ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ. ނަމަވެސް މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
މެޓް އޮފީހުގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންނަމަވެސް، މިއަދު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވި ނަމަވެސް، ދެކުނުގެ އަތޮޅުތަކުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިއަދު ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. ނަމަވެސް، ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ އަސަރުތައް ކުޑަވަމުންދާތީ، މާދަމާއިން ފެށިގެން މޫސުން ރަނގަޅުވެ ވައި މަޑުވާން ފަށާނެ ކަމަށް ލަފާކުރެވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު، ހުޅަނގުދެކުނާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ކަނޑުތަކުގެ ހާލަތަށް ބަލާއިރު، އާންމުގޮތެއްގައި ކަނޑުތައް މެދު މިނަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ