ފުރަތަމަ ހާފުގައި މުހައްމަދު ނަޝީދު ކާމިޔާބުކުރި ހެޓްރިކާ އެކު ބިސް ބުރު ސްޕޯޓްސް އަންނަ ސީޒަންގެ ޕްރިމިއާ ލީގު ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.
މިއަދު ހަވީރު ގަލޮޅުދަނޑުގައި ކުޅުނު ޕްރިމިއާ ލީގު ޕްލޭއޮފް މެޗުން ބިސް ބުރު ސްޕޯޓްސް މޮޅުވީ ގދ. ގައްދުއާ ވާދަކޮށް 6-0 އިންނެވެ.
މެޗުގެ ދެވަނަ މިނިޓުގައި ނަޝީދު ބިސް ބުރަށް ލީޑު ނަގައިދިން އިރު، ލީޑު ފުޅާކުރި ލަނޑު ޖެހީ 15 ވަނަ މިނިޓުގަ އެވެ. އޭގެ 10 މިނިޓް ފަހުން އާމިރު ޝުއެއިބް އަލް ސިއްދީގް މުހައްމަދު ތިންވަނަ ލަނޑު ޖެހިއިރު ހަ މިނިޓް ފަހުން ހަތަރު ވަނަ ލަނޑު ޖަހައިދިނީ މަހުމޫދު އަޝްރަފް މުސްތަފާ އެވެ. ނަޝީދު އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގަ އެވެ.
ނަޝީދު ވަނީ މެޗުގައި ޖުމްލަ ހަތަރު ގޯލު ޖަހައިފަ އެވެ. ދެވަނަ ހާފުގައި ބިސް ބުރުގެ ހަމައެކަނި ލަނޑު އޭނާ ޖަހައިދިނީ 71 ވަނަ މިނިޓުގަ އެވެ.
މި ނަތީޖާއާ އެކު ބިސް ބުރު ވަނީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައި، އެންމެ ކުރީގައި ޓީސީ ސްޕޯޓްސް ކްލަބާ ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށްފަ އެވެ. ދެ ޓީމު ވެސް އަދި މެޗަކުން ބަލި ވެފައި ނުވާއިރު ބިސް ބުރު ކުރީގައި އޮތީ ފައިދާ ނުވަ ގޯލާ އެކު އެވެ. ޓީސީއަށް ވަނީ ފައިދާ ހަ ގޯލު ލިބިފަ އެވެ.
ހަ ޓީމު ވާދަ ކުރާ ޕްލޭއޮފްގައި ކޮންމެ ޓީމަކަށް ވެސް ދެން އޮންނާނީ ދެ މެޗެވެ. ޕްރިމިއާ ލީގު ޖާގައެއް ކަށަވަރު ކުރަން ބިސް ބުރާއި ޓީސީ އަށް ވެސް ބޭނުން ވަނީ ޕޮއިންޓެކެވެ.
ޕްލޭއޮފްގެ ގަދަ ހަތަރު ޓީމު 2026/2027 ސީޒަނުގެ ޕްރިމިއާ ލީގަށް ކޮލިފައި ވާނެ އެވެ. މި ވަގުތު ޕްލޭއޮފްގެ ތިންވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދާފައިވާ ހއ. ދިއްދު އެވެ. ތިން މެޗުން ގައްދު އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ކ. ހުރާ އަދި ކްލަބް ގްރީން ސްޓްރީޓްސް އަށް ވެސް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ.
* 20 ޖޫން (16:00) - ގްރީން / ދިއްދޫ
* 20 ޖޫން (21:00) - ހުރާ / ބިސް ބުރު
* 21 ޖޫން (16:00) - ގައްދޫ / ޓީސީ
* 24 ޖޫން (16:00) - ހުރާ / ޓީސީ
* 24 ޖޫން (21:00) - ގްރީން / ގައްދޫ
* 25 ޖޫން (16:00) - ދިއްދޫ / ބިސް ބުރު
ނަޝީދުގެ ހެޓްރިކާ އެކު ބިސްބުރު ޕްރިމިއާ ލީގު ޖާގައަކާ ގާތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ