އެއާޕޯޓު މައްސަލަ: މާވަށު ރައްޔިތުން އިހުތިޖާޖަށް ނުކުންނައިރު އެ ރަށު ޕީއެންސީ ގޮފީގެ ޕެޓިޝަނެއް ރައީސަށް

ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ލ. އިސްދޫގައި އަޅާ ގޮތަށް ސަރުކާރުން ނިންމުމުން، އެ ރަށުގެ ރައްޔިތުން މިއަދު އިހުތިޖާޖުކުރަން ނިންމައި، މާވަށު ޕީއެންސީ ގްރޫޕުގެ ފަރާތުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައީސަށް ޕެޓިޝަނެއް ހުށަހަޅަން ވެސް ނިންމައިފިއެވެ. ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް ލ. އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާތުން ނިންމީ ނިމުނު ބުރާސްފަތި ދުވަހުގައެވެ. އެކަން ހާމަކޮށްފައި ވަނީ މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން އާންމުކޮށްފައިވާ ވީޑިއޯއެއްގައެވެ. އެ ވީޑިއޯގައި އިސްދޫ ކަލައިދޫއަކީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށްތަކުގެ ތެރެއިން އެއް ރަށް ކަމަށްވާއިރު، އެ ރަށަކީ އާބާދީ އެއްފަސްކުރުމާއި ތަރައްގީގެ ފުރުސަތުތައް ފުޅާ ދާއިރާއެއްގައި އޮތް ރަށެއް ކަމަށް ބުނެފައި ވެއެވެ. https://sun.mv/223858 އެ އަތޮޅުގައި ދެވަނަ އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގަތީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މާވަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައެވެ. އިސްދޫ ކަލައިދޫގައި އެއާޕޯޓު ތަރައްގީކުރުމަށް ނިންމުމުން މާވަށު ރައްޔިތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މާވަށު ޕީއެންސީ ގުރޫޕުގެ ފަރާތުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރައީސަށް ޕެޓިޝަނެއް ހުށަހެޅުމަށް ނިންމާފައެވެ. އެ ޕެޓިޝަނުގައި ވަނީ ލ. އަތޮޅުގައި ވަކިން އޮންނަ މާވަށަކީ ތާރީޚީ ގޮތުންނާއި ޖިއޯގްރަފީ ގޮތުން ދަތުރުފަތުރާއި އަސާސީ ޚިދުމަތްތައް ހޯދުމުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާ ރަށް ކަމަށް ބުނެފައެވެ. އަދި އެ ރަށުގެ ރައްޔިތުން ބާކީވެފައި ތިބި ތިބުން ނިމުމަކަށް ގެނެސްދޭނެ ހަމައެކަނި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެއާޕޯޓު އިސްދޫ ކަލައިދޫގައި އެޅުމަށް ސަރުކާރުން ނިންމި ދުވަހަކީ އެ ރަށުގެ ރައްޔިތުންގެ އުންމީދުތައް ފުނޑުފުނޑުވެ، މުޅި ރަށް މާޔޫސްކަމުގެ ތެރެއަށް ވައްޓާލި 'ކަޅު ދުވަހެއް' ކަމަށް ޕެޓިޝަނުގައި ވަނީ ބުނެފައެވެ. އަދި އެ ޕެޓިޝަނަކީ މުޅި މާވަށު ރައްޔިތުންގެ އެއްބާރުލުމާއެކު ރައީސްގެ ސަމާލުކަމަށް ހުށަހަޅާ ރަސްމީ އާދޭހެއް ކަމަށް ވަނީ ބުނެފައެވެ. ހަމައެއާއެކު އެ ޕެޓިޝަން ހުށަހަޅާ މުހިންމު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ރައީސްގެ ރިޔާސީ ވައުދުފުޅާ ޚިލާފުވުމާއި، ދަތުރުފަތުރުގެ ވޭނީ ތަކުލީފު އުފުލަން ޖެހުމުގެ އިތުރުން އެހެން ހުރިހާ ތަރައްގީއަކަށްވުރެ ބޮޑަށް އެ ރަށުގެ ރައްޔިތުން އެއާޕޯޓު ބޭނުން ވުމެވެ. ސިޔާސީ ގޮތުން ލިބިދާނެ ގެއްލުމުގެ ގޮތުގައި ޕެޓިޝަނުގައި ބުނެފައި ވަނީ، މާވަށަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި މުޅި ރާއްޖެއިން ދެވަނައަށް އެންމެ ބޮޑު އިންސައްތައެއްގެ ވޯޓު ރައީސަށް ދިން ދާއިރާ ކަމަށެވެ. އަދި އެ ރަށަކީ މިފަހަރުގެ ކައުންސިލް ގޮނޑިތަކާއި ރިފަރެންޑަމްގައި ވެސް ރައީސްގެ އެދުމަށް ބޮޑުތަނުން 'އާނއެކޭ' ބުނި ރަށެއް ކަމަށާއި އެ ރަށުގެ ރައްޔިތުން ސަރުކާރު ޕްރޮމޯޓް ކުރީ އެއާޕޯޓުގެ ބޭނުމުގައި ކަމަށް ވެސް އެ ޕެޓިޝަންގައި ވަނީ ބުނެފައެވެ. ނަމަވެސް މި ލިބުނު މާޔޫސްކަމުގެ ސަބަބުން ރަށުގެ ސިޔާސީ މަސްރަހު ގަޑުބަޑުވެ، ރަށުގެ ކޮމިއުނިޓީ ގުރޫޕުތަކުގައި އާންމު މެމްބަރުން ނުރުހުން ފާޅުކުރަމުންދާ ކަމަށް ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ. މިކަމާ ގުޅުވައި 'ސަން' އިން ސުވާލުކުރުމުން މާވަށު ކައުންސިލް މެމްބަރު އަޙްމަދު އަޒްމީލް ވިދާޅުވީ، އެއާޕޯޓުގެ މައްސަލައިގައި އެ ރަށުގެ ޕީއެންސީ ގުރޫޕުގެ ފަރާތުން ރައީސަށް ޕެޓިޝަނެއް ހުށަހަޅަން ނިންމާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ޕެޓިޝަނަށް ސޮއިހަމަކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ކައުންސިލުން މި މައްސަލައިގައި ވަކި ކޮޅަކަށް ނުޖެހޭ ކަމަށާއި މި މައްސަލައިގައި ކައުންސިލުން އޮތީ ހަނު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަޒްމީލް ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރުމަށް ރަށު ރައްޔިތުންގެ ފަރާތުން މިއަދުގެ ހަވީރު 16:30ގައި މާވަށު ބަނދަރު ސަރަހައްދުގައި އިހުތިޖާޖު ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. މާވަށުގައި އެއާޕޯޓު އަޅައި ދޭނެ ފަދަ ގޮތަކަށް ރައީސް އެ ރަށަށް ވަޑައިގެން ވާހަކަދެއްކުމަށްފަހު ނިންމުން ބަދަލުކުރެއްވުމުން ރަށުގެ ރައްޔިތުން އެކަމާ ވަރަށް ބޮޑަށް މާޔޫސްވެފައި ތިބިކަމަށް އަޒްމީލް ވިދާޅުވިއެވެ. ލ. އަތޮޅަކީ ގުދުރަތީ ގޮތުން މުއްސަނދި އަދި ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ އަތޮޅެކެވެ. މިހާރު އެ އަތޮޅުގައި އޮޕަރޭޓް ކުރަމުންދަނީ ލ. ކައްދޫ އެއާޕޯޓު އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ