މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުން އަންނަ އާސާރީ ބިނާއެއް ކަމަށްވާ އުސްގެކޮޅަށް ބަޔަކު ވަދެ ގްރެފިޓީ ކުރަހައި ގެއްލުން ދިން މައްސަލައާ އެކު އެތަން ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތްކުރަމުން އަންނަ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސަިއން ޝަރީފު (މުންދު) އިއްޔެ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ސިލްސިލާ މީޑިއާބްރީފިންތަކުގެ ތެރެއިން އިއްޔެގެ ބްރީފިން ގައި ނޫސްވެރިއަކު އެ އިމާރާތާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މުންދު ވިދާޅުވީ އުސްގެކޮޅު ހިމަނައިގެން އިންޓަރެކްޓިވް މިއުޒިއަމެއް އަޅަން ނިންމައި އެތަނުގެ ތަޅުދަނޑި ހަވާލުކުރަން މާލޭ ސިޓީކައުންސިލްގައި އެދުނުތާ ދެ އަހަރު ވެއްޖެ ކަމަށާއި ތަޅުދަނޑި ހަވާލުކުރަން ކައުންސިލުން އެއްބަސް ވެސް ވި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ތަނުގެ ތަޅުދަނޑި ހޯދަން ސިޓީކައުންސިލާ އަނގަބަހުން މަޝްވަރާކޮށް، ލިއުމުން އަންގައި އަދި އެތަައް ފަހަރަކު ފޯނުން ވެސް މުއާމަލާތްކުރި އެވެ.
"އެހެންވީމާ އެތަން މިހާރު ވެސް ބަލަހައްޓަވަނީ ސިޓީކައުންސިލުން. އަސްލުގައި ފަހުން މިތަނަށް ވަން އިރު އަސްލުގައި ގްރެފިޓީއެއް ނޫން އިނގޭތޯ. އެތާ ތެރެއަށް ގާނޫނާ ހިލާފަށް ބަޔަކު ވަދެ، އެތާ ތެރޭގައި މަސްތުވާތަކެތި ބޭނުންކޮށްފައި ހުރިކަމުގެ އަސަރުތައް ވެސް އެބަހުރި ފެންނަން. އެހެންވީމާ އެ ފެންވަރަށް އެތަން ނުބެލެހެއްޓި ހުރި ހުރުމާ އެކުގައި މިހާރު ސަރުކާރުން މި ނިންމީ އޮންނަ އުސޫލުގެ ތެރެއިން، ކަމާ ބެހޭ ފަރާތްތަކުގެ ތެރެއިން ޑިވެލޮޕްކޮށްގެން އެތަން އެބޭފުޅުންގެ ބެލުމުގެ ދަށުން ނަގަން،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުސްގެކޮޅު ބެލެހެއްޓުން ސިޓީ ކައުންސިލުން ވަކިކޮށް، ސަރުކާރުން ހަވާލުވުމަކީ އެ ތަން ހިމަނައިގެން ހިންގަން ނިންމާފައިވާ މަޝްރޫއާ ގުޅިގެން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް އެތަން ބެެލެހެއްޓުމާ މިހާރުން މިހާރަށް ހަވާލުވާން ޖެހެނީ ސިޓީ ކައުންސިލަށް އެތަން ނުބެލެހެއްޓޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
The most trusted news source in the Maldives
އުސްގެކޮޅަކީ ރާއްޖޭގައި ކުރިން އޮތް ވިރާސީ ރަސްކަމުގެ ފަހުކޮޅުގައި ޝާހީ އާއިލާ ދިރިއުޅުއްވި "ބޮޑުގަނޑުވަރު" ގެ ބައެކެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ބޮޑުގަނޑުވަރު ރޫޅާލިއިރު ސަލާމަތުން ދޫކޮށްފައި ހުރި ހަމަ އެކަނި ބަޔަކީ އުސްގެކޮޅެވެ.
"ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާ"ގެ ނަމުަގައި އެތަނުގައި ޕްލާޒާއެއް ހިންގަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2016 ވަނަ އަހަރު އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް) ޖަމިއްޔާއާ ހަވާލުކުރި އެވެ. އޭރު ހައުސިން މިނިސްޓަރަކީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒެވެ. އާކްއާ ހަވާލުކުރި އެ މަސައްކަތް ކާމިޔާބުނުވެ، ޔާމީނުގެ ސަރުކާރު ނިމުނު އިރު އުސްގެކޮޅު ހަވާލުކޮށްފައި އޮތީ ރެސްޓޯރެންޓް ހިންގާ ކުންފުންޏަކާ އެވެ. އުސްގެކޮޅު އެ ކުންފުންޏަށް ކުއްޔަށް ދީފައިވަނީ ޑިޖިޓަލް ލައިބްރަރީއަކާ އެކު ކެފޭއެއް ހިންގުމަށެވެ. އެ ކުންފުންޏަށް އެތަން ދީފައިވަނީ އާޓިފިޝަލް ބީޗްގައި ބްލޫބޭ ރެސްޓޯރެންޓް ހިންގި ބިން ހުސްކުރަން އަންގައި އޭގެ ބަދަލުގަ އެވެ.
The most trusted news source in the Maldives
ތާރީހީ ތަރިކައެއްގެ ގޮތުގައި އުސްގެކޮޅު ހިމާޔަތްކުރަން އެ އެެއްބަސްވުން އުވާލީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.
މި ސަރުކާރުން އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމަކަށް ހަދަން ނިންމާފައިވާކަން ކުރީގެ ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު 2024 ވަނަ އަހަރުގެ މާޗް މަހު އިއުލާނުކުރެއްވި އެވެ.
މުންދު އިއްޔެ ވިދާޅުވީ އުސްގެކޮޅު ހިމަނައިގެން ތަރައްގީކުރަން ނިންމާފައި ވަނީ ވަރަށް ފުރިހަމަ އިންޓަރެކްޓިވް މިއުޒިއަމެއް ކަމަށެވެ.
"އިންޓަރެކްޓިވް މިއުޒިއަމެއް މިހަދަނީ ރާއްޖޭގައި އެތާނގައި. ކޮމްޕްރިހެންސިވް ހަމަ އިންޓަރެކްޓިވް މިއުޒިއަމެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުސްގެކޮޅު އެގޮަތަށް ތަރައްގީކުރަން ސަރުކާރުން ނިންމީ އެެއީ ރާއްޖޭގެ ތަރިކަތަކުގެ ތެރެއިން މޮނެޓައިޒް ކުރެވޭ (އާމްދަނީއެއް ހޯދޭނެ) ތަރިކައަކަށް ވާތީ އެވެ. އެއީ ދިވެހިން ފަހުރުވެރިވާ ފަދަ ތަރިކައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުސްގެކޮޅު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ