ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އުވާލި އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ގެ މަގާމު ނުގެއްލޭނެކަމުގެ ޔަގީންކަން މިދިޔަ މެއި މަހު ދިނުމަށްފަހު، ކުއްލިއަކަށް އިއްޔެ އެ އެންމެން ވެސް މަގާމުތަކުން ވަކިކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ އެ މުވައްޒަފުން ވަކިކުރީ އަތޮޅު ކައުންސިލްތައް އުވިފައިވާތީ، ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް ވަޒީފާ ދޫކޮށްލަންޖެހޭތީ ކަމަށެވެ. އެ މުވައްޒަފުންނަށް ވަޒީފާ ދޫކޮށްލަންޖެހޭތީ އެއްފަހަރާ 10،000ރ. ދީފައިވެ އެވެ.
ނަމަވެސް އަތޮޅު ކައުންސިލްތަކުގެ އިދާރާތަކާއި، އެނޫންވެސް އަތޮޅު ކައުންސިލްތަކުގެ އޮފީސްތަކުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން މަސައްކަތްކުރާނެ އެހެން ތަނެއް، ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށްފަހު, އެ ކައުންސިލްތަކަށް އަލަށް އިންތިހާބުކުރެވޭ މެންބަރުން އެމީހުންގެ މަގާމާ ހަވާލުވާތާ 60 ދުވަހުގެ ތެރޭގައި އެލްޖީއޭގެ މަޝްވަރާއާއެކު ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެއިތުރުން އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގައި އެހެން ވަޒީފާއެއް ހަމަޖައްސައި، އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން ނިންމަންވާނެ ކަމަށާއި އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން ހަމަޖައްސައި ނިމެންދެން، އެ މުވައްޒަފުން ތިބޭނީ އެލްޖީއޭގެ މުވައްޒަފުންގެ ގޮތުގައި ކަމަށް ވެސް އައު ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
ގާނޫނަށް ބާރުދީ ރައީސް އޮފީހުން އެލްޖީއޭއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އަތޮޅު ކައުންސިލްތައް އުވިގެންދާނެތީ، އެ އިދާރާތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ ކަންކަން ގާނޫނުގައިވާ ގޮތުގެ މަތިން ހަމަޖައްސައި، އެ މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖައްސައި، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭ ގޮތަށް އަދި މުވައްޒަފުންނަށް މިހާރު ލިބޭ އިނާޔަތްތަކަށް އުނިކަން ނާންނަ ގޮތަށް އަމަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު އެންގެވި ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ކުއްލި ގޮތަށް އަތޮޅު ކައުންސިލްތަކުގެ އެސްޖީން މަގާމުން ވަކިކުރި ސަބަބެއް ރައީސް އޮފީހުން މިހާތަނަށް ނުބުނެ އެވެ.
އަތޮޅު ކައުންސިލްތައް އުވާލަން މަޖިލީހުން ފާސްކޮށް، އެ ބަދަލު މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އަހަރު ފަހުކޮޅެވެ. އެއާއެކު މި އަހަރުު ބޭއްވި ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލަރުން ނުހޮވާއިރު، ނިމިދިޔަ ދައުރަކީ އަތޮޅު ކައުންސިލްގެ ފަހު ދައުރެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ލާމަރުކަޒީ ނިޒާމުން ކައުންސިލުތަކަށް ލިބިފައިވާ ބާރުތައް ހަނި ކުރަން ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކައުންސިލުތަކަށް ވިޔަފާރި ކުރުމަށް ލިބިދީފައި އޮތް ބާރު ވެސް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.
އަތޮޅު ކައުންސިލްތައް އުވައިލުމަށް ގާނޫނުއަސާސީއަށް މަޖިލީހުން ބަދަލު ގެނައީ އެކަން ގާނޫނުއަސާސީއާ ހިލާފުވުމުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާ ވެސް އެކަން މުޅިން އިދިކީލި ކަމަށް ބުނެ ބައެއް ފަރާތްތަކުން ހިޔާލުފާޅު ކުރަމުން ދަނިކޮށެވެ.
ގާނޫނުއަސާސީން ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމު ދެމެހެއްޓުމަށްޓަކައި އަތޮޅު ކައުންސިލްތައް އުވާލުމަށް މި ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި ބަދަލު ރުޖޫއަ ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މިދިޔަ މެއި މަހު މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އެ ބިލު އޭރު ބޭރުކޮށްލި އެވެ.
މި ފަހަރު އިންތިހާބުކުރި ކައުންސިލުތަކުގެ ތެރެއިން ފަސް ސިޓީގެ މޭޔަރުކަމާއި ސިޓީ ކައުންސިލުގެ އަގުލަބިއްޔަތު ހޯދީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ. ރަށު ކައުންސިލުތަކާއި ޑަބްލިޔުޑީސީގެ ގިނަ ގޮނޑިިތައް ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ.
މި ކައުންސިލުތަކުން މިހާރު ޖާވާބުދާރީވާން ޖެހެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށެވެ.
ވަޒީފާ ނުގެއްލޭނެކަމުގެ ޔަގީންކަން ދިނުމަށްފަހު އަތޮޅު ކައުންސިލްތަކުގެ އެސްޖީން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ