ގާނޫނީ ބަދަލާ ހެދި އަތޮޅު އޮފީސްތަކުން ދެމުންދިޔަ ގިނަ ހިދުމަތްތައް ހުއްޓިއްޖެ

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު އަތޮޅު ކައުންސިލްތައް އުވި، އެތަންތަނުން ރައްޔިތުންނަށް ދެމުން ގެންދިޔަ ގިނަ ހިދުމަތްތައް މެދުކެނޑި އާންމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ގާނޫނަށް ބަދަލު ގެނެސް އަތޮޅު ކައުންސިލްތައް އުވާލައި އެ ބާރުތައް މާލޭގައި ހުންނަ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ދަށަށް ގެންގޮސް އެތަންތަނުގައި ނަންތައް ވަނީ އެ އޮފީހުގެ އަތޮޅު އޮފީސްތަކަށް ބަދަލުކޮށްފަ އެވެ.
އެކަމާ ހެދި އަތޮޅު އޮފީސްތަކުން ދެމުންގެންދިޔަ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޓްރާންސްޕޯޓް ހިދުމަތްތަކާއި ސްޓޭޓް ހައުސް ދޫކުރުމާއި ލޯންޗުގެ ހިދުމަތްތައް ވަނީ މެދުކެނޑިފަ އެވެ. އަތޮޅުތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެ ހިދުމަތް ދެމުންދަނީ ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު އޮފީހުންނެވެ.
އެ އޮފީހުން ދެމުންދާ ޓްރާންސްޕޯޓްގެ ހިދުމަތްތައް ހުއްޓާލިކަން ވަނީ އާންމުކޮށްފަ އެވެ. ކޭއޯއާ ވާހަކަދެއްކި ބައެއް މީހުން ބުނީ، ލައިސަންސް ނެގުމަށް މިއަދު ބާއްވަން އޮތް ޕްރެކްޓިކަލް ޓެސްޓްވެސް ކެންސަލްކޮށްފައިވާކަމަށެވެ.
އަތޮޅު ކައުންސިލްތައް އުވާލައި އެލްޖީއޭގެ އޮފީސްތަކަކަށް އެތަންތަން ބަދަލުކުރިއިރު ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައިނުވާކަމަށް މައުލޫމާތު އެނގޭ މީހުން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ