އައްޑޫ ވިލިނގިލީގައި ޝަންގްރިއްލާ އިން ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓްގެ އޮޕަރޭޝަން ޖުލައި މަހު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ޓްއަރިޒަމް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދުދާއިރާގެ މެންބަރު އަހްމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ ޝަންގްރިއްލާގެ އޮޕަރޭޝަން މިހާރު ކުރިއަށްދަނީ ވަރަށް ކުޑަކޮށްކަމާއި ނަމަވެސް ޖުލައި މަހު އޮޕަރޭޝަން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ.
"ޝަންގްރިއްލާ މިހާރު ވަރަށް ކުޑަ ގޮތަކަށް އޮޕަރޭޓްކުރަމުން އެބަދޭ. އެކަމަކު ޝަންގްރިއްލާގެ މިހާރު އޮޕަރޭޝަންސް ކެޕޭސިޓީ ޖުލައި މަހުގެ މެދުތެރެއަށް ދާއިރުގައި ވަރަށް ބޮޑަށް އިތުރުވެގެންދާނެ. އަޅުގަނޑުމެން މިނިސްޓްރީގެ ތެރެއިން މިހާރު ޝަންގްރިލާގެ އޮޕަރޭޓަރުންނާއި އެކީގައި މަޝްވަރާކުރެވި، މިހާރު ޑިވެލޮޕްމަންޓުތަކެއް އެބަދޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަނގަޅު ސައިޒެއްގެ އޮޕަރޭޝަންސް މި އަންނަ މަހުގެ މެދުތެރެއާ ހިސާބަށް (ފެށިގެން) ދާނެ." އަމީން ވިދާޅުވިއެވެ.
ޝަންގްރިއްލާ ރިސޯޓު ބަންދުކުރީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އޮގަސްޓް 2020 ގަ އެވެ. އޭގެ ކުރިން އެ އަހަރުގެ އޮޕަރޭޝަންތައް އޮތީ މެދުކަނޑާލައިފަ އެވެ.
އައްޑޫ ވިލިނގިލީގައި ހަދާފައިވާ 132 ވިލާ ހިމެނޭ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށިގެން ޝަންގްރިއްލާ ރިސޯޓް ހުޅުވުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް އެކި ސަބަބުތަކާ ހެދި އެކަން އޮތީ ކާމިޔާބު ނުވެފަ އެވެ. އެ ރިސޯޓް އަލުން ހުޅުވަންކަމަށް ބުނެ އެ ކުންފުނީގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ވެސް އިބޫގެ ސަރުކާރުން ދޫކޮށްލިއެވެ.
ޝަންގްރިއްލާ ރިސޯޓްގެ އޮޕަރޭޝަން ޖުލައި މަހު ވަރަށް ބޮޑަށް އިތުރުވާނެ - އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ