ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު އަނބުރާ ކޮމިޓީއަށް

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ތަސްދީގުނުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާލާފައިވާތީ އެ ބިލު އަލުން ދިރާސާކުރުމަށް އިޖުތިމާއީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ. 
އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސް ކުރީ މެއި 14، ގަ އެވެ. އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލީ މެއި 31، ގަ އެވެ. އެ ބިލު ތަސްދީގު ނުކުރި ސަބަބު އޭރު ހާމަކޮށްފައެއް ނުވެ އެވެ. 
މިއަދުގެ މަޖިލިސް ޖަލްސާގައި އެ ބިލު ކޮމިޓީން އަލުން ދިރާސާކުރުމަށް ފޮނުވީ 62 މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތަށް ހުށަހެޅީ ވެރިކަން ކުރާ ޕީއެންސީންނެވެ. 
މި ބިލަކީ ހަތް މަސްދުވަހުން މަޖިލީހުން ނިންމި ބިލެކެވެ. އެންމެ ފުރަތަމަ ކޮމިޓީ މަރުހަލާ ފެށީ އޮކްޓޯބަރު 21، 2025 ގަ އެވެ. އެ ކޮމިޓީން އެންމެ ފުރަތަމަ ނިންމީ ނޮވެމްބަރު 25، 2025 ގައި ބިލު ނިންމުމަށެވެ. ނަމަވެސް، ބިލުގެ މަސައްކަތް އެ ތާރީހުގައި ވެސް ނުފެށި ފަހުން ބިލު ނިންމާލެވުނީ ހަތް މަސްދުވަހުންނެވެ. 
މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ ޓްރާންސްޕްލާންޓް ކުރާ ގުނަވަން ހަދިޔާ ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް މަޖިލީހުން ބިލަށް ގެނައި އިސްލާހުތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"ބަންދެއްގައި ތިބޭ މީހުންނަކީ އެމީހުންގެ އަމިއްލަ އިހުތިޔާރާއި މިނިވަންކަން ގައިދުވެ ހާއްސަ ހާލަތެއްގައި ތިބޭ ބަޔެއް ކަމުގައިވާއިރު އެމީހުންނަކީ ފުރިހަމަ ރުހުމާއެކު އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި ގުނަވަނެއް ހަދިޔާ ކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ބައެއް ކަމުގައި ބެލެވިދާނެ ކަމަކަށް ނުފެނޭ،" މަޖިލީހަށް އިއްވި ރައީސްގެ ސިޓީގައި ބުނެފައިވެ އެވެ. 
ގުނަވަން ޓްރާންސްޕްލާންޓު ކުރުމާ ގުޅޭ ބިލަކީ، އެފަދަ މެޑިކަލް ޕްރޮސީޖާތައް ކުރިއަށްގެންދިޔުމުގެ ހުއްދަ ދިނުމަށްޓަކައި ހެދި ބިލެކެވެ. އަދި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ މަސައްކަތް ކުރާ ތަންތަނުގައި ހުންނަންޖެހޭ ފެންވަރު ކަނޑައަޅައި ހުއްދަ ދިނުމަކީ ވެސް ބިލުގެ އެއް ބޭނުމެވެ. 
އޭގެ އިތުރުން، ގުނަވަން ޓްރާންސްޕްލާންޓް ކުރާ ތަނަކުން ހިދުމަތް ލިބިގަންނަ މީހާއަށް ލިބިދޭ ހައްގުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ހިދުމަތްދޭ ފަރާތްތަކަށް ލިބިދޭ ހައްގުތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ