"ބީއެމްއެލް ހައުސިން: މަޝްރޫޢުތައް އަމަލީ މަސައްކަތާ ހަމައަށް ވަނީ އާދެވިފައި"

ބީއެމްއެލްއިން ކުރިއަށްގެންދާ ހައުސިން މަޝްރޫޢުގެ 1 ޕްރޮޖެކްޓް ފިޔަވައި އެހެން ހުރިހާ ޕްރޮޖެކްޓެއްގެ ކުރެހުންތައް އެޕްރޫވްކޮށް، ޢަމަލީ މަސައްކަތް ފެށުމާ ހަމައަށް ގޮސްފައިވާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
އިސް ތަރުޖަމާން މިހެން ވިދާޅުވީ ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާގެ 4ވަނަ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ ހުޅުމާލެ ފޭސް އެކެއް، ދޭއް އަދި ވިލިމާލެ ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓްގެ މަޝްރޫޢުތަކުގެ އިތުރުން އެ ކުންފުނީގެ ކެޕޭސިޓީ ހުރުމުން އިތުރު 710 ހައުސިންގ ޔުނިޓް އިތުރުކުރަން ސަރުކާރުން ނިންމަވާފައިވާކަމަށެވެ. މިއީ ހުޅުމާލެ ފޭސް 1 އާއި ފޭސް 3 އަދި ވިލިމާލޭގައި ހިންގާ މަޝްރޫޢުތަކެކެވެ.
"ބީއެމްއެލްގެ ކެޕޭސިޓީ އެބަހުރި އަދަދު އިތުރުުކުރަން. އިތުރު 710 ޔުނިޓް ސްކީމަށް އިތުރުކޮށް ސޮއިކުރުމާ ހަމައަށް ވަނީ އާދެވިފައި. މަސައްކަތް ނިމޭއިރު 4000އެއްހާ ޔުނިޓް ތަރައްގީކުރާނެ. ދިވެހި އަދި ބޭރު ކޮންޓްރެކްޓަރުން އެބައުޅޭ. ސައިޓް މޮބިލައިޒްކުރުމާ ހަމައަށް ވަނީ އާދެވިފައި." ސަރުކާރުގެ އިސް ތަރުޖަމާނު ވިދާޅުވިއެވެ.
މާލީ އިދާރާތަކުން ދެއްވާ ލަފާ ސަރުކާރުން އަބަދުވެސް ބަލައިގަންނަ ކަމަށާއި ސަރުކާރު ކުރިއަށް ގެންދަވަނީ މާލީ އިދާރާތަކުން ދެއްވާ ލަފާގެ އަލީގައިކަން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވިއެވެ. އިސް ތަރުޖަމާނުގެ ވާހަކަފުޅުގައި މާލީ އިދާރާތަކުން ދެއްވާ ލަފާގެ އަލީގައި ކުރިއަށް ދިޔަނަމަވެސް ތަރައްޤީގެ ދުވެލީގައި ރާއްޖެ ކުރިއަށްދާއިރު ރައްޔިތުން އެދޭ އަސާސީ ޚިދުމަތްތަކާއި ކަންކަން ހުއްޓާލައިގެން ކުރިއަށް ނުދެވޭނެކަން ފާހަގަކުރެއްވިއެވެ. އަދި މާލިއްޔަތު ރަނގަޅު ކުރަމުން އިޤްތިޞާދީ މަސައްކަތްވެސް ކުރަންޖެހޭ ކަމަށާއި އެކަމަށް ފުރުސަތު ހޯދަންޖެހޭކަން އިސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
އަދި މާލީ އިދާރާތަކަށް މުހިންމު ވާނީ ފައިނޭންޝަލްސް ނުވަތަ ހިސާބުތައް ކަމަށާއި އެހެންނަމަވެސް ސަރުކާރު ކުރިއަށްދާނީ މިކަންކަމުގައި ބެލެންސް ކުރައްވައިގެން އެކަންކަން ކުރެވޭނެ އެންމެ ފަހިގޮތް ހޯއްދަވައިގެންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ބީއެމްއެލްއިން 3260 ހައުސިން ޔުނިޓްގެ މަޝްރޫޢު އިފްތިތާޙުކުރީ މާރިޗު މަހުގެތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ