ފިލިޕީންސްގެ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭން އެހީއަށް އެދިއްޖެ
ފިލިޕީންސްގެ ދެކުނަށް ހޯމަ ދުވަހު އައި 7.8 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބަންދުވެފައިވާ އަވަށްތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހެލިކޮޕްޓަރުގެ އެހީތެރިކަމަށް އެ ގައުމުގެ އޮފިޝަލުން އެދިއްޖެއެވެ. ސަރަންގާނީ ޕްރޮވިންސާ ދިމާލު ކަނޑުގެ ސަރަހައްދަށް އައި މި ބިންހެލުމުގައި މިހާތަނަށް 47 މީހުން މަރުވެ، 688 މީހުންނަށް އަނިޔާވެފައިވާއިރު، އިތުރު 31 މީހަކު ވަނީ ގެއްލިފައެވެ. މި ހާދިސާއާ ގުޅިގެން 45،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މިހާރު ދިރިއުޅެމުންދަނީ ވަގުތީ ހިޔާތަކުގައެވެ. ދަނޑުވެރިކަން ކުރާ ރަށްތަކާއި ސިޓީތަކުން 12،600 އަށް ވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވެއެވެ. ޕްރޮވިންސްތަކުގެ އޮފިޝަލުން ބުނި ގޮތުގައި، ބިންހެލުމަށްފަހު އަންނަމުންދާ ލޮޅުންތަކުގެ ސަބަބުން ގިނަ ބަޔަކު ތިބީ ބިރުގަނެ، އެނބުރި ގެއަށް ދާން ނުކެރިފައެވެ. ބިންހެލުމުގައި ގިނަ މީހުން މަރުވެފައިވަނީ އިމާރާތްތައް ވެއްޓުމުގެ ސަބަބުންނާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ. މީގެ ތެރޭގައި ސަރަންގާނީ، ޖެނެރަލް ސަންތޯސް ސިޓީ، ސައުތު ކޮޓަބާޓޯ އަދި ދާވާއޯ އޮކްސިޑެންޓަލް ޕްރޮވިންސް ހިމެނެއެވެ. ފިލިޕީންސް އަށް އައި ބިންހެލުމުގައި ގެއްލުންވެފައި. ފޮޓޯ/އޭޕީ ސިވިލް ޑިފެންސް އޮފީހުން ހާމަކުރި ގޮތުގައި، އެންމެ ގިނަ މީހުން މަރުވެފައިވަނީ ސަރަންގާނީ ޕްރޮވިންސުންނެވެ. އެ ޕްރޮވިންސުން 20 މީހުން މަރުވެފައިވާއިރު، ގިނަ މީހުން މަރުވީ އައްސޭރިފަށުގެ ރަށެއް ކަމަށްވާ ގްލާންގައި ބިންގަނޑު ކަނޑައިގެން ގޮސް ގެތަކެއް ވަޅުލެވުމުގެ ސަބަބުންނެވެ. ގްލާންގެ މޭޔަރު ވިކްޓާ ޖޭމްސް ޔަޕް ވިދާޅުވި ގޮތުގައި، 100،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގެ 31 އަވަށުގެ ތެރެއިން 10 އަވަށަކަށް އަދިވެސް ނުދެވެއެވެ. މޭޔަރު ޔަޕް ވަނީ ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް ކާބޯތަކެއްޗާއި އެހެނިހެން އެހީ ފޯރުކޮށްދިނުމަށް އަސްކަރިއްޔާގެ ހެލިކޮޕްޓަރުތައް ފޮނުވައިދިނުމަށް ސަރުކާރުގައި އެދިވަޑައިގެންފައެވެ. "އަޅުގަނޑުމެންނަށް ކާބޯތަކެއްޗާއި ފެން ބޭނުންވޭ، ނަމަވެސް ބަންދުވެފައިވާ ބައެއް އަވަށްތަކަށް އެ ތަކެތި ގެންދިއުމަކީ އުނދަގޫ ކަމެއް،" ރޭޑިއޯ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ސަރަހައްދުތަކުގައި ތިބި މީހުން ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުންދާތީ، ކާބޯތަކެތި އުފުލުމަށް ހެލިކޮޕްޓަރު ބޭނުންވާ ކަމަށެވެ. ރަށަށް ވަދެވެން އޮންނަ މައި މަގު މިހާރު ހުޅުވާފައިވީ ނަމަވެސް، ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް އަދިވެސް ރަނގަޅަކަށް ނުލިބެއެވެ. ބިންހެލުން އައި ވަގުތު ޖެނެރަލް ސަންތޯސްގެ މޫދަށް އެރި އުޅުނު ދެ މީހަކު ގެނބިގެން މަރުވެފައިވާއިރު، އިތުރު މީހަކު ވަނީ އޮޔާ ގޮސް ގެއްލިފައެވެ. މި ބިންހެލުމާ ގުޅިގެން ފިލިޕީންސްގެ ދެކުނުގެ ސަރަހައްދުތަކަށް 1.4 މީޓަރުގެ އުސް ރާޅު އަރާފައިވެއެވެ. އިންޑޮނޭޝިއާ، ޕަލާއު އަދި ޖަޕާނުގެ ދެކުނަށް ވެސް ކުދި ރާޅުތަކެއް އެރިއެވެ. މިއީ 1976 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު އެ ގައުމަށް އައި 8.1 މެގްނިޓިއުޑްގެ ބިންހެލުމަށްފަހު އައި އެންމެ ބާރުގަދަ ބިންހެލުމެވެ. އެ ފަހަރު 8،000 އެއްހާ މީހުން މަރުވިއެވެ. ފިލިޕީންސަކީ ޕެސިފިކް ކަނޑުގެ "ރިންގް އޮފް ފަޔާ" ގައި އޮންނަ ގައުމަކަށް ވުމުން، އެ ގައުމަށް ގިނައިން ބިންހެލުންތަކާއި އަލިފާންފަރުބަދަ ގޮވުމުގެ ހާދިސާތައް ކުރިމަތިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ