެވެ.
މިފަހަރުގެ ބުންޑަސްލީގާ ސީޒަނުގައި ކޭން ވަނީ ބަޔާން މިއުނިކަށް 54 ގޯލު ޖަހައިދީފަ އެވެ. އަދި މުބާރާތުގައި ތޯމަސް ޓުޝެލްގެ އިންގްލެންޑް ދުރަށް ދަތުރުކޮށްފިނަމަ ހެރީ ކޭން މިކާމިޔާބީ ހޯދުމަކީ އެއްވެސް ހާލަތެއްގައި ދުރުކަމެއް ނޫނެވެ.
ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީގެ ހަޔާތުގައި އޭނާ ވެސް އަމިއްލަ އެތައް ކާމިޔާބީއެއް ހޯދާފައި އެބަވެ އެވެ. އެހެންނަމަވެސް އޭނާގެ 8 ބެލަންޑިއޯގެ ކައިރީގައި ގޯލްޑަން ބޫޓެއްގެ ފަޅުކަން އެބަވެ އެވެ. 38 އަހަރުގެ މެސީއަށް 2026 ގެ މި ވޯލްޑްކަޕު ވެގެންދާނީ މިކާމިޔާބީ ހޯދަން ލިބޭ އެންމެ ފަހު ފުރުސަތަށެވެ.
ޒުވާން އުމުރުފުރާއަށް ބަލާލާއިރު އަނެއްކޮޅުން އޮތީ ސްޕެއިންގެ އަރަމުން އަންނަ ޒުވާން ތަރި ލަމީން ޔަމާލް އެވެ. އެންމެ 18 އަހަރުގައި އޭނާ ވޯލްޑްކަޕާއި ކުރިމަތިލާއިރު ފައިނަލުގެ ހަފްތާއެއްވަރު ކުރިން ޔަމާލަށް 19 އަހަރު ފުރޭނެ އެވެ. އެހެންނަމަވެސް 2010 ގެ ވޯލްޑްކަޕް ކާމިޔާބަށްފަހު ގަދަ 16އަށް ވުރެ ކުރިއަށް ސްޕެއިން އަދި ދަތުރުކޮށްފައެއް ނުވެ އެވެ.
އެހެންނަމަވެސް ލުއިސް ޑި ލަ ފުއެންޓޭގެ ކޯޗުކަމުގެ ދަށުން ކުޅެމުން އަންނަ ޓީމުން ވަނީ އެހިސާބަށް ދަތުރުކުރެވޭނެކަން 2024 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބީން ސާބިތުކޮށްދީފަ އެވެ. އަދި މިފަހަރުގެ ވޯލްޑްކަޕް ކޮލިފައިން އިން ވެސް އެޓީމު އެކަން ދައްކައިދިނެވެ.
ޕްރިމިއާ ލީގުގެ ގޯލްޑަން ބޫޓު ހާސިލްކުރި އާލިން ހާލަންޑް ވަނީ މިސީޒަނުގައި މެންޗެސްޓަރ ސިޓީއަށް 26 ލަނޑު ޖަހައިދީފަ އެވެ. އެހެންނަމަވެސް އޭނާ ރަންބޫޓަށް ކުރާ ވާދަ އެންމެ ބޮޑަށް ބުރަވަނީ ނޯވޭއިން މުބާރާތުގައި ދެމި އޮންނާނެ މުއްދަތަށެވެ. ކޮލިފައިންގެ 8 ގޭމުން ހާލަންޑް ވަނީ 16 ލަނޑު ޖަހައިދީފަ އެވެ.
ހަތަރު ކުލަބަށް ވުރެ ގިނަ ކުލަބަށް 100 އަށްވުރެ ގިނަ ލަނޑު ޖަހައިދިން ހަމައެކަނި ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީގައި ކާމިޔާބު ސީޒަނަކަށް ފަހު ވޯލްޑްކަޕާ ޕޯޗުގަލްއާއެކީ ކުރިމަތިލާއިރު އޭނާގެ ނަޒަރުވެސް ރަންބޫޓަށް ހުއްޓޭނެ އެވެ. މިހާތަނަށް ރޮނާލްޑޯއަށް ވެސް މިކާމިޔާބީ ލިބިފައިނުވާއިރު 41 އަހަރުގެ ރޮނާލްޑޯއަށް ވެސް މިއީ ލިބޭނެ އެންމެ ފަހު ފުރުސަތެވެ.
ވޯލްޑްކަޕުގައި ޕޯޗުގަލްގެ ތާރީހު އެހާ ރަނގަޅެއް ނޫނެވެ. 2006 ގެ ފަހުން ނޮކްއައުޓް މެޗަކުން އެޓީމު މޮޅުވީ އެންމެ ފަހަރަކު އެވެ. އެހެންނަމަވެސް އެޓީމުގައި ވެސް ވަރުގަދަ ސްކޮޑެއް އެބައޮތެވެ. އެސިސްޓްގެ ރަސްގެފާނު ބްރޫނޯ ފަނާންޑޭޒްއާއި ކުޅަދާނަ މިޑްފީލްޑަރު ވިޓީނިއާ ކަހަލަ ކުޅުންތެރިން ހިމެނޭއިރު މުބާރާތުގައި ކުރިއަށް ދިއުމުގެ ހުރިހާ ފުރުސަތެއް އެޓީމަށް ވެސް އެބައޮތެވެ.
ދަތި އަދި އުދަނގޫ ރެއާލް މެޑްރިޑް ސީޒަނަކަށްފަހު 25 އަހަރުގެ ވިނީޝިއުސް ޖޫނިއާ ވޯލްޑްކަޕާ ކުރިމަތިލާއިރު އޭނާ ވަނީ މިސީޒަނުގައި ހުރިހާ މުބާރާތަކުން 21 ގޯލު ކާމިޔާބުކޮށް 14 އެސިސްޓް ހަދައިދީފަ އެވެ. ކޮންމެބޯލް ކޮލިފައިންގައި 5 ވަނައިގައި ނިންމާ އަދި މުސްކުޅި ކުޅުންތެރިންނަށް ބްރެޒިލުން ބަރޯސާވާވަރު ބޮޑުއިރު ވިނީޝިއުސްއަށް މިކާމިޔާބީ ހޯދުމަށް އެންމެ ރަނގަޅު ފުރުސަތު ހޯދައިދިނުމަކީ ބްރެޒިލަށް އުދަނގޫ ކަމަކަށް ވެދާނެ އެވެ.
2024-25 ވަނަ ސީޒަނުގައި ދެއްކުނުހާ މޮޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ޕީއެސްޖީގެ ތަރި އޮސްމާނޭ ޑެމްބެލޭ ވަނީ ހުރިހާ މުބާރާތަކުން 19 ގޯލު ކާމިޔާބުކޮށްފަ އެވެ. އަދި މިފަހަރުގެ ފްރާންސްގެ އެޓޭކަށް ބަލާއިރު މޮޅެތި އެތައް ކުޅުންތެރިންނެއް ހިމެނެ އެވެ. އަދި ގަވައިދުން ކުޅޭނެ ކުޅުންތެރިއަކަށް ޑެމްބެލޭ ވާނެކަމަށް ބެލެވެ އެވެ. އަދި ޓީމް މޭޓް އެމްބާޕޭއަށް ރަންބޫޓުގެ ރޭހުގައި ވަރުގަދަ ފައިޓެއް ދޭނެކަމަށް ބެލެވެ އެވެ.
ބޭރު ބީރައްޓެހި މޫނުތައް
މީގެކުރިން މިދެކެވުނީ އެންމެ ބޮޑަށް ރަންބޫޓު ގެންދާނެ ކަމަށް ބެލެވޭ ކެޑިޑޭޓުންނެވެ. އެހެންނަމަވެސް ރަންބޫޓުގެ ރޭހުގައި އާ މޫނުތަކެއް ނުވަތަ ތަފާތު ނަތީޖާއެއް ވެސް ނުކުތުން އެކަށީގެންވެ އެވެ.
2024 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި މިކެލް އޮޔާޒަބަލް ވަނީ އެންމެ މެޗެއް ފިޔަވާ މިފަހަރުގެ ކޮލިފައިންގައި ސްޕެއިނުން ކުޅުނު ހުރިހާ މެޗެއްގައި ވެސް ލަނޑު ޖަހާފަ އެވެ. އޭގެއިތުރުން ލަލީގާގައި ވެސް އޭނާ ވަނީ 15 ލަނޑު ޖަހާފަ އެވެ. އަދި އިންޖަރީތަކުން ސަލާމަތްވެ ހުރިހާ ކުޅުންތެރިންނަށް ކުޅެވޭނަމަ އޭނާއާއެކު ސްޕެއިން ޓީމަށް ކުޅޭ ޔަމާލް އާއި ނީކޯ ވިލިއަމްސްގެ ކިބައިން އޭނާއަށް ގިނަ ފުރުސަތުތަކެއް ލިބޭނެ އެވެ.
އިންޖަރީ ގިނަ ސީޒަނަކަށްފަހު އިންޖަރީން ސަލާމަތްވެ މުބާރާތާ ބައްދަލުކުރާ ލިވަޕޫލަށް ކުޅޭ ސްވިޑަންގެ ތަރި އެލެކްސެންޑަރ އިސާކަށް ސްވިޑަންގެ ޖޯޒީގައި ވިދާލެވިދާނެބާ؟ ނުވަތަ އޭނާގެ ޓީމްމޭޓް އަދި އާސެނަލްގެ ވާދަވެރިޔާ ވިކްޓަރ ގިއޮކަރޭސް ވެސް މިރޭހުގައި ވާދަވެރިއަކަށް ވެދާނެބާ؟
އިންޖަރީ ބޮޑު ސީޒަނެއްގެ ގޮތުގައި މިފަހަރުގެ ކުލަބް ސީޒަން ރަފީނިއާ ނިންމާލި ނަމަވެސް އޭނާއަކީ ވެސް ފޯވާޑުންގެ ތެރޭގައި ނުރައްކާތެރި ކުޅުންތެރިޔެކެވެ. އަދި އިގޯ ތިއާގޯއާއި ވިނީޝިއުސްއާއެކު ބްރެޒިލުގެ ފޯވާޑް ލައިންގައި އޭނާ ކުޅުމުގެ ފުރުސަތު އޮތްއިރު ރަފީނިއާ އަކީ ރަންބޫޓުގެ ރޭހުގައި ފާހަގަކޮށްނުލެވޭނެ ނަމެއް ނޫނެވެ.
މައިކަލް އޮލީސޭ މިފަހަރުގެ މުބާރާތަށް ނުކުންނާނީ ނިމިދިޔަ ސީޒަނުގައި ޖަރުމަނުގެ ޗެމްޕިއަނުންނަށް ހުރިހާ މުބާރާތަކުން 22 ލަނޑު ކާމިޔާބުކޮށްދިން ތަރިއެއްގެ ގޮތުގަ އެވެ. ލަނޑު ޖެހި ނަމަވެސް އޮލީސޭ ބޮޑަށް ފާހަގަކުރެވެނީ އެސިސްޓް މެޝިނެއްގެ ގޮތުގައި އެވެ. ބަޔާނަށް މިސީޒަނުގައި ވެސް 30 އެސިސްޓް އޭނާ ހަދައިދިންއިރު ފްރާންސުން މުބާރާތުގައި އުފައްދާނެ ފުރުސަތުތައް ގިނަކަމުން އޭނާ އަކީ މިރޭހުގެ ކެޑިޑޭޓަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.
އަދި އެންމެފަހު ކުޅުންތެރިޔަކަށް ބަލާލެވެނީ މިކަމުގައި ތަޖުރިބާކާރު ރޮމެލޫ ލުކާކޫ އަށެވެ. ބެލްޖިއަމުގެ ޓީމުގައި އުއްމީދު ބޮޑުއިރު ނަޕޯލީގެ ފޯވާޑް ލުކާކޫއަކީ ބައެއް ހާލަތް އަދި ވަގުތުތަކުގައި އިތުރު ކުޅުންތެރިޔަކަށް ވާދަވެސް ނުކޮށްލެވޭނެހާ މޮޅު ފޯވާޑެކެވެ. އޭނާ އަކީ ރަނގަޅު ގްރޫޕް ސްޓޭޖު މެޗުތަކެއް ކުޅެ ނޮކްއައުޓް ބުރުގައި ވެސް ދެތިން ލަނޑު ޖަހާނެކަހަލަ ކުޅުންތެރިޔެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ