އިގްތިޞާދީ ދާއިރާއިން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް އަދާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.
"ޕްރެސަރ ވިތު ދަ ސްޕޮކްސް" ސީރީޒްގައި، ރާއްޖޭގެ ދަރަނި މެނޭޖްކުރުމާއި، އިޤްތިޞާދީ ކުރިއެރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އިސް ތަރުޖަމާނު ވިދާޅުވީ، ބޭރުގެ ދަރަންޏެއް ނުދެއްކި، ދަރަނި ޑީފޯލްޓްވެއްޖެ ނަމަ އެކަމުގެ ނޭދެވޭ އަސަރު މުޅި ޤައުމަށް ކުރާނެކަމަށެވެ.
އިޤްތިޞާދީ ގޮތުން ބަލާނަމަ ރާއްޖެ އޮތީ ނާޒުކު ހާލަތެއްގައި ކަމަށް ސިފަކުރައްވާ އިސް ތަރުޖަމާން ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ދަރަނި މިވަގުތު އޮތީ ސަރުކާރުން އެންމެ ހިތްހަމަޖެހޭ މިންވަރުގައި ނޫންކަމަށެވެ. އެހެންނަމަވެސް ރާއްޖެ އަށް ބޭނުންވާ ތެޔޮ އެތެރެކުރުމާއި، މުވައްޒަފުންނަށް މުސާރަ ދިނުމާއި، ބޭސްފަރުވާ ފަދަ އަސާސީ ކަންކަން ފުރިހަމަ ނުކޮށް އިޤްތިޞާދު ރަނގަޅުކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށްވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އެތެރޭގެ ދަރަނީގެ މައްސަލަވެސް ހައްލުކުރުމުގެ މަސައްކަތްކުރުން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޑޮމެސްޓިކް ޑެޓް އަޅުގަނޑުމެން ހިތްހަމަ ޖެހޭ ވަރަށްވުރެ މާ ހައި. ރޭޖުއަލީ އިން ސްޓޭޖަސް އެ މެނޭޖްކުރެވޭނެ. އެކްސްޓާނަލް ޑެޓް ކުރިން އޮތް ހިސާބުން ޑޮމެސްޓިކް ޑެޓަށް ޗޭންޖެސް ގެނެސްގެން ކުރިޔަށް ގެންދަން އުދަގޫވީސް." މުންދު ވިދާޅުވިއެވެ.
އިސް ތަރުޖަމާން ވިދާޅުވީ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖޭގެ ޚަރަދުކުޑަކުރުމަށް އިރުޝާދު ދީފައިވީ ނަމަވެސް، ޚަރަދުކުޑަކުރުމަށް ރައްޔިތުންނާއި ގުޅުންހުރި ކަންކަން ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ. ރާއްޖޭގެ ދަރަނީގެ ހާލަތު މެނޭޖްކުރުމުގައި ފާއިތުވި ދެ އަހަރު ތެރޭގައި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރައްވަމުން މިއަހަރުގެ ސެޕްޓެންބަރު މަހު ދައްކަންޖެހޭ ދަރަނީގެ ޕޭމަންޓްވެސް ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އިސް ތަރުޖަމާނު ވިދާޅުވިއެވެ.
އިސް ތަރުޖަމާން މިފަދައިން ވިދާޅުވެފައިވާއިރު ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކޮށްފައެވެ. އަދި މި ސަރުކާރުންވަނީ 2 އަހަރާއި ބައިގެ ތެރޭގައި 1.29 ބިލިޔަން ޑޮލަރުގެ ދަރަނި ދައްކާފައެވެ. ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ޖުމްލަ ބޭރު ދަރަނި މިއަހަރުގެ މެއި މަހުގެ ނިޔަލައް 44.5 އިންސައްތައަށް ވަނީ ދަށްކޮށްފައެވެ.
"ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް އަދާކުރުމަށް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ