ހިމަބިހިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އާއްމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ފަށައިފިއެވެ.
ހިމަބިހީގެ އައުޓްބްރޭކެއް ރާއްޖޭގައި ފާހަގަކުރެވިފައިވަނީ މިއަހަރުގެ މޭ މަހުން ފެށިގެންނެވެ.
ބަލީގެ އެންމެފަހުގެ ތަފާސްހިސާބަށް ބަލާއިރު މިއަހަރު ހިމަބިހީގެ 22 ކޭސް ފަނީ ފެނިފައެވެ. ވޭތުވެދިޔަ ހަފްތާގައި ދެ ކޭސް ފެނިފައިވެއެވެ.
ހިމަބިއްސަކީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެކެވެ. ނަމަވެސް އައުޓްބްރޭކެއް އައުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދަނީ އެކަމަށް ފިޔަވަޅު އަޅަމުންނެވެ.
އެޗްޕީއޭއިން ވިދާޅުވީ، ބައްޔަށް ޕޮޒިޓިވްވި ގިނަ މީހުންނަކީ 18އަހަރުން މަތީގެ، ދިވެހިންކަމަށެވެ. ޖުމުލަ 543 ކޮންޓެކްޓުން ފާހަގަކުރެވިފައިވާއިރު، އެކްޓިވް ކޮންޓެކްޓުންގެ ގޮތުގައި 173 މީހަކު މޮނިޓަރކުރަމުންދާކަމަށް އެޖެންސީން ވަނީ ފާހަގަކުރައްވާފައެވެ.
މިހާރު މިވަނީ އާއްމުކޮށް ހުޅުވާލައިގެން އެމް.އާރް ވެކްސިން ދޭންވެސް ފަށާފައެވެ. ފޭސްތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ޞިއްޙީ ޚިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށެވެ. މި އުމުރު ފުރާއަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ 28 ޖޫން އިން 30 ޖޫން ގެ ނިޔަލަށެވެ.
މާލޭގައި ވެކްސިންދޭ ތަންތަނާއި ގަޑިތައް އެޗްޕީއޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ އާއްމުކޮށްފައެވެ. އަތޮޅުތަކުގައި ހުންނަ މަރުކަޒުތަކުން ޚިދުމަތް ދޭ ގަޑިތައް އެ މަރުކަޒަކުން ވަކިން އިޢުލާނުކުރާނެއެވެ.
ވެކްސިން ދިނުމުގެ ދެވަނަ ޓާގެޓް ގްރޫޕަކީ އުމުރުން 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކެވެ. މި ގްރޫޕަށް ވެކްސިން ދިނުމުގެ މަސައްކަތް ޖޫން މަހުގެ 30 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ދަނީ ތައްޔާރުވަމުންނެވެ.
މީގެ އިތުރުން، 49 އަހަރުން ދަށުގެ، ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ތިންވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.
ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް 220 ކޮންޓެކްޓުންނަށްވަނީ ވެކްސިން ދީފައެވެ.
ފުރަންޓްލައިންގައި މަސައްކަތް ކުރައްވާ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 1537 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.
ހިމަބިހީގެ އައުޓްބްރޭކާ ގުޅިގެން ޞިއްޙީ ޚިދުމަތްތެރިން ހޭލުންތެރިކުރުމާއި ތަމްރީން ސެޝަންތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ސަވައިލަންސް މަސައްކަތްތައްވެސް ހަރުދަނާކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވ. އެޗްޕީއޭއީން ދަނީ މި ބައްޔާމެދު އާއްމުން ހޭލުންތެރިކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އާއްމުކޮށް ހުޅުވާލައިގެން އެމް.އާރް ވެކްސިން ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ