"ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްގެ މަސައްކަތް މިމަހު ފަށަނީ"

ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިމަހު ފެށުމަށް ތައްޔާރުވަމުންދާކަމަށް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ޕްރިޒަން ކޮމްޕްލެކްސްއަކީ މިހާރު އެކި ރަށްރަށުގައި ހިންގަމުންދާ ޖަލުތައް، ސެންޓްރަލް އެއް ޖަލަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކަކީ ކުށްވެރިން އިޞްލާޙުކޮށް އަލުން މުޖުތަމަޢަށް ނެރުމަށް މަގުފަހިވާނޭހެން ފަރުމާކުރެވިފައިވާ ތަންތަނަށް ވާންޖެހޭނެ ކަމަށެވެ. ނަމަވެސް، މިހާރު ހުރި ޖަލުތަކަކީ އެފަދަ ނިޒާމަކަށް އަމާޒުކޮށް ބިނާކޮށްފައިވާ ތަންތަން ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގޭނެ ފަދަ ގޮތަކަށް ޖަލުތަކުގެ ފަރުމާ ބަދަލުކުރުމަކީ، އިޞްލާޙީ މަސައްކަތްތައް ހަރުދަނާވެ، އެދެވޭ ނަތީޖާއެއް ހާސިލުކުރުމަށް ލިބޭނެ ބޮޑު ބާރެއް ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ މި ހުރިހާ ޚިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ލިބޭނެ ފަދަ "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" އެއް ރާއްޖޭގައި ގާއިމުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް މި ހިނގާ މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ބައެއް ޖަލުތައް އައު އިމާރާތަށް ބަދަލުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ޖަލުތަކުގެ ހިންގުން ހަރުދަނާކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަކީ ރައްޔިތުން ފަޚުރުވެރިވާ ފަދަ ނަމޫނާ މުއައްސަސާއަކަށް ހެއްދެވުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
"ތަންކޮޅެއް ލަސްވެއްޖެ އަޅުގަނޑުމެންނަށް މި މަސައްކަތުގައި ކުރަންޖެހޭ މަސައްކަތުގެ ބާވައްތަކުން ދައުލަތުގެ އެހެން މުވައްސަސާތަކާއި ގުޅިގެން ކުރަން ޖެހޭތީ އަޅުގަނޑުމެން އެންމެ އެދެވޭ ގޮތެއްގައި ނޫން ކަންކަން ތަރުތީބު ވެގެންދަނީ. އުނދަގުލުން ނަމަވެސް މިކަން ވެގެންދާކަމީ ކަރެކްޝަނަލް ސާރވިސްއަށާއި އަދި ޖަލުތަކުގައި ހިދުމަތް ހޯއްދަވާ ދިވެހި ރައްޔިތުންނަށް ކޮންމެހެންވެސް އުފާވެރި ކަމެއް ލިބިގެން އަންނާނެ ދުވަސްތަކެއް" ވަޒީރު ވިދާޅުވިއެވެ.
ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކުން ފުރިހަމަކުރާ ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ކޮންމެ ދުވަހަކަށް، އެ މީހެއްގެ ހުކުމުގެ މުއްދަތުން ދުވަހެއް އުނިކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ފާސްވެ، އަމަލީ ގޮތުން ތަންފީޒުވާން ފަށާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޕްރިޒަން ކޮމްޕްލެކްސްއާއެކު ކުށްކުރާ ކުޑަކުދިން ރިހެބިލިޓޭޓްކުރުމަށް ޤާއިމުކުރާ ހޯޕް އައިލެންޑް ތަރައްޤީކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. ޕްރިޒަން ކޮމްޕްލެކްސްއާއި ހޯޕް އައިލެންޑް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވަނީ އުތުރު ތިލަފަޅުގައެވެ.
ޕްރިޒަން ކޮމްޕްލެކްސް އެޅުމަށް 30 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ޕްރިޒަން ކޮމްޕްލެކްސްގައި، ރެޒިޑެންޝަލް ޔުނިޓް، ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީ، ހާފްވޭ ހައުސް، އެޑިއުކޭޝަން އެންޑް ޓްރެއިނިންގ ފެސިލިޓީ، 1000 މީހުންގެ ޖާގައިގެ މިސްކިތެއް، މެޑިކަލް ފެސިލިޓީ އަދި މިނޫންވެސް ޖަލަށް ބޭނުންވާނެ ޚިދުމަތްތައް ހިމެނެއެވެ. މި ފެސިލިޓީއަކީ މިހާރު ވަކިވަކި ޖަލުތަކުގައި ޚިދުމަތް ދިނުމުގެ ސަބަބުން ދިމާވާ ދަތިތަކާ މައްސަލަތައް ހައްލުކުރުމަށް ހިންގާ މަޝްރޫޢެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ