ފީފާ ވޯލްޑް ކަޕް 2026: ގާނާ - ޕެނަމާ

ގާނާއާއި ޕެނަމާ ބައްދަލުކުރާ މި މެޗަކީ ދެ ޓީމަށްވެސް މުހިންމު ޗެލެންޖެކެވެ.
ނޮކްއައުޓް ސްޓޭޖަށް ދިއުމުގެ އުންމީދު ދިރުވުމަށް މި މެޗުގައި ތިން ޕޮއިންޓު ހޯދުމަކީ ދެ ޓީމުންވެސް ކަނޑައަޅާފައިބާ މެޗު ޓާގެޓެވެ.
ފީފާ ވޯލްޑްކަޕްގައި ފަސްވަނަ ފަހަރަށް ގާނާ އިން ވާދަކުރާއިރު, އެ ޓީމުން މި ފަހަރުގެ މުބާރާތާއި ކުރިމަތިލަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ފީފާ ވޯލްޑްކަޕްގައި ހޯދި ފަދަ ތާރީޚީ ކާމިޔާބީއެއް ހޯދުމަށެވެ.
2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުން ގާނާ ފުރުސަތު ހޯދި ނަމަވެސް ޖެހިގެން އައި 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން ވަނީ ކަޓާފަ އެވެ. އަދި 2018 ވަނަ އަހަރުގެ މުބާރާތަށް ކޮލިފައިނުވި ނަމަވެސް އެންމެ ފަހުން ގަތަރުގައި ބޭއްވި މުބާރާތުގައި ވާދަކުރި ނަމަވެސް އެ މުބާރާތުގެވެސް ގްރޫޕް ސްޓޭޖުން ގާނާ ވަނީ ކަޓާފަ އެވެ.
2024 ވަނަ އަހަރު ގާނާގެ ކޯޗު ކަމާއި ހަވާލުވި އޮޓޯ އަޑޯގެ އިރުޝާދުގެ ދަށުން ގާނާއަށް ވޯލްޑްކަޕްގެ ޖާގައެއް ލިބުނު ނަމަވެސް އެންމެ ފަހުން ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް އެ ޓީމު ކޮލިފައިވެފައެއް ނުވެ އެވެ. މިއީ 2004 ވަނަ އަހަރަށްފަހު އެ ޓީމު އެފްރިކަން ކަޕް އޮފް ނޭޝަންސްއަށް ކޮލިފައިނުވި ފުރަތަމަ ފަހަރެވެ.
ވޯލްޑްކަޕްގެ ޖާގައެއް ކަށަވަރުކުރި ފަހުން ގާނާ ކުޅުނު ހަތަރު މެޗުން ބަލިވުމާއިއެކު އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ކޯޗު ކަމުން އޮޓޯ އަޑޯ ވަކިކޮށް ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު އުމުރުން 73 އަހަރުގެ ކާލޯސް ކީރޯޒް އާއި އެ ޒިންމާ މި އަހަރުގެ އެޕްރިލް މަހު ހަވާލުކޮށްފަ އެވެ. އެހެންކަމުން މިއީ ކާލޯސް ކީރޯޒް ވޯލްޑްކަޕްގައި ޓީމަކަށް ކޯޗުކޮށްދޭ ފަސްވަނަ ފަހަރެވެ. ކީރޯޒް ވަނީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ޕޯޗުގަލްއަށް ކޯޗުކޮށްދިނުމުގެ އިތުރުން 2014 ވަނަ އަހަރާއި 2018 ވަނަ އަހަރު އަދި 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އިރާނަށް ކޯޗުކޮށްދީފަ އެވެ.
ގާނާގެ ޓީމުން މި ފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު އެ ޓީމުގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ޓީމުގެ ކެޕްޓަން ޖޯޑަން އަޔޫ, އެތްލެޓިކޯ ބިލްބާއޯގެ އިނާކީ ވިލިއަމްސް, މެންޗެސްޓަރ ސިޓީގެ އެންޓޮއިން ސެމެންޔޯގެ އިތުރުން ލެސްޓަރ ސިޓީގެ އަބްދުލް ފަތާވޫ ހިމެނެ އެވެ. ކީރޯޒް އެކުލަވާލާފައިވާ 26ކުޅުންތެރިންގެ ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަކީވެސް ގައުމުން ބޭރުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިންނެވެ
ފީފާ ވޯލްޑްކަޕްގައި ދެވަނަ ފަހަރަށް ސެންޓްރަލް އެމެރިކާގެ ގައުމެއް ކަމުގައިވާ ޕެނަމާ އިން ވާދަކުރާއިރު އެ ގައުމުން ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕްގައި ވާދަކޮށްފައެވެ.
އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ބަލިވެ މުބާރާތާއި ވަކިވި ނަމަވެސް އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ކުރިއަށްދާ ވޯލްޑްކަޕާއި ޕެނަމާ ކުރިމަތިލަނީ ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ މެޗަކުން މޮޅުވުމުގެ އަޒުމުގަ އެވެ.
ގްރޫޕް އެލް ގައި ވަރުގަދަ ޓީމުތަކެއް ކަމުގައިވާ އިންގްލެންޑާއި ކްރޮއޭޝިޔާގެ އިތުރުން ގާނާ ހިމެނޭ މި ގްރޫޕަކީ މި މުބާރާތުގައި ވާދަކުރާ އެންމެ ވަރުގަދަ ގައުމުތައް ހިމެނޭ އެއް ގްރޫޕެވެ.
ޕެނަމާ އިން މި ފަހަރުގެ ވޯލްޑްކަޕުން ފުރުސަތު ހޯދާފައިވަނީ ކޮންކާކަފްގެ ކޮލިފައިންގެ ތިންވަނަ ބުރުގެ ގްރޫޕް އޭ ގައި ކުޅުނު ހަ މެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ސުރިނޭމް އާއި ގުއަޓެމާލާގެ އިތުރުން އެލް ސަލްވަޑޯ އެވެ.
ޕެނަމާގެ ކޯޗު ކަމާއި ސްޕެއިންގެ ތޯމަސް ކްރިސްޓިއަންސެން ހަވާލުވުމަށްފަހު އޭނާ ވަނީ ސަރަހައްދީ ފުޓްބޯޅައިގައި އެ ޓީމަކީ ވަރުގަދަ ޓީމެއްގެ ގޮތުގައި ހަދާފަ އެވެ. އެގޮތުން ކޮންކާކަފް ގޯލްޑްކަޕްގެ ފައިނަލުގައި 2023 ވަނަ އަހަރު ކުޅެފައިވާއިރު 2025 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލުގައި ވަނީ ކުޅެފަ އެވެ. މި ދެ މުބާރާތްވެސް އެމެރިކާ އާއި ކެނެޑާގައި ބާއްވާފައިވާއިރު މި ފަހަރުގެ ވޯލްޑްކަޕްގެ މެޗުތައް ކުޅޭ ދަނޑުތަކަކަކީ ޕެނަމާގެ ކުޅުންތެރިންނަށް ފަރިތަ ދަނޑުތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ