ވޯލްޑް ކަޕް 2026 ގެ ”ގްރޫޕު ޖޭ“ އިން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއެކު އޮސްޓްރިއާ އާއި އަލްޖީރިއާއާ ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެއްޖެއެވެ.
އާޖެންޓީނާ އިން މިއަދު ޖޯޑަންއާ ދެކޮޅަށް ނުކުތް އިރުވެސް، އާޖެންޓީނާއަށް ވަނީ ގްރޫޕުގެ އެއްވަނައާއެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ.
މިއަދުގެ މެޗުގައި ޖޯޑަން އަތުން އާޖެންޓީނާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ފެނިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގެ ތެރޭގައެވެ.
އާޖެންޓީނާއިން މެޗުގެ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ހޯދިއެވެ. ހިލޭ ޖެހުމަކުން ފުރަތަމަ ގޯލު ޖިއޮވާނީ ލޮ ސެލްސޯ ކާމިޔާބުކޮށްދިން އިރު، ލިބުނު ޕެނަލްޓީއަކުން އާޖެންޓީނާއަށް ލީޑު ފުޅާކޮށްދިނީ ލައުޓާރޯ މާޓިނޭޒެވެ.
ޖޯޑަނުން މެޗުގައި ޖެހި ގޯލު ފެނިގެންދިޔައީ ދެވަނަ ހާފު ފެށިތާ ދިހަ މިނެޓު ފަހުންނެވެ. ޖޯޑަނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މޫސާ އަލް ތާމަރީއެވެ.
މެޗު ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް، ހިލޭ ޖެހުމަކުން މެސީގެ ގޯލެއް ފެނިގެންދިޔައެވެ. އެއީ މި ވޯލްޑް ކަޕްގައި މެސީ ޖެހި ހަވަނަ ގޯލެވެ. އެ ގޯލާއެކު ޖެހިޖެހިގެން ހަތް ވޯލްޑް ކަޕް މެޗެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ވެސް އޭނާއަށް ލިބިގެންދިޔައެވެ.
މި ގްރޫޕުގައި އޮސްޓްރިއާ އާއި އަލްޖީރިއާ ކުޅުނު މެޗު ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗަށް ނުކުތް އިރު، ދެ ޓީމަށް ވެސް އެންމެ މަދުވެގެން ޕޮއިންޓެއް ހޯދައިގެން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރެވެން އޮތެވެ.
ފޯރިގަދަ މި މެޗުގައި ފެނިގެންދިޔައީ އެއް ޓީމެއް ގޯލު ޖެހުމުން އަނެއް ޓީމެއް އެއްވަރުކުރާ މަންޒަރެވެ. މާކޯ އާނޮޓިވިޗްގެ ގޯލުން އޮސްޓްރިއާއަށް ލީޑު ލިބިފައިވަނިކޮށް، އަލްޖީރިއާއިން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ރާފިކް ބެލްގާލީގެ ގޯލުންނެވެ.
އޭގެ ފަހުން މެޗުގެ 55 ވަނަ މިނެޓުގައި އޮސްޓްރިއާއަށް މާސެލް ސަބިޓްޒާ ލީޑު ހޯދައިދީފައިވަނިކޮށް، އޭގެ ފަސް މިނެޓުތެރޭ ރިޔާދް މަހްރޭޒް ވަނީ އަލްޖީރިއާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ދެ ޓީމުގެ ގޯލެއް ވެސް ފެނިގެންދިޔައެވެ. ރިޔާދް މަހްރޭޒްގެ އިތުރު ގޯލަކުން އަލްޖީރިއާއަށް ލީޑު ލިބިގެންދިޔަ ނަމަވެސް، އޭގެ ތިން މިނެޓުތެރޭ ސާސާ ކަލައިޑްޒިޗްގެ ގޯލު އޮސްޓްރިއާ ސަލާމަތްވިއެވެ.
އޮސްޓްރިއާ އާއި އަލްޖީރިއާ އެއްވަރުވެ ދެ ޓީމަށް ވެސް ދެވަނަ ބުރުން ޖާގަ ކަށަވަރުވުމުން، އޭގެ އެންމެ ބޮޑު ހިތްދަތިކަމެއް ލިބިގެންދިޔައީ މި ވޯލްޑް ކަޕްގައި އެންމެ ދަތި ހާލުގައި މެޗުތައް ކުޅެމުންދިޔަ އީރާނަށެވެ. އީރާން އެންމެ ފަހު ވަގުތާ ޖެހެންދެން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވޭތޯ އިންތިޒާރުކުރަން ޖެހުނެވެ. އެއީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނޭތޯއެވެ. އޮސްޓްރިއާ ނުވަތަ އަލްޖީރިއާ މެޗުން މޮޅުވެއްޖެ ނަމަ، އީރާނަށް އޮތީ ދެވަނަ ބުރުން ޖާގައެއް ލިބޭ ގޮތަށެވެ.
ހިތްވަރުގަދަ އީރާނަށް ފަހުވަގުތު ހިތްދަތިކަން، އާޖެންޓީނާއާއެކު އޮސްޓްރިއާ އާއި އަލްޖީރިއާ ދެވަނަ ބުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ