''މެންގޯ އެލާޓް'' ލިބިފައެއް ނެތް، އެތެރެ ކުރިތޯ މިދަނީ ބަލަމުން: ހެލްތު

ހަށިގަނޑަށް ނުރައްކާތެރި މިންވަރަކަށް ކެމިކަލް ޕެސްޓިސައިޑު ހުރުމުން ބައެއް ގައުމުތަކުން އިންޑިއާގެ އަނބު އެތެރެކުރުން މަނާކޮށްފައިވާއިރު، ރާއްޖެއަށް އެ ކަމާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީ އިދާރާއަކުން ހިއްސާކޮށްފައި ނުވި ނަމަވެސް އެ ގައުމުން ރާއްޖެއަށް އަނބު އެތެރެކުރިތޯ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ. އިންޑިއާގެ އަނބާއި އެހެނިހެން މޭވާގެ ބައެއް ބާވަތްތަކުން ނުރައްކާތެރި މިންވަރަކަށް ކެމިކަލް ޕެސްޓިސައިޑް ފެނިފައިވާތީ، އެ ބާވަތްތައް އެތެރެކުރުން ނޭޕާލާއި ޖަޕާނުން ވަނީ މަނާކޮށްފައެވެ. މި ކަމާ ގުޅިގެން ރާއްޖޭން އެއްވެސް ފިޔަވަޅެއް އަޅާނެތޯ 'ސަން'އިން ސުވާލުކުރުމުން ހެލްތު މިނިސްޓްރީން މިއަދު ބުނީ، ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ އެއްވެސް އިދާރާއަކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް މެންގޯ އެލާޓާ ބެހޭ މައުލޫމާތެއް ހިއްސާކޮށްފައިނުވާ ކަމަށެވެ. ނަމަވެސް، އެ ތަކެތި ރާއްޖެއަށް އިމްޕޯޓުކޮށްފައިވޭތޯ ބެލުމުގެ މަސައްކަތް އެމްއެފްޑީއޭއިން ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ފާހަގަކުރެވޭ ގޮތުގައި، އިންޑިއާއަކީ ރާއްޖެއަށް ގިނަ އަދަދަކަށް މޭވާއާއި ތަރުކާރީ އިމްޕޯޓު ކުރާ ގައުމެކެވެ. ނޭޕާލަށް އިންޑިއާގެ ބާވަތްތައް އެތެރެކުރުން މަނާކުރިއިރު އެގައުމުގެ އެގްރިކަލްޗާ އެންޑް ލައިވް ސްޓޮކް ޑިވެލޮޕްމަންޓުން ބުނީ، މިދިޔަ އޭޕްރީލް، މެއި މަހުން ފެށިގެން އިންޑިއާގެ މޭވާގެ ބާވަތްތަކަށް ސަމާލުވެގެން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އޭގެއިތުރަށް، މި އަހަރުގެ ކުރީކޮޅު ޖަޕާނުގެ ކަރަންޓީނު އޮފިޝަލުން ވަނީ އިންޑިއާގެ ޓްރީޓްމަންޓް ފެސިލިޓީތައް ބަލާފައެވެ. މިގޮތުން، އެ ފެސިލިޓީތަކުގައި ސިއްހީ ރައްކާތެރިކަމާއި ސޫފި ކޮންޓްރޯލް ކުރުމުގައި ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަވެފައިވާ ކަމަށް އެ އޮފިޝަލުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ