ކުރިއަށް އޮތީ މޫސުން ގޯސް ދެ ދުވަސް، މިއަދު ވެސް އުތުރާއި މެދުރާއްޖެއަށް ވަޔާއި ކަނޑުތައް ގަދަ: މެޓް
ކުރިއަށް އޮތީ މޫސުން ގޯސް ދެ ދުވަސް ކަމަށާއި، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މިއަދުވެސް ވަޔާއި ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ. މެޓް އޮފީހުން ބުނީ މެދުރާއްޖެތެރެއާއި ރާއްޖޭގެ ދެކުނަށް މިއަދު ބޯކޮށް ވާރޭވެހި، ވައި ގަދަވެ ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުރުގެ ހިސާބުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި މިއަދުގެ މެންދުރު 13:00 އާ ހަމައަށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުމާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ވެސް ވަނީ ނެރެފައެވެ. https://x.com/MetMaldives/status/2071067628748349663 މިއަދުގެ އިރު އޮއްސި 18:00 އަށް މޫސުން ލަފާކޮށް މެޓުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށް ބުނެފައެވެ. އަދި ވައި ޖެހޭ ބާރުމިނަށް ބަލާއިރު ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ހަމައެއާއެކު ރާއްޖޭގެ ކަނޑުތަކަށް ބަލާއިރު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ލަފާކުރިއެވެ. ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ދެކުނުގެ ހިސާބުތަކުގައި ރާޅުތަކުގެ އުސްމިން ހަތަރު ފޫޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވާއިރު މެދުރާއްޖެތެރެއާއި އުތުރުގެ ހިސާބުތަކުގައި ރާޅުތަކުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓަށް އަރާނެ ކަމަށް ވަނީ ބުނެފައެވެ. މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަަށް ކުރަމުން މިއަންނަނީ ހުޅުނގު މޫސުމުގެ ވިއްސާރަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ