އެމްޑީޕީއަކީ ފަނާކުރަނިވި ފިކުރެއް ކަމަށް ވިދާޅުވެ މުއިއްޒުގެ ބަހުގެ ހަމަލާތަކެއް

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް ކަމަށް ވިދާޅުވެ އެ ޕަޓީއަށް ރައީސް މުހައްމަދު މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފި އެވެ.
ކައުންސިލް އިންތިހާބާއި ރެފަރެންޑަމްގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވިއިރު އެންމެ ފަހުން ބޭއްވި މަޖިލިސް ބައި-އިލެކްޝަނުން ވެސް ޕީއެންސީ މޮޅެއް ނުވެ އެވެ. ނަމަވެސް، ދ. މީދޫ ކައުންސިލް ގޮނޑިއެއްގެ ވޯޓު އެއްވަރުވެގެން އަލުން ވޯޓުލައިގެން އެ ގޮނޑި ޕީއެންސީއަށް ވަނީ ކާމިޔާބުވެފަ އެވެ. 
އެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން މިރޭ ޕީއެންސީން އެ ރަށުގައި ޖަލްސާއެއް ބޭއްވި އެވެ. މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވި އެ ޖަލްސާގައި މުއިއްޒުގެ މުޅި ވާހަކައިގައި އޮތީ ޕީއެންސީއަކީ ބިނާކުރަނިވި ފިކުރު ކަމަށާއި އެމްޑީޕީގެ ފިކުރަކީ ރާއްޖެއަށް ގެއްލުންދޭ ފިކުރެއް ކަމަށެވެ. ސިޔާސީ ތާއިދު ހޯދުމަށް ބޭނުންކުރާ ދީނީ ކާޑު މިރޭ މުއިއްޒު ވަރަށް ބޮޑަށް ބޭނުންކުރެއްވި އެވެ. 
"ރައްޔިތުން އިހުތިޔާރު ކުރަން އޮތީ ދެ ރާސްތާއެއް. ކާމިޔާބީގެ ރާސްތާތޯ ގެއްލުމާއި ހަލާކުގެ ރާސްތާތޯ. ގެއްލުމާއި ހަލާކުގެ ރާސްތާ ހިޔާރުކުރި ކޮންމެ ފަހަރަކު ކަން ހިނގައިދިޔަ ގޮތް އަޅުގަނޑު މި ދެންނެވީ. އަރަބި އިސްލާމީ ތައުލީމު ނައްތާލުން އެއީ މި ދެންނެވި ފަނާކުރަނިވި ފިކުރުން ކަން ކުރި ގޮތެއް ނޫންތޯ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ދެވަނަ ސަރުކާރާއެކީ އަރަބި އިސްލާމީ ތައުލީމު ނައްތާލައި،" މުއިއްޒު ވިދާޅުވި އެވެ. 
މި ސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާކުރި ކަމަށާއި އެމްޑީޕީން އިޒްރޭލާ ގުޅުން ބަދަހިކުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެމްޑީޕީން ހާރިޖީ ސިޔާސަތުގައި ވަކި ގައުމަކަށް އޮތީ އަޅުވެތިވެެފައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. ވަކި ގައުމެއްގެ ނަން މުއިއްޒު ވިދާޅުވި ނަމަވެސް އެއީ މިހާރު މުއިއްޒު ވެސް ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ އިންޑިއާ އެވެ. 
"ޑްރަގާއި ވޭޕާއި މި ބާވަތުގެ ހުރިހާ އެއްޗެއް އާންމުކުރުމުގެ ސިޔާސަތު ނޫންތޯ. އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު ވޭޕާއި ޑްރަގު އޮތީ އިންތިހާއަށް ފެތުރިފައި، އާންމުވެފައި. ބިނާކުރަނިވި ފިކުރުން ކަންކަން ތަންފީޒު ކުރަމުން އަންނަނި އެހެނެއް ނޫންތޯ،" މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ސްޕީޗުގައި ދަރަނި ދެއްކުމާ ގުޅޭ ޕްރެޒެންޓޭޝަނެއް ވެސް ހުށަހެޅުއްވި އެވެ. ރާއްޖެއަށް މިހާތަނަށް އައި ހުރިހާ ސަރުކާރަކުން ވެސް އޭގެ ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދައްކަމުންދިޔަ ނަމަވެސް އެއީ ބޮޑު ކާމިޔާބެއްގެ ގޮތުގައި ސިފަކޮށް އަބަދު އެ ވާހަކަތަކެއް ނުދައްކަ އެވެ. 
މީގެ ދުވަސްކޮޅެއް ކުރިން މުއިއްޒު ވަނީ ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީއަށް މުއިއްޒު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައި މިވަނީ އެ ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރަމުން އަންނަ ދުވަސްވަރެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ