ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނިތަކާއި ބައިނަލްއަގުވާމީ ތަންފީޒީ އިދާރާތައް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި، ދެކުނު އިރުމަތީ އޭޝިއާގައި ހަރަކާތްތެރިވާ ސްކޭމް ނެޓްވޯކްތަކެއް ރޫޅާލައި، 63 މީހަކު ހައްޔަރުކޮށް، 1.4 މިލިއަނަށް ވުރެ ގިނަ އޮންލައިން އެކައުންޓްތައް ނައްތާލައިފި އެވެ.
މި އޮޕަރޭޝަނުގައި މެޓާ، މައިކްރޯސޮފްޓް، ކޮއިންބޭސް އަދި ސްޓާލިންކްގެ އިތުރުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް، އެފްބީއައި، ޔޫއެސް ސީކްރެޓް ސާވިސް، ރޯޔަލް ތައި ޕޮލިސް އަދި އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެނެޑާ އަދި ނިއުޒީލެންޑުގެ ތަންފީޒީ އިދާރާތަކުން ބައިވެރިވެފައިވެ އެވެ.
މެޓާ އިން ހާމަކުރި ގޮތުގައި، ގުޅިގެން ހިންގި މި ހަރަކާތް އަމާޒުކޮށްފައިވަނީ އޮންލައިންކޮށް މަކަރާއި ހީލަތް ހަދާ ކުށްވެރި ގްރޫޕްތަކަށެވެ. މީގެ ތެރޭގައި ލޯބީގެ ދަންތުރަތަކާއި، އިންވެސްޓްމަންޓް ފްރޯޑްތަކުގެ އިތުރުން، މަޖުބޫރުން މީހުން ލައްވައި މަސައްކަތް ކުރުވާ ސްކޭމް ސެންޓަރުތަކާ ގުޅުންހުރި ނެޓްވޯކްތައް ހިމެނެ އެވެ.
މި ފިޔަވަޅުތަކުގެ ދަށުން، ސްކޭމް ކުރުމަށް ބޭނުންކުރާ 1.4 މިލިއަނަށް ވުރެ ގިނަ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓްތަކާއި، ޕޭޖްތަކާއި ގްރޫޕްތައް މެޓާ އިން ވަނީ ނައްތާލާފަ އެވެ. އަދި މައިކްރޯސޮފްޓުން ވަނީ މަކަރާއި ހީލަތް ހެދުމަށް ބޭނުންކުރި 20،000 އެއްހާ އެކައުންޓް ސަސްޕެންޑްކޮށްފަ އެވެ.
ކްރިޕްޓޯކަރަންސީ އެކްސްޗޭންޖް ކޮއިންބޭސް އިން ވަނީ ކުށްވެރި ނެޓްވޯކްތަކާ ގުޅުންހުރި 3 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ޑިޖިޓަލް އެސެޓްތައް ފްރީޒްކޮށްފަ އެވެ. މީގެ އިތުރުން، ގާނޫނާ ހިލާފު ކަންކަމަށް ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ އެތައް ހާސް އިންޓަނެޓް ޓާމިނަލްތަކެއްގެ ހިދުމަތް ސްޓާލިންކުން ވަނީ މެދުކަނޑާލާފަ އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ "ސްކޭމް ސެންޓަރު ސްޓްރައިކް ފޯސް" މެދުވެރިކޮށް ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގެ ދަށުން، ވޮޝިންޓަން ޑީސީގައި އެއް ހަފުތާގެ މުއްދަތަށް މައުލޫމާތު ބަދަލުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ. މީގެ ބޭނުމަކީ އޮންލައިންކޮށް ހިންގާ ސްކޭމްތަކާއި ހަގީގީ ދުނިޔޭގައި ހަރަކާތްތެރިވާ ކުށްވެރި ނެޓްވޯކްތަކާ ހުރި ގުޅުން ދެނެގަތުމެވެ.
ބައިނަލްއަގްވާމީ ބޮޑު އޮޕަރޭޝަނެއްގައި އޭޝިއާގެ ސްކޭމް ނެޓްވޯކްތަކުން 63 މީހުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ