ހުޅުމާލެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކްގެ ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކަށް ދައްކާ ބަލިމީހުންގެ އަދަދު އިތުރުވަމުންދާތީ، އެ ކްލިނިކުން ޚިދުމަތްދޭ ވަގުތު އިތުރުކުރުމަށް އެ ހޮސްޕިޓަލުން ނިންމައިފިއެވެ.
މީގެ ކުރިން މެންދުރުފަހު 2:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުރި މި ކްލިނިކް، މިހާރު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުންނާނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. މި ބަދަލު ގެނައީ އަރިދަފުސް ރޯގާގެ އަލާމާތްތަކާއެކު ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް ފާހަގަކުރެވޭތީއެވެ.
ހުޅުމާލެ ހޮސްޕިޓަލުގެ މައި ރިސެޕްޝަން ކައިރީގައި ހުންނަ މި ކްލިނިކުން ބަލިމީހުން ބެލުމާއި، ފަރުވާ ދިނުމުގެ އިތުރުން ސިއްހީ އިރުޝާދު ދިނުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި ހޮސްޕިޓަލުގެ ހޮޓްލައިން ނަންބަރު 1417 މެދުވެރިކޮށް އިތުރު މައުލޫމާތު ހޯދޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.
މި ކްލިނިކަކީ ހައްޖުގެ އަޅުކަމަށްފަހު އެނބުރި އަންނަ ހައްޖާޖީންގެ ސިއްހީ ހާލަތު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވި ކްލިނިކެކެވެ. ރާއްޖޭގެ ހުރިހާ ހައްޖާޖީން މިހާރު އެނބުރި ރާއްޖެ އައިސްފައިވާއިރު، ކެއްސުމާއި ހުން އައުން ފަދަ ނޭވާލާ ނިޒާމުގެ ބަލިމަޑުކަމުގެ އަލާމާތެއް ފެނިއްޖެނަމަ މާސްކު އެޅުމަށާއި ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ސިއްހީ އިދާރާތަކުން އިރުޝާދުދެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ އެނބުރި އައި ހައްޖާޖީންނާއި އާންމު ރައްޔިތުން ސިއްހީ އިރުޝާދުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ރަސްމީ އިދާރާތަކުން ނެރޭ ސިއްހީ އިއުލާންތަކަށް އަބަދުވެސް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވެސް ވަނީ ހައްޖާޖީންނަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން ބަލީގެ އަލާމާތްތައް ހުންނަ ހައްޖާޖީން އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ދިއުމުން، ޓްރިއާޖް ކައުންޓަރުގައި ހައްޖު ދަތުރުގެ މައުލޫމާތު ހިއްސާކުރުމުން އަވަސް ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ