އިސްރާއީލުގެ އަމަލުތަކާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ފާޑުވިދާޅުވެފައި ވަނިކޮށް، އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަނެއްކާވެސް އާ ހަމަލާތަކެއް ދީފި އެވެ.
ލުބުނާނުގެ ދައުލަތުގެ މީޑިއާ، ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ބުނި ގޮތުގައި، ބުދަ ދުވަހު އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނީ ނަބަޓިއޭ އަލް-ފައުގާ ސަރަހައްދަށާއި އެ ސަރަހައްދާ އިންވެގެން އޮންނަ ކަފްރް ތެބްނިިޓްގެ ބޭރުގެ ސަރަހައްދުތަކަށް ހަމަލާ ދީފަ އެވެ.
މި ހަމަލާތަކާ ގުޅޭ ގޮތުން އިސްރާއީލުގެ އަސްކަރިއްޔާއިން އަދި އެއްޗެއް ބުނެފައި ނުވި ނަމަވެސް، މީގެ ކުރިން އެ ގައުމުން ބުނެފައިވަނީ ހަމަލާތައް އަމާޒުކުރަނީ އީރާނާ ގާތް ގުޅުމެއް އޮންނަ ހިޒްބުالله ޖަމާއަތަށް ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު އަދި އާންމުކޮށްފައި ނުވި ނަމަވެސް، މި އެއްބަސްވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރި ޕާކިސްތާނުން ބުނެފައިވަނީ މި އެއްބަސްވުމުގެ ތެރޭގައި ލުބުނާނު ވެސް ހިމެނޭ ކަމަށެވެ.
އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވީ، ލުބުނާނާ މެދު އަމަލުކުރުމުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަށްވުރެ ޒިންމާދާރުވާން ޖެހޭ ކަމަށެވެ.
ފްރާންސްގައި ބޭއްވި ޖީ7 ސަމިޓުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އިސްރާއީލުން ހިޒްބުالله އާ ހަނގުރާމަކުރާތާ "މާ ގިނަ ދުވަސް" ވެއްޖެ ކަމަށާއި، މި ހަނގުރާމައިގައި "މާ ގިނަ ބަޔަކު މަރުވަމުންދާ" ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ، "އެމެރިކާއާ ނުލައި އިސްރާއީލެއް ނޯންނާނެ" ކަމަށެވެ. އަދި އެހެން އެއްވެސް ރައީސަކު ކުރަން ބޭނުންނުވި ކަންތައްތައް އޭނާ ކޮށްދީފައި ވާތީ، އޭނާއާ ނުލައި ވެސް އިސްރާއީލެއް ނޯންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ހޯމަ ދުވަހު ނަތަންޔާހޫ ވިދާޅުވީ، "ބޭނުންވާހާ ދުވަހަކު" އިސްރާއީލުގެ ސިފައިން ލުބުނާނުގައި ތިބޭނެ ކަމަށެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިންޒާރު ދެއްވާފައިވަނީ، ލުބުނާނަށް އިސްރާއީލުން ދޭ ކޮންމެ ހަމަލާއެއް ނުވަތަ ލުބުނާނުގެ ބިމުގައި އިސްރާއީލުގެ އަސްކަރިއްޔާ ދެމިއޮތުމަކީ އެމެރިކާއާއެކު ވެފައިވާ ވަގުތީ އެއްބަސްވުމާ ހިލާފުވުން ކަމަށް ބަލާނެ ކަމަށެވެ.
"މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން" އެއްގެ ގޮތުގައި ސިފަކުރާ މި އެއްބަސްވުމުގެ ތަފްސީލުތައް ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ޓްރަމްޕްގެ ފާޑުކިޔުމަށް ބެލުމެއް ނެތި އިޒްރޭލުން އަނެއްކާވެސް ލުބްނާނަށް ހަމަލާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ