ދުނިޔެ މިވަނީ އަނެއްކާވެސް "އެލް ނީނޯ" ކިޔާ ޤުދުރަތީ މޫސުމީ ބަދަލަށް ތައްޔާރުވާން ޖެހިފައެވެ. މިއީ ތާރީޚީ ގޮތުން ބަލާއިރު ދުނިޔޭގެ އެކި ހިސާބުތަކަށް ފެންބޮޑުވުމާއި، ހަނަފަސްކަމާއި، އާދަޔާޚިލާފަށް ހޫނުގަދަވުމުގެ އިތުރުން ދަނޑުވެރިކަމަށާއި ކަނޑުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ދޭ ހާލަތެކެވެ. އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (NOAA) އިން މި ހިނގާ ޖޫން މަހު ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޕެސިފިކް ކަނޑުގެ ސަރަހައްދުގައި އެލް ނީނޯގެ އަސަރުތައް މިހާރު ވަނީ އުފެދެން ފަށާފައެވެ. އަދި 2026 ގެ ފަހުކޮޅުން ފެށިގެން 2027 ގެ ކުރީކޮޅާ ހަމައަށް މީގެ ބާރު އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އެލް ނީނޯ އަކީ ކޮބާ؟
އެލް ނީނޯ އުފެދެނީ މެދުތެރޭ އަދި އިރުމަތީ ޕެސިފިކް ކަނޑުގެ މަތީ ފަށަލައިގެ ހޫނުމިން އާދައިގެ މިންވަރަށް ވުރެ ބޮޑަށް މަތިވުމުގެ ސަބަބުންނެވެ. މިގޮތަށް ކަނޑުގެ ލޮނުގަނޑު ހޫނުވުމުން، ދުނިޔޭގެ ވައިގެ ދައުރުވުމަށް ބަދަލު އައިސް، ހަނަފަސްކަމާއި ވާރޭވެހުމާއި ތޫފާންތައް އުފެދޭ މިންވަރަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ބައެއް ސަރަހައްދުތަކަށް ހަނަފަސްކަން އާދަޔާ ޚިލާފަށް އިތުރުވާއިރު އަނެއްބައި ސަރަހައްދުތަކަށް ތޫފާންތަކާއި ފެންބޮޑުވުމުގެ ކާރިސާތައް ކުރިމަތިވެއެވެ. މިއީ މޫސުމީ ގޮތުން ކޮންމެ ތިން އަހަރާއި ފަސް އަހަރާ ދެމެދު ހިނގާ ކަމެއް ނަމަވެސް، ދުނިޔެ ހޫނުވަމުން ދިއުމާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކުގެ ސަބަބުން، ފަހަކަށް އައިސް އެލް ނީނޯގެ އަސަރުތައް އިތުރަށް ގޯސްވާކަން ވަނީ ފާހަގަކުރެވިފައެވެ. އެންމެ ފަހުން އެލް ނީނޯގެ ހާލަތު ފެނިފައިވަނީ 2023 އާއި 2024 އާ ދެމެދުގައެވެ. އެއީ ވަރަށް ބާރުގަދަ އެލް ނީނޯއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، އޭގެ ސަބަބުން 2024 ވަނަ އަހަރު ރެކޯޑުކުރެވިފައި ވަނީ ދުނިޔޭގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ހޫނުގަދަ އަހަރުގެ ގޮތުގައެވެ.
އެންމެ ފަހުން ކުރިމަތިވި އެލް ނީނޯގައި ކުރީ ކޮން އަސަރެއް؟
2023 އަދި 2024 ގައި ކުރިމަތިވި އެލް ނީނޯގެ ސަބަބުން ދެކުނު އެމެރިކާގެ ބޮޑު ބަޔަކަށް ހަނަފަސްކަން ކުރިމަތިވެ ދަނޑުވެރިކަމަށާއި ފެން ލިބުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. އެފްރިކާގެ ދެކުނުގެ ގައުމުތަކަށް ވާރޭ ވެހޭ މިންވަރު މަދުވެ، ދަނޑުތައް ހަލާކުވުމުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ނުރައްކާވިއެވެ. އިރުދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ އިންޑޮނޭޝިއާ އާއި ފިލިޕީންސަށް ހަނަފަސްކަން ދިގުލައިދިއުމުގެ ސަބަބުން، އަލިފާނުގެ ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑުވެ، ފެނަށް ޖެހުމުގެ މައްސަލަތައް ކުރިމަތިވިއެވެ. އަދި އިންޑިއާއަށް މޫސުމީ ވިއްސާރަ ކުރި މިންވަރު އާދަޔާ ހިލާފަށް ދަށްވުމުގެ ސަބަބުން އެ ގައުމުގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރިއެވެ.
މީގެ އިދިކޮޅަށް، ބައެއް ސަރަހައްދުތަކަށް މި ދުވަސްވަރު ކުރިމަތިވީ ތަފާތު ތަޖުރިބާތަކެކެވެ. އުތުރު އަދި ދެކުނު އެމެރިކާގެ ބައެއް ހިސާބުތަކަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭވެހި، ބޮޑެތި ފެންބޮޑުވުމުގެ ހާދިސާތައް ހިނގިއެވެ. މީގެ އިތުރުން ދުނިޔޭގެ ތާރީހުގައި ވެސް ރެކޯޑުކުރެވުނު ފަރުތައް ހުދުވުމުގެ (ކޮރަލް ބްލީޗިންގ) އެންމެ ބޮޑު ހާދިސާކުރިމަތިވިއެވެ. ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުން ޕެސިފިކް ކަނޑާއި، އިންޑިއާ ކަނޑު އަދި ކެރީބިއަން ސަރަހައްދުގެ ފަރުތަކުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ރާއްޖެއަށް ބަލާއިރު ދުނިޔޭގެ އެހެން ގައުމުތަކަށް ކުރިމަތިވި ފަދަ ނުރައްކާތެރި ހަނަފަސްކަމުގެ އަސަރު ނުކުރި ނަމަވެސް، ރާއްޖޭގެ ކަނޑުގެ ދިރުންތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެގޮތުން ރާއްޖެ ހިމެނޭ ސަރަހައްދުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވުމުގެ ސަބަބުން ރާއްޖޭގެ ގިނަ ފަރުތަކެއް ވަނީ ހުދުވެފައެވެ. މި ފަދަ ހޫނުން ފަރުތައް ހުދުވަނީ، މުރަކަތަކަށް ކާނާ ފޯރުކޮށްދޭ 'އަލްގޭ' އަށް އަސަރުކޮށް މުރަކަތައް މަރުވުމުގެ ސަބަބުންނެވެ.
2026 ވަނަ އަހަރުގެ އެލްނީނޯއާ ގުޅިގެން ރާއްޖެއަށް ކުރާނެކަމަށް ލަފާކުރެވެނީ ކޮން އަސަރެއް؟
2026ގެ އެލް ނީނޯގެ ސަބަބުން ރާއްޖޭގެ ހޫނުމިން އާދަޔާ ހިލާފަށް މަތިވެ، ވާރޭ ވެހޭ މިންވަރު މަދުވެ، ފެނުގެ ވަސީލަތްތަކަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ފުޅާ ދާއިރާއެއްގައި ފަރުތައް ހުދުވުމުގެ ބިރު އޮތުމެވެ. މީގެ ސަބަބުން ކަނޑުގެ ދިރުންތަކަށާއި، މަސްވެރިކަމާއި، ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. ވަކިން ހާއްސަކޮށް ފަރުތައް ހުދުވުމާއި ކަނޑުގެ މަތީފަށަލައިގެ ހޫނުމިން މަތިވުމުގެ ސަބަބުން މަސްމަހާމެހި އުޅޭ ސަރަހައްދުތަކަށް ބަދަލު އައިސް، އެން ހޯދުމުގައި އާއި މަސް ބޭނުމުގައި ވެސް ދަތިތައް ކުރިމަތިވެ މަސްވެރިކަން ދައްވާނެ ކަމަށް ލަފާކުރެވެއެވެ.
2026 ގެ އެލްނީނޯ ދެމިއޮންނާނީ ކިހާ ދުވަހަކަށް؟
މާހިރުން ލަފާކުރާ ގޮތުގައި، މިހާރު ފެށިފައިވާ އެލް ނީނޯގެ އަސަރުތައް 2026 ވަނަ އަހަރުގެ ނިޔަލަށް ދެމިއޮންނާނެއެވެ. އަދި 2027 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް މި ހާލަތު ދެމިއޮތުން އެކަށީގެންވާ އިރު، އެންމެ ބޮޑު އަސަރެއް ފެންނާނީ 2026 ގެ ފަހުކޮޅާއި 2027 ގެ ކުރީކޮޅުގައެވެ.
އެހެންކަމުން ރާއްޖޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ފަރުތަކުގެ ދުޅަހެޔޮކަން މޮނިޓަރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިވާނެ ގޮތަށް މަސްވެރިކަން ފުޅާކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އަދި ގަދަ ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ ނުރައްކާތަކަށް އާންމުން ހޭލުންތެރިކުރުވުމަކީ ތިމާވެއްޓާއި އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ކުރިމަތިވެދާނެ ގެއްލުންތަކުގެ އަސަރު ކުޑަކުރުމަށް ކުރެވިދާނެ މުހިންމު މަސައްކަތްތަކެވެ.
އެލް ނީނޯ 2026: ކުރިމަތިވެދާނެ ކަންކަމަކީ ކޮބާ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ