އެމެރިކާއިން ދިން ހަމަލާއެއްގައި އިންޑިއާ ތިން މީހުން މަރުވެއްޖެ

އޮމާން ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ގެއްލިއްގެން ހޯދަމުންދިޔަ އިންޑިއާގެ ތިން ފަޅުވެރިން މަރުވެފައި ތިއްބައި ފެނިއްޖެއެވެ. މިއީ އީރާނާ ގުޅުންހުރި ބޯޓުފަހަރު ހުއްޓުވުމަށް އެމެރިކާއިން ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން ހިނގި ހާދިސާއެއްކަން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ މިއަދު ކަށަވަރުކޮށްދީފައެވެ. އިންޑިއާގެ ޝިޕިން މިނިސްޓަރު ސަރްބާނަންދާ ސޮނޮވާލް ވިދާޅުވި ގޮތުގައި، ކުރިން ގެއްލިގެން ހޯދަމުންދިޔަ ތިން ފަޅުވެރިންގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ. އަދި އެއީ ކޮން ބައެއްކަން ދެނެގަނެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއީ އޭޕްރީލް 13 ވަނަ ދުވަހު އެމެރިކާއިން ފެށި ބްލޮކޭޑްގައި ބަޔަކު މަރުވިކަން ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، އެމެރިކާގެ މަތިންދާބޯޓަކުން ވަނީ ގަލްފް އޮފް އޮމާންގައި ދަތުރުކުރަމުންދިޔަ ޕަލާއު ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ "ސެޓެބެލޯ" އަށް އަމާޒުކޮށް ހަމަލާދީފައެވެ. ސެންޓްކޮމްއިން ބުނީ އެ ބޯޓުގެ އިންޖީނު ރޫމަށް ހަމަލާދިނީ އެމެރިކާ ސިފައިންގެ އެންގުންތަކަށް ބޯޓުގެ ފަޅުވެރިން ތަކުރާރުކޮށް ތަބާނުވުމުން ކަމަށެވެ. އަދި އެ ބޯޓަކީ އީރާނުން ތެޔޮ އުފުލަން މަސައްކަތްކޮށް، ބްލޮކޭޑާ ޚިލާފުވެފައިވާ ބޯޓެއް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ. އެމެރިކާއިން ހަަމަލާދިން 'ސެޓެބެލޯ' ކިޔާ ތެޔޮ ޓޭންކަރު. ފޮޓޯ/އެންޑީޓީވީ އިނގިރޭސިވިލާތުގެ މެރިޓައިމް ރިސްކް މެނޭޖްމަންޓް ގްރޫޕް، ވެންގާޑުން ބުނި ގޮތުގައި އެމެރިކާގެ ހަމަލާއަށްފަހު ބޯޓުގެ އިންޖީނު ރޫމުގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓުކުރުމުން އޮމާންގެ ކަނޑުގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އިންޑިއާގެ ޚާރިޖީ ވުޒާރާއިން ބުދަ ދުވަހު މި ހަމަލާ ކުށްވެރިކޮށްފައިވާއިރު، އެ ބޯޓުގައި ތިބި އިންޑިއާގެ 21 ފަޅުވެރިއަކު ވަނީ ސަލާމަތްކޮށްފައެވެ. މި މައްސަލައާ ގުޅިގެން އިންޑިއާއިން ވަނީ އެ ގައުމުގައި ހުންނަވާ އެމެރިކާގެ ޑެޕިއުޓީ ޗީފް އޮފް މިޝަން ހާޒިރުކޮށްފައެވެ. މި ހާދިސާ ހިނގާފައި މިވަނީ، ކުރިއަށް އޮތް ޖީ7 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރައްވަން ހަމަޖެހިފައި ވަނިކޮށެވެ. އެމެރިކާގެ ބްލޮކޭޑްގެ ދަށުން މިހާތަނަށް އަމުރަށް ނުކިޔަމަންތެރިވި 8 ބޯޓެއް ހުއްޓުވައި، 134 ބޯޓެއްގެ މިސްރާބު ބަދަލުކުރުވައި، އިންސާނީ އެހީ އުފުލާ 42 ބޯޓަކަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ސެންޓްކޮމްއިން ބުންޏެވެ. މީގެ އިތުރުން، ހޯމަ ދުވަހު ގަލްފް އޮފް އޮމާންގައި އިންޑިއާގެ ފަޅުވެރިންނާއެކު ދަތުރުކުރި "މެރިވެކްސް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް އީރާނުގެ ބަނދަރަކަށް ދާން އުޅުމުން އެމެރިކާ ސިފައިން ވަނީ އެ ބޯޓުވެސް ހުއްޓުވާފައެވެ. ހަމައެއާއެކު، އޮމާންގައި ހުންނަ އިންޑިއާގެ އެމްބަސީން ބުރާސްފަތި ދުވަހު ވަނީ އެހެން ޓޭންކަރަކާ ގުޅޭ ހާދިސާއެއްވެސް ރިޕޯޓުކޮށްފައެވެ. ފޯވާޑް ސީމެންސް ޔޫނިއަން އޮފް އިންޑިއާއިން ބުނި ގޮތުގައި އެއީ "އެމްޓީ ޖަލްވީރު" ނަމަކަށް ކިޔާ ބޯޓެކެވެ. އެމެރިކާއިން ހަމަލާ އަމާޒުކުރާ ބޯޓުފަހަރުގެ ތެރޭގައި އީރާނުގެ ބޯޓުތަކުގެ އިތުރުން، ހުޅަނގުގެ އިންޝުއަރެންސް ނެތި ދަތުރުކުރާ "ޝެޑޯ ފްލީޓް" ޓޭންކަރުތައް ހިމެނެއެވެ. މި ހާދިސާތަކާ ގުޅިގެން އދ. ގެ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ ސެކްރެޓަރީ ޖެނެރަލް އާސެނިއޯ ޑޮމިންގޭޒް ބުދަ ދުވަހު ވިދާޅުވީ، ފަޅުވެރިންގެ ފުރާނައަށާއި ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ އަމަލެއް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާއަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ކަނޑުމަތީގެ މަސައްކަތްތެރިން ފޯރުކޮށްދޭ ގައުމެވެ. ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 300،000 އަށްވުރެ ގިނަ އިންޑިއާގެ ފަޅުވެރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޯޓުފަހަރުގައި މަސައްކަތްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ