މިނިވަން ދުވަހު އައްޑޫގައި ދިދަ ނަގަން އެމްއެންޑީއެފްއިން ވަނީ ދެކޮޅު ހަދާފައި: ނިޒާރު

އައްޑޫ ސިޓީ ސިޓީ ސްކުއާގައި ކޮންމެ އަހަރަކު ބާއްވާ މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ކަންކަން އިންތިޒާމުކުރަން އެމްއެންޑީއެފް އިން ދެކޮޅު ހަދައިފި އެވެ. 
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އަދަދު އަށް ވިދާޅުވީ މިދިޔަ ފަސް އަހަރު ވެސް އައްޑޫގައި މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ކަންކަން އެމްއެންޑީއެފް އިން އިންތިޒާމުކުރަމުންދިޔަ ނަމަވެސް، މިފަހަރު ދިދަ ނެގުމުގެ ކަންކަން ކުރިއަށްގެންދަން އެމްއެންޑީއެފް އިން ދެކޮޅު ހަދާފައިވާ ކަމަށެވެ. 
"އައްޑޫގައި މިދިޔަ ފަސް އަހަރުވެސް މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ކަންކަން ކުރިއަށްގެންދިޔައީ އެމްއެންޑީއެފްއިން. ނަމަވެސް މިފަހަރު އެކަން ކުރަން އެމްޑީއެފްއިން ވަނީ ދެކޮޅު ހަދާފައި. ކީއްވެގެން ނިންމި ނިންމުމެއް ކަމެއް ނޭނގޭ،" މޭޔަރު ވިދާޅުވި އެވެ. 
މިނިވަންކަމުގެ އިސުސާސްވާންޖެހެނީ ހަމައެކަނި މާލޭގައި ދިރިއުޅޭ ބަޔަކަށްތޯ ނިޒާރު ސުވާލު އުފެއްދެވި އެވެ. އޭނާ ވިދާޅުވީ އެމްއެންޑީއެފް އިން ދިދަ ނެގުމުގެ ކަންކަން އިންތިޒާމުކުރަން ދެކޮޅު ހެދި ނަމަވެސް، އައްޑޫ ސިޓީ ކައުންސިލުން އަމިއްލައަށް ދިދަ ނެގުމުގެ ކަންކަން މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. 
އައްޑޫ ސިޓީ ކައުންސިލުން އަމިއްލައަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި އެމްއެންޑީއެފް އިން ބައިވެރިވި އެވެ. ނަމަވެސް ދިދަ ނެގުމުގެ އެއްވެސް ކަމެއްގައި އެމްއެންޑީއެފް އިން ބައިވެރިވެފައެއް ނުވެ އެވެ. 
މި ސަރުކާރުން ދަނީ އައްޑޫ ސިޓީ ކައުންސިލަށް ހުރަސްއެޅުމުގެ ގޮތުން އެކި ކަންކަން ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން އައްޑޫ ސިޓީގެ އިހުތިސާސްގައި ހިމެނޭ ސަވާހެލި ބީލަމަށް ހުޅުވާލުމުން، މުހައްމަދު މުއިއްޒު ވަނީ ގަރާރެއް ނެރުއްވައި އެތަން އައްޑޫ ސިޓީގެ އިހްތިސާސްގެ ތެރެއިން ނަގާފަ އެވެ. 
މީގެއިތުރުންވެސް އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލްތަކަށް އެކި ގޮތްގޮތުން ސަރުކާރުން ދަނީ ފިއްތުންތައް ކުރިމަތިކުރުވައި، އެ ކައުންސިލްތަކުން ނިންމާ ނިންމުން ހުއްޓުވަން މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ