ގެގް އޯޑަރުގެ މައްސަލަ ހައިކޯޓުގައި ފަށަނީ
އަދަދު ނޫހުން ދެއްކި ކޮންޓެންޓަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް، ހައިކޯޓަށް ހުށަހެޅި މައްސަލަ މި މަހު ފަހުކޮޅު ފަށަން ހައިކޯޓުގައި ތާވަލުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގެގް އޯޑަރުގެ އިސްތިއުނާފު މައްސަލަ ފަށާނީ މި މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހަށް މައްސަލަ ކުރިއަށް ގެންދިޔުމަށް ތާވަލުކޮށް، މައްސަލައިގެ ހަސްމުންނަށް މިހާރު ޗިޓުވެސް ފޮނުވާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ބާތިލުކުރުމަށް، ފުރަތަމަ ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ނެވެ. އެކަމަކު ހައިކޯޓަށް އެމްޖޭއޭއިން ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލުމާއެކު، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ފަރާތުން އަލުން މައްސަލަ ހުށަހެޅީއެވެ. އެމްޖޭއޭއިން ހުށަހެޅި މައްސަލަ ބޭރުކޮށްލީ، އެ އަމުރު އިސްތިއުނާފުކުރުމުގެ ހައްގު، އެމްޖޭއޭއަށް ނެތް ކަމަށް ބުނެއެވެ. އެ ނިންމުން ނިންމީ ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާއެވެ. އެމްޖޭއޭއިން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ މި އަމުރަކީ މުޅި މުޖުތަމައަށް އަމާޒުކޮށް ނެރެފައިވާ އަމުރަކަށްވާއިރު، މީގެ ސަބަބުން އާންމު ރައްޔިތުންނާއި ނޫސްވެރިންގެ އަސާސީ ހައްގުތަކަށް އުނިކަން ލިބޭ ކަމަށެވެ. އެ އަމުރުގައި ވަނީ ވަކި ކޮންޓެންޓެއް މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށެވެ. އަދި، ޝަރީއަތަށް ހުށަހެޅިފައިވާ އެ މައްސަލައާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު މި އަމުރު ނެރުއްވިއިރު، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ އޮތީ އުފުލާފައެވެ. ދެ ނޫސްވެރިންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ސިއްރުކޮށްގެން ފަށާފައެވެ. ގެގް އޯޑަރާ ހިލާފުވީ ކަމަށް ބުނެ، 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާންވަނީ ކުރިން ޖަލަށްލާފައެވެ. ޖަލަށްލުމާ އެކު، އެއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށް ބުނެ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވަނީ އެކަން ކުށްވެރިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ