މާލޭގެ މަސް މާރުކޭޓް ތަރައްގީ ކުރުމަށް ބޭނުންވާ ބިން އެ މިނިސްޓްރީއާ ހަވާލުކުރާނީ ސިޓީ ކައުންސިލުން ތަފާތު ދެ ކުންފުންޏަކާއެކު އެ މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުންތައް ބާތިލުކުރުމަށް ފަހު އެ ކައުންސިލުން މިއަދު ކަނޑައަޅައިފި އެވެ.
މާލޭގެ މަސް މާރުކޭޓް ތަރައްގީ ކުރުމަށް ސިޓީ ކައުންސިލުން ގޮތް ނޭނގޭ ދެ އެއްބަސްވުން ހަދާފައިވާއިރު އެ ދެ އެއްބަސްވުމުގެ ފަރަގު 53 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ. އެ މައްސަލަ ބަލަން މިދިޔަ ދައުރުގެ ކައުންސިލުގައި މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތު އޭރު މެޖޯރިޓީ އޮތް ޕީއެންސީން ދީފައި ނުވެ އެވެ.
މަސް މާރުކޭޓެއް ތަރައްގީ ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މަޝްރޫއުއެއް އިފްތިތާހުކޮށްފައިވާއިރު ބިން ހަވާލުކުރުމަށް އެދި އެ މިނިސްޓްރީން ވަނީ ސިޓީ ކައުންސިލަށް ސިޓީއެއް ފޮނުވާފަ އެވެ. އެ މަޝްރޫއު ކުރިއަށްނުދަނީ ބިން ނުދޭތީ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
"އެންމެހާ ތަފްސީލެއް މި ކައުންސިލާ ހިއްސާކޮށް، އަދި މި ކައުންސިލުން އެހެން ދެ ފަރާތާ ވެފައިވާ ވެޓް މާކެޓު ޕްރޮޖެކްޓުގެ އެއްބަސްވުން ބާތިލުކޮށް، މި އެންމެހާ ކަންކަން ގާނޫނީ އިމުގެ ތެރޭގައި ހިންގުމަށް ބޭނުންވެ،" ސިޓީ ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ސިޓީ ކައުންސިލުން ނިންމާފައިވަނީ އެ މަޝްރޫއުގެ މައުލޫމާތު އެ ކައުންސިލާ ހިއްސާނުކުރާނަމަ ބިން ހަވާލުނުކުރުމަށެވެ. އޭގެ ތެރޭގައި މަޝްރޫއުގެ ތަފްސީލީ ކުރެހުންތަކާއި، ހަވާލުކުރި ކުންފުނީގެ މައުލޫމާތާއި އެއްބަސްވުމުގެ ކޮޕީ ހިމެނެ އެވެ.
މާލޭ މަސްމާރުކޭޓު ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި އޮތީ 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައި ބަޔަކާ ހަވާލު ކޮށްފަ އެވެ.
ނަމަވެސް މުއިއްޒު ރައީސްކަމަށް އިންތިހާބުވެ، މޭޔަރު ކަމަށް އާދަމް އާޒިމް އިންތިހާބުވުމުގެ ކުރިން އެ އެއްބަސްވުން ބާތިލުކޮށް އެހެން ބަޔަކާ މަސްމާރުކޭޓު އޮތީ ހަވާލު ކޮށްފަ އެވެ. ފަހުން ހަދާފައިވާ އެއްބަސްވުމުގެ އަގަކީ 9.5 މިލިއަން ޑޮލަރެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ ކައުންސިލުގެ ލީގަލް ސެކްޝަނުގެ ވެރިޔާ، އަލީ ނަސީރު ގާސިމް އެވެ.
މަސް މާރުކޭޓު އަޅާ ބިން ހަވާލުކުރާނީ ދެ ކުންފުންޏަކާއެކު ހަދާފައި އޮތް އެއްބަސްވުން ބާތިލުކުރުމަށް ފަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ