އެލްނީނޯ އުފެދުމާއެކު މޫސުމަށް ކުރާ އަސަރު މޮނިޓަރ ކުރަނީ

ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި އެލްނީނޯ އުފެދިފައިވުމާއެކު، ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރު މޮނިޓަރކުރަމުން ދާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެލްނޯނީއަކީ، ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާ ޚިލާފަށް މަތިވުމުގެ ސަބަބުން ކުރިމަތިވާ ޤުދުރަތީ މޫސުމީ ހާލަތެކެވެ. މީގެ ސަބަބުން، ޕެސިފިކް ކަނޑުގެ އިރުމައްޗާއި މެދުތެރޭގެ ސަތަހައިގެ ހޫނުމިން މަތިވެ، ދުނިޔޭގެ ވައިގެ ދައުރުވުމާއި ޕްރެޝަރާއި ވާރޭވެހޭ ގޮތަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި މިހާރު އެލްނީނޯ އުފެދިފައިވާ ކަމަށެވެ. އަދި ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަޙައްދުތަކުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ހުރީ އާންމު މިންގަނޑަށްވުރެ މަތީގައި ކަމަށެވެ.
އާންމު ގޮތެއްގައި އެލްނޯނީގެ އަސަރުތައް 9 މަހާއި، 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދިޔަ ނަމަވެސް ބައެއް ފަހަރު އަހަރުތަކަކަށްވެސް މިކަން ދެމިގެންދެއެވެ. މިއީ، ވަކި ތަރުތީބަކުން ނޫނަސް، ކޮންމެ ދެ އަހަރާއި ހަތް އަހަރަކުން އެއް ފަހަރު އަންނަ ބަދަލެކެވެ. އެލްނޯނީގެ ސަބަބުން ދުނިޔޭގެ މޫސުމަށާއި، ދިރޭތަކެތީގެ ނިޒާމަށާއި، އިޤުތިސާދަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.
މެޓް އޮފީހުން ވިދާޅުވީ، އެލްނީނޯގެ ސަބަބުން ބައެއް މަސްމަހު އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ ގިނައިން ވާރޭވެހޭއިރު، އަނެއްބައި މަސްމަހު ވާރޭވެހޭ މިންވަރު މަދުވާ ކަމަށެވެ. އަދި ކޮންމެ އެލްނީނޯ އަހަރެއްގައިވެސް މޫސުމަށް ކުރާ އަސަރުތައް އެއްގޮތް ނުވެދާނެ ކަމަށާއި، އެލްނީނޯގެ ބާރުމިނާއި އެކަން ދިމާވާ ދަނޑިވަޅުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރަށް ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރަށް ނުފޫޒު ފޯރަނީ ހަމައެކަނި އެލްނީނޯއިން އެކަނި ނޫންކަން ފާހަގަކުރައްވާ މެޓް އޮފީހުން ވިދާޅުވީ، އިންޑިއަން އޯޝަން ޑައިޕޯލް އަދި މެޑަން ޖޫލިއަން އޮސިލޭޝަން ފަދަ މޫސުމީ އެހެން ކަންތައްތަކުންވެސް ރާއްޖެއަށް ވާރޭވެހޭ މިންވަރަށް އަސަރު ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ