16 އަހަރު ފަހުން ވޯލްޑް ކަޕެއް ފަށާއިރު ޝަބަލާލާގެ ހަނދާންތަކެއް

މެކްސިކޯ ސިޓީ، މެކްސިކޯ (ޖޫން 11) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މިރޭ ފަށާނީ، ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ގައުމެއް ކަމަށްވާ މެކްސިކޯގަ އެެވެ. މެކްސިކޯ އިން ފުރަތަމަ މެޗުގައި ދެކުނު އެފްރިކާއާ ކުޅޭއިރު، މިއީ، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ހޯސްޓްކުރި ވޯލްޑް ކަޕްގައި ވެސް އެންމެ ފުރަތަމަ ކުޅުނު މެެެޗެވެ.
އެ މެޗުގައި، ދެކުނު އެފްރިކާ އަށް މޮޅެއް ނުލިބުނެއް ކަމަކު، އެ ޓީމަށް ލީޑުނަގައިދިން ލަނޑު 55 ވަނަ މިނިޓްގައި ޖަހައިދިން ސިޕީޕީ ޝަބަލާލާގެ އެ ގޯލު ވަނީ ވޯލްޑް ކަޕްގެ ތާރީހީ ވަގުތެއްގެ ގޮތުގައި ގިނަ ބަޔެއްގެ ހަނދާނުގައި ހަރުލައިފަ އެވެ. އެއީ، އެ ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ ލަނޑަށް ވުމުގެ އިތުރުން، އެ ވަގުތު ތެރޭގައި އެ މާހައުލުން ފެނުނު ގިނަ ކަންތައްތަކާ ވެސް އެކީގަ އެވެ. 
މަޝްހޫރު ފުޓްބޯޅަ ކޮމެންޓޭޓަރު، ޕީޓާ ޑްރޫރީ، އޭނާގެ ކެރިއަރުގެ ހާއްސަ އުސްއައްޔެއްގެ ގޮތުގައި ވެސް ނަގާ ޝަބަލާލާގެ މި ލަނޑު ޖެހި ވަގުތު، ދެކުނު އެފްރިކާގެ ފުޓްބޯޅަ ސަޕޯޓަރުންގެ ވުވުޒެލާގެ އަޑުތަކާ އެކު، ދަނޑުގެ މާހައުލު ގުގުމަމުން ދިޔައިރު، އެއީ ވޯލްޑް ކަޕްގެ "އައިކޮނިކް" މޫމަންޓެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެ އެވެ. 
މެކްސިކޯ ސިޓީގައި މިރޭގެ ވޯލްޑް ކަޕްގައި ދެކުނު އެފްރިކާ އިން ފުރަތަމަ މެޗަށް ނުކުންނައިރު، މިއީ، 2010 ވަނަ އަހަރުގެ ފަހުން އެ ޓީމުން ވޯލްޑް ކަޕްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އަލުން އެނބުރި ވޯލްޑް ކަޕަށް ދެކުނު އެފްރިކާ އިން އައިއިރު، އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުންގެ އުންމީދު އޮތީ، ޓީމުގައި އަލުން ޝަބަލާލާ ފަދަ ވިދުންގަދަ ކުޅުންތެރިއަކު ފެނި، އެ ގައުމުގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ދާން ކުރާ މަސައްކަތުގައި ބައިވެރިވުމެވެ. 
މީގެ ހަ އަހަރު ކުރިން ފީފާ ޓީވީ އަށް ދިން އިންޓަވިއުއެއްގައި، ޝަބަލާލާ ވަނީ، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ޖެހި ގޯލަކީ، ހަޔާތުގައި ހުރިހާ ގޮތަކުން ވެސް ހާއްސަވާނެ ވަގުތެއް ކަމަށެވެ. އެ ގޮތުން، އެއީ، ދެކުނު އެފްރިކާގައި ފުޓްބޯޅަ އަށް ލޯބިކުރާ އެތައް ބަޔެއްގެ ހިތައް ހިތްހަމަޖެހުމެއް ގެނެސްދިން ގޯލެއް ކަމަށް ޝަބަލާލާ ވަނީ ބުނެފަ އެވެ. 
މި ފަަހަރުގެ ވޯލްޑް ކަޕްގައި ޓީވީ ހޯސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޝަބަލާލާ ބުނީ، ވޯލްޑް ކަޕަށް ދެކުނު އެފްރިކާ އެނބުރި އަންނައިރު، ވަރަށް ގިނަ ބަޔަކު އޭނާގެ ހަނދާން އާކޮށް ސޯޝަލް މީޑިއާގެ ޒަރިއްޔާ އިން އެ ވާހަކަ ދެއްކުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. 
މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރާ ވޯލްޑް ކަޕްގެ ފުރަތަަމަ މެޗު ފަށާނީ މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި މިރޭ، 12 ޖަހާއިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ