ރައްޔިތުން ބޭނުންވާ ގޮތާއި ބޭނުން ނުވާ ގޮތް ކިޔައިދެއްވަން ރައީސުލްޖުމެހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެނގިވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފު މިހެން ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ޤައުމުގެ އެއްބައިވަންތަކަން ގެއްލޭ ފަދަ ކަމަކަށް ރައްޔިތުން ނޭދޭނެ ކަމަށް ރައީސް ޑރ. މުޢިއްޒު ދާދި ފަހުން ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވާހަކަދެއްކެވީ ”ނޭޝަން ޗެޓް“ ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައެވެ. އެކަމަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަސަން ލަތީފު ވިދާޅުވީ، ކަންކަމުގައި ރައްޔިތުން ބޭނުންވާ ގޮތާއި ބޭނުން ނުވާގޮތް އެނގޭނީ އެ ރައްޔިތުން ގާތު އަހައި އޮޅުންފިލުވައިގެން ކަމަށެވެ. އަދި ނިޒާމާ ބެހޭ ސުވާލެއް ރައްޔިތުން ގާތު އައްސަވާކަށް ރައީސް މުޢިއްޒަށް ކެރިވަޑައެއް ނުގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”ނޭޝަން ޗެޓް“ ގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ވެރިކަމަށް އޮތް ޝައުގުވެރިކަން ބޮޑުކަމުން، ބޮޑުވަޒީރުކަމާއި ރަސްގެފާނުކަން ފަދަ އެކި ނަންނަމުގައި މަގާމުތައް އުފައްދަން ބޭނުންވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި އޮންނަން ބޭނުންވަނީ ރިޔާސީ ނިޒާމެއް ކަމަށް ރައްޔިތުން ވަރަށް ސާފުކޮށް ނިންމާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ”މިވާގޮތަކީ އެމީހުންގެ ތެރޭގައި ވެރިކަން ކުރަން ބޭނުންވާ މީހުން ގިނައީ، އެހެންވީމަ އެންމެނަށް އެބަޖެހޭ މަޤާމުތައްދޭން. ރައީސްކަމާއި ބޮޑުވަޒީރުކަމާއި އެދެން ރަސްގެފާނުކަންވެސް ގެންނަން ބޭނުންވާނެ އެކަމަކު ރައްޔިތުން އެއޮތީ ވަރަށް ސާފުކޮށް ނިންމާފަ މިތާ އޮންނާނީ ރިޔާސީ ނިޒާމެއްކަމަށް،“ ކަމަށެވެ. ބަރުލަމާނީ ނިޒާމެއް ގެނެސްފިނަމަ ރާއްޖެއަށް ވާނެ ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދުނިޔޭގެ ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުގައި ބަރުލަމާނީ ނިޒާމު އޮތުމުން ދިމާވާ މައްސަލަތަކަށް ރައީސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ރައްޔިތުންގެ ސީދާ ވޯޓަކާ ނުލައި ބޮޑުވަޒީރު ބަދަލުވެގެންދާ ދިއުމަކީ ދިވެހި ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫން ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައްޔިތުން ބޭނުންވާ ގޮތާއި ބޭނުންނުވާގޮތް ކިޔާދޭކަަށް ރައީސަކަށް ނޭނގޭނެ: ހަސަން ލަތީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ